މާލޭގައި މި ދުވަސްވަރު ހަލުއިކަމާ އެކު ޑެންގީ ހުން ފެތުރެމުން ދާތީ އެކަމަށް ސަމާލުވުމަށް، ސެންޓަ ފޮ ކޮމިއުނިޓީ އެންޑް ހެލްތު ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ)ން އިލްތިމާސްކޮށްފި އެވެ.
އެތަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮންމެ އަހަރެއްގެ މެއި މަހުން ޖުލައި މަހާ ދޭތެރޭ ޑެންގީ ހުން ފެތުރޭލެއް އިތުރުވާ ކަމަށާއި އެގޮތުން މާލެ އާއި ގިނަ ރަށްރަށުގައި ވެސް މިދުވަސްވަރު ހަލުއި ކަމާއެކު ޑެންގީ ފެތުރެމުންދާ ކަމަށެވެ.
ސީސީއެޗްޑީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއިން ޑެންގީ ހުމުގެ 500 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ޖުލައި މަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
ޑެންގީ ހުން ޖެހިގެން ގިނަ އަދަދެއްގެ މީހުން ފަރުވާ ހޯދާ ކަމަށް އޭޑީކޭއިންނާއި އައިޖީއެމްއެޗުން ވެސް ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗުން ބުނީ، ގަދައަށް ހުން އައިސްގެން، މި މަހު ކުރީކޮޅު ގިނަ އަދަދެއްގެ މީހުން ފަރުވާ ހޯދުމަށް ދިޔަ ނަމަވެސް މިހާރު އެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައިވާ ކަމަށެވެ.
"އެކަމަކު އަދިވެސް ވަރަށް ގިނަ މީހުން ހުން އައިސްގެން ޑޮކްޓަރަށް ދައްކަން އާދޭ،" އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި ހުން ހަލުއިކަމާ އެކު ފެތުރެމުން ދާތީ، އެއްވެ އުޅޭ ތަންތަނަށް ބަލި މީހުން ދާއިރު، އަނގަޔާއި ނޭފަތް ކަވަރު ކުރުމަށް ސީސީއެޗްޑީސީން އިލްތިމާސް ކުރެ އެވެ. އަދި ހުން އަންނަ މީހުން ތިން ދުވަހަށް ވުރެ ގިނަ ދުވަހު ޑޮކްޓަރަށް ނުދައްކައި، ނުތިއްބުމަށް ވެސް އެތަނުން އިލްތިމާސް ކުރެ އެވެ.
ކޮންމެ އަހަރެއްެގެ ވެސް މި ދުވަސްވަރު ޑެންގީ ހުން ޖެހޭ މީހުން އަދަދު އިތުރުވަމުން ދާތީ ޑެންގީ ކޮންޓްރޯލްކުރުމަށް ސީސީއެޗްޑީސީން ވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ކެމްޕޭނެއް ފަށައިފަ އެވެ. ސިއްހީ ދާއިރާއާ ގުޅުން ހުރި އިދާރާތަކާއި ބައެއް މަދަނީ ޖަމިއްޔާތައް ގުޅިގެން މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ކެމްޕޭންގައި ޑެންގީ ހުން ޖެހުމުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއި އަމިއްލަ ޒިންމާތަކާ ބެހޭ ގޮތުން ވަނީ ހޭލުންތެރިކޮށްފަ އެވެ.

އެމްޑީޕީގެ މުޒާހަރާ
ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
0 comment