ޑރ.ޢަބުދުލް ޢަޒީޒު ޙަމީދު (މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން)
_________________________________________
ދިވެހި ނަން : ފޭރު
ފޭރުގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ 68 ކިލޯކެލަރީ
ކާބޯހައިޑްރޭޓް 14.3 ގްރާމް
ޕްރޮޓީން 2.55 ގްރާމް
ފެޓް 0.95 ގްރާމް
ފައިބަރު 5.4 ގްރާމް
ފޮލިކް އެސިޑް 49 މައިކްރޯ ގްރާމް
ނިއެސިން 1.084 މިލިގްރާމް
ޕެންތޮނިކް އެސިޑް 0.451 މިލިގްރާމް
ޕައިރިޑޮކްސިން 0.110 މިލިގްރާމް
ރައިބޯފްލެވިން 0.040 މިލިގްރާމް
ތިއެމިން 0.067 މިލިގްރާމް
ވިޓަމިން އޭ 624 އައިޔޫ
ވިޓަމިން ސީ 228 މިލިގްރާމް
ވިޓަމިން އީ 0.73 މިލިގްރާމް
ވިޓަމިން ކޭ 2.6 މައިކްރޯ ގްރާމް
ސޯޑިއަމް 2 މިލިގްރާމް
ޕޮޓޭސިއަމް 417 މިލިގްރާމް
ކެލްސިއަމް 18 މިލިގްރާމް
ކޮޕަރ 0.230 މައިކްރޯގްރާމް
ދަނގަޑު 0.26 މިލިގްރާމް
މެގްނީޒިއަމް 22 މިލިގްރާމް
މެންގަނީޒް 0.150 މިލިގްރާމް
ފޮސްފަރަސް 11 މިލިގްރާމް
ސިލެނިއަމް 0.6 މައިކްރޯ ގްރާމް
ޒިންކް 0.23 މިލިގްރާމް
ކެރޮޓީން ބީޓާ 374 މައިކްރޯ ގްރާމް
ލައިކޯޕީން 5204 މައިކްރޯ ގްރާމް
ފޭރަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. ފޭރުގައި ލައިކޯޕީން ގިނަ އަދަދަކަށް އެކުލެވޭތީ، ފޭރު ބޭނުންކުރުމަކީ ޕްރޮސްޓޭޓް ކެންސަރާއި، އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެ އެވެ.
ފޭރަކީ އޭގެ ތަބީއަތުގައި ވެސް، ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކުރާ އެއްޗެކެވެ. އަދި ފޭރުގައި ފައިބަރު ހުރުމަކީ ފޭރު ބޭނުންކުރުމުން، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭގެ ސަރުބީގެ މިންވަރު ދަށްކޮށްދީ، ލޭމައްޗަށްދިއުމާއި ހާޓް އެޓޭކް ޖެހުން ފަދަ ހިތުގެ ބަލިތަކާއި ދުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ފޭރުގައި ޕޮޓޭސިއަމް ގިނައިން ހުރުމުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހިތުގެ ވިންދު ތަރުތީބުކޮށް ހަމައަކަށް އެޅުވުމުގައި އެހީތެރިވެދެއެވެ. ފޭރަކީ ބޭރަށްހިންގުމުގެ އުދަނގޫ ލުއިކުރުމަށް ވެސް ބޭނުންކުރެވިދާނެ ރަގަޅު މޭވާ އެކެވެ.
ފޭރު ފަނި ބުއިމުން، ކެއްސުން ލުއިވެ، ކަރުތެރޭގައި ދަވަ އުފެދުން ދަށްވެ، ނޭވާލާ ނިޒާމާއި، ކަރުތެރެ އަދި ފުއްޕާމޭގައި ހުންނަ އިންފެކްޝަންގެ އަސަރު ދުއްވާލަ އެވެ. ފޭރުގައި ވިޓަމިން ސީ އާއި ދަގަނޑު ގިނައިން ހުރުމަކީ ވެސް އަރިދަފުސް ރޯގާ އާއި އެހެނިހެން ވައިރަހުގެ ސަބަބުން ޖެހޭ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. ފޭރުގައި އެންޓި އޮކްސިޑެންޓް ގޮތުގައި ބެލެވޭ ވިޓަމިން ސީ، ވިޓަމިން އޭ ވިޓަމިން އީ އަދި ޕޮޓޭސިއަމް ހުރެ އެވެ. މިމާއްދާތައް ފޭރުގައި ހުރުމަކީ ހަމުގެ ދުޅަހެޔޮކަން ރަގަޅުކޮށްދޭނެ ކަމެކެވެ.
ފޭރުގައި ވިޓަމިން އޭ ވެސް ގިނަ އަދަދަކަށް ހުރެ އެވެ. މިކަމުގެ ސަބަބުން ލޮލުގެ ފެނުން ރަގަޅުކޮށްދީ ލޮލުގެ ބަލިތަކުން ސަލާމަތްކޮށް ރައްކާތެރިކޮށް ދެ އެވެ. ފޭރުގައި ހިމެނޭ މައުދަނެއް ކަމުގައިވާ މެގްނީޒިއަމް އަކީ މަސްތަކާއި ނާރުތަކުގެ މަސައްކަތްތައް ފުރިހަމަކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މެގްނީޒިއަމްގެ ސަބަބުން ފިތި ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އަޅުވައި އޭގެ މަސައްކަތްތަކަށް ދިރުން ގެނުވާކަން ފާހަގަ ކުރެވެ އެވެ.
ފޭރުގައި ވިޓަމިން ބީގެ ވައްތަރުތައް ހުރެ އެވެ. ހާއްސަކޮށް ނިއެސިން އަދި ޕައިރިޑޮކްސިން ގިނައިން ހުރެ އެވެ. ނިއެސިން އަކީ ސިކުނޑީގެ މަސައްކަތް ރަގަޅުކޮށް ލޭދައުރުވުން އިތުރުކޮށްދޭ މާއްދާ އެކެވެ. ޕައިރިޑޮކްސިން އަކީ ސިކުނޑި އާއި އެއާ ގުޅިފައިވާ ނާރުތަކުގެ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންތެރި މާއްދާ އެކެވެ. މީގެ އިތުރުން ފޭރު ބޭނުންކުރުމަކީ ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދޭނެ ކަމެކެވެ.

1 comment