އައްޑޫގައި ސަގާފީ މަރުކަޒެއް ހަދަމުން އަންނަ ވާހަކަ އަޑު އިވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެހެން ނަމަވެސް އެތަން ހުންނާނެ ގޮތަކާއި އެތަނުން ފެންނާނީ ކޮން ކަހަލަ މަންޒަރުތަކެއްތޯއާ މެދު ވަރަށް ބޮޑަށް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
އައްޑު އަށް ބަލާ އިރު ވެސް އާންމުންގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ދިވެހިންގެ ކުރީގެ ދިރިއުޅުން ހުރި ގޮތާއި މިހާރު ހުރި ގޮތާ ދެމެދު ހާސްބައި ތަފާތެވެ. އައްޑޫގެ ރަށްރަށަށް ބަލާ އިރު އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅި މިހާރު ހުރި ގޮތުން "ދިވެހިވަންތަކަން" ކުޑަ އެވެ. އެ ބަދަލު މުޅި ރާއްޖޭން ވެސް މިހާރު ދަނީ ފެންނަމުންނެވެ.
ދިވެހި ކާބަފައިންގެ ދިރިއުޅުން އޭރު ހުރީ ވަރަށް ސާދާ އަދި ވަރަށް އާދައިގެ ގޮތްތަކަކަށެވެ. އެ މީހުންގެ ދިރިއުޅުން ހުރި ގޮތުގެ މަންޒަރުތަކެއް މިހާރު ފެންނާނެ ނަމައޭ ހިތަށްއަރާ މީހަކަށް އޮތް އެންމެ ރަނގަޅު އެއް ފުރުސަތަކަށް ހަމަގައިމު ވެސް ސ. ހިތަދޫގައި ތައްޔާރު ކުރާ ސަގާފީ މަރުކަޒު ވާނެ އެވެ.
މިދިޔަ ހުކުރުދުވަހު އަޅުގަނޑަށް އެތަނަށް ވަދެ، ބަލައިލުމުގެ ފުރުސަތު ލިބުނެވެ. އުސްކޮށް ވަށާ ފާރު ރާނައި، ދޮރުއަށި ލާފައި ހުރި އެ ގޯތީގެ ތެރެއަށް ވަން އިރު ފެނިގެން ދިޔައީ ކުރިން އުންމީދު ވެސް ނުކުރާ ކަހަލަ މަންޒަރުތަކެކެވެ. އެހެންވެ އިހުސާސް ކުރެވުނީ ދިވެހިންގެ ސާދާ ދިރިއުޅުމުގެ މާޒީގެ ތެރެއަށް ދަތުރުކޮށްލެވުނު ހެންނެވެ. އެ
މާހައުލަށް ނަޒަރު ހިންގާލުމުން ފެނުނީ ރާއްޖޭގެ ރަށެއްގެ ދިރިއުޅުން މީގެ އެތައް އަހަރެއް ކުރިން ހުންނާނެ ގޮތެވެ.
ހިތަދޫ އޮޑައްސައު އަވަށުގެ ކައިށި ބެހާ ފަންނު (ކާށި ބަހާ ފަންނު) ގައި ހަދަމުން އަންނަ ސަގާފީ މަރުކަޒުގެ ތެރޭގައި ޖުމްލަ ހަތް އިމާރާތެއް ހުއްޓަ އެވެ. އެ ހުރިހާ އިމާރާތްތަކެއް ވެސް ހުރީ ދަނޑިފަނުން ހަދައި ހިޔާކޮށްފަ އެވެ. އެ އި އިމާރާތްތައް ހުރީ އުވަ ބޭނުންކޮށްގެން ހިރި ގަލުން ރާނާފައި ހުރި ބުޑުތަކެއްގެ މަތީގަ އެވެ.
ސޯޅަ ހާސް އަކަފޫޓުގެ އެ ބިމުގައި ހުރި ދިވެހި ގޮތްގަނޑު ވަރަށް ބޮޑަށް ދައުކުވައިދޭ، ހަތް އިމާރާތް ހުރީ އެކި ސަރަހައްދުތަކަށް ބަހާލައިފަ އެވެ. ދޮރޯށިން ވަންނަ އިރު ކުރިމަތިން ޖެހޭ އިމާރާތަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް މެހުމާންދާރީ އަދާކުރުމަށް ހަދާފައިވާ ތަނެވެ.
އޭގެ ކަނާތް ފަރާތަށް ހުރީ އަތްތެރި މަސައްކަތްތައް ދައްކުވައި ދޭން ހަދާފައި ހުރި "ކަނބުރު ގެއެކެވެ." ދެން ހުރީ ގެއެކެވެ. ގޭގެ ފުރަގަހަށް ގިފިލި ހުރި އިރު ގޭގެ އެއް ފަރާތުގައި ހުރީ ބަދިގެ އެވެ.
ބަދިގޭގެ އެއް ފަރާތުގައި ކުޑަވަރެއްގެ އަލަ އޮޅެކެވެ. ސަގާފީ މަރުކަޒު ހުރި ބިމުގައި މިހާރު ވެސް ފަތްކެޔޮ ގަހާއި، މުރަނގަ ގަހާއި ރުއް ވެސް އެބަ ހުއްޓެވެ.
މީގެ އިތުރުން އެތަނުގައި ދިވެހިން ކާން ބޭނުން ކުރާ ބާވަތްތައް ލިބޭ އިތުރު ގަސްތައް ވެސް އިންދާނެ އެވެ. އަދި އިމާރާތްތަކުގެ އެތެރެ އަށާއި މުޅި ސަރަހައްދަށް ކަށި ވެލި ލާނެ އެވެ. އިމާރާތްތައް ދިއްލުމަށް ބޭނުން ކުރާނީ ފުޅި ބައްތި އާއި ފާނޫޒާއި ބިގަރެވެ.
ގެއާ ކުރިމައްޗަށްވާ ގޮތަށް ހުރީ ދޯންޏެއް ވެސް އޮތް އޮޑިހަރުގެއެކެވެ. އެތަނާ ތަންކޮޅެއް ދުރުގައި ހުރީ އެދުރުބެ ނުވަތަ އެދުރު ދައިތަ ގެ އެވެ.
އެތަނުގައި އެންމެ ޖާގަ ބޮޑުކޮށް ހަދާފައި ހުރި އިމާރާތަކީ ސަގާފީ، ތާރީހީ އަދި ދިވެހިންގެ ދިރިއުޅުމާ ބެހޭ ތަފާތު އެއްޗެހި ދައްކާލުމަށް ހޯލެއް ގޮތަށް ހަދާފައިވާ އިމާރާތެވެ. މިއިން ކޮންމެ ތަނެއް ހަދާފައި ވަނީ ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް ވަރަށް ވަރުގަދަކޮށެވެ. އިމާރާތްތައް ހެދުމަށް ދަނޑިތަކަށް ރޯނުގެ ކޮންމެ ގޮށެއް ވެސް ޖަހާފައި ވަނީ ކުރިން ދިވެހިން އެކަން ކުރި ގޮތަށެވެ. އެ މަސައްކަތުގެ އަޑީގައި ހުރީ މަޝްހޫރު ނަމުން ނަމަ ޖުހާ އަހައްމަދުބެ އެވެ. މީގެ އިތުރުން ތަނަށް ފުރިހަމަކަން ގެނައުމަށް ދުވަސްވީ ވަރަށް ގިނަ މުސްކުޅިންގެ މަޝްވަރާ އާއި ހިޔާލު ހޯދާފައިވެ އެވެ.
މިއީ ސައްތަ އިން ސައްތަ ދިވެހި ގޮތްގަނޑު، ދިވެހިންގެ ދިރިއުޅުން ދައްކުވައި ދޭނެ ވަރަށް ފުރިހަމަ ސަގާފީ މަރުކަޒަކަށް ވާނެ ކަމަށް އެމީހުން އުންމީދު ކުރެ އެވެ. އަމިއްލަ ބަޔަކު އިސް ނަގައިގެން އައްޑޫގައި ހަދާ ފުރަތަމަ ސަގާފީ މަރުކަޒުގެ ތީމަކަށް ހަމަޖައްސާފައި ވަނީ "ވީ ހޭވް އަ ސްޓޯރީ ޓު ޓެލް" އެވެ. މާނައަކީ "ކަލޭމެންނަށް ކިޔައި ދޭނެ ވާހަކަތަކެއް އެބަ ހުއްޓެވެ."
މި މުހިއްމު އަދި ބޮޑު މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވަނީ ތާރީހީ އެތައް ފޮޓޯތަކެއް ރައްކާ ކުރަމުން އަންނަ ސ. ހިތަދޫ ޓޯކިއޯ އިބްރާހީމް ފިރާގާއި އެ ރަށު ފިސްފިސާގޭ ސައިފްﷲ ހަމީދުގެ އިތުރުން އެ ރަށު ޗަމްޕާޕޫލްމާގޭ މިންހާޖް ނަޒީރު އެވެ. އެ ތިން މީހުންނާ އެކު މިތަން ތައްޔާރު ކުރުމުގައި ރައްޓެހިންނާއި މަސައްކަތުގެ ތަޖުރިބާ ހުރި
ފަރާތްތަކުން ބައިވެރިވެ އެވެ. މާލީ ގޮތުން ވެސް މިކަމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާކަން އެ މީހުން ފާހަގަކުރެ އެވެ.
ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގައި ހަދާފައިވާ މިފަދަ މަރުކަޒުތަކަށް ޒިޔާރަތްކޮށްފައިވާ މީހުންގެ ފަރާތުން ވަރަށް ރަނގަޅު ހިޔާލުތަކެއް މިހާތަނަށް ލިބިފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ. އެހެންވެ ހިތަދޫގައި ހަދާ ސަގާފީ މަރުކަޒުގެ މަސައްކަތް އެއްކޮށް ނިންމާލައި އެތަން އާންމު ކުރާ އިރު ގިނަ ބަޔަކަށް ވަރަށް ބޮޑު "ސަޕްރައިޒެއް" ލިބޭނެ ކަމަށް ފިރާގާއި ސައިފުﷲގެ ޓީމުން އުންމީދު ކުރެ އެވެ.
"މި މަސައްކަތަކީ ހަމަ ކުއްލިއަކަށް އަޅުގަނޑުމެންނަށް އައި ހިޔާލަކަށް ފެށުނު މަސައްކަތެއް. ތަން ހަދަން ފެށި އިރު ވެސް ޕްލޭންތަކެއް ނެތް. އެހެން ނަމަވެސް ފަހުން މަސައްކަތުގެ ތެރެއަށް ވަދެވުނުލެއް ބޮޑުކަމުން މިތަން ހުންނާނެ ގޮތުގެ ޑިޒައިން ސިކުނޑީގައި ކުރެހި ތަނުގެ އިމާރާތްތައް ހުންނާނެ ތަންތަން ވެސް ޕްލޭންވެގެން ދިޔައީ،" ސައިފްﷲ ބުންޏެވެ. "މިއީ އަޅުގަނޑުމެން ފެށި ވަރަށް ބޮޑު އަދި ވަރަށް މުހިއްމު މަސައްކަތެއްގެ ގޮތުގައި ދެކެނީ. އެންމެ ބޮޑު ބޭނުމަކީ ދިވެހިންގެ ދިރިއުޅުން މިހާރުގެ ޖީލަށާއި ކިޔަވާ ކުދިންނަށާއި އައްޑު އަށް އަންނަ ޓޫރިސްޓުންނަށް އެއް ތަނަކުން ދައްކާލެވޭނެ ގޮތެއް ހެދުން. މިތަނަށް ވަނުމުން އިހުސާސް ކުރެވޭނެ ދިރިއުޅުން ފްލޭޝް ބެކްވެގެން ދިޔަހެން. އެ އިހުސާސް މިތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގެނެސް ދޭން އަޅުގަނޑުމެން ބޭނުން ވަނީ. އަދި މިތަނުގައި ޒުވާނުންނަށް ދިވެހި ސަގާފީ މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕްތަކެއް ވެސް ކުރިއަށް އޮތް ތަނުގައި ހިންގާނަން. މިސާލަށް ލިޔެލާ، ލަކުނޑިން ތަފާތު ބާވަތްތައް އުފެއްދުން ކަހަލަ މަސައްކަތްތައް."
ކުއްލިއަކަށް އައި ހިޔާލަކަށް އަދި މާ ބޮޑު ޕްލޭނެއް ވެސް ނެތި މި އަހަރުގެ މެއި މަހުގެ ތެރޭގައި ފެށި މި މަޝްރޫއުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިންމާލައިފަ އެވެ. ތަނުގައި އިމާރާތްތަކުގެ މަސައްކަތް އެއްކޮށް ނިންމާފައިވާ އިރު ދެން އޮތީ ފިނިޝިން މަސައްކަތްތަކެވެ.
އެގޮތުން ކޮންމެ އިމާރާތާކަށް ވެސް އެތަނަކާ ގުޅޭ ތަކެތި ވައްދައި ތަން ޒީނަތްތެރިކޮށް ނިމޭ އިރު، ތަނުގެ ފުރިހަމަކަން ވަޒަންކޮށްލެވޭނެ ކަމަށް ސަގާފީ ސެންޓަރު ހަދާ ޓީމުން ބުންޏެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މިތަނުގައި ބޭނުން ކުރާ ހިފާ ގެންގުޅޭ ހުރިހާ ތަކެއްޗަކީ ވެސް ދިވެހިން ކުރިން ބޭނުން ކުރި ތަކެތި ކަމެވެ. އެކި ތަންތަނުން އެފަދަ ތަކެތި ހޯދުމުގައި ގޮންޖެހުންތަކެއް ވެސް ކުރިމަތިވި އެވެ. އެހެން ނަމަވެސް ސަގާފީ މަރުކަޒުގެ ޓީމުން ހިތްވަރުލައިގެން އެމީހުންގެ މަސައްކަތް ވަނީ ކާމިޔާބުކޮށްފަ އެވެ. ގޭގައި ބޭނުން ކުރާ ތަށި ސަމުސާ ރޯނު އެނދު، ގޮނޑި، އަށި، ފޮށި، ގަނޑި ފަދަ އެއްޗަކަށް ވިޔަސް ހުރީ ހަމަ އެންމެ ކުރީގައި ގެންގުޅުނު ތަކެއްޗެވެ.
އެ ޓީމުން ބުނީ އެތަނުގެ މަސައްކަތް ނޮވެންބަރު މަހު ބާއްވާ ސާކް ސަމިޓަށް ނިންމާނެ ކަމަށެވެ. އަދި ސަމިޓާ ދިމާކޮށް އަންނަ އެކިއެކި ފެންވަރުގެ ބޭފުޅުންނަށް އެތަން ދައްކާލުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
ސާކް ސަމިޓާ ދިމާކޮށް ސަގާފީ މަރުކަޒު ހުޅުވުމަށް ފަހު، އެތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ތަފާތު އަގުތަކުގެ ޕެކެޖްތަކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. އަދި އައްޑޫގައި މިހާރު ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ހެރަތެރަ ރިސޯޓާ ވެސް ޓުއާތައް ރޭވުމުގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ. އަދި އެ ފުރުސަތު އާންމުންނަށް ވެސް އޮންނާނެ އެވެ.
ހިތަދޫގައި ހަދާ ސަގާފީ މަރުކަޒަކީ އައްޑު އަށް ކުރިއަށް އޮތް ތަނުގައި ވަރަށް މުހިއްމު ތަނަކަށް ވެގެން ދާނެ އިރު އެއީ އިގުތިސާދީ ގޮތުން ވެސް މުހިއްމު ތަނަކަށް ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

އެމްޑީޕީގެ މުޒާހަރާ
ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
0 comment