ތާރީހް

ގަމު ފިލާފަތްކޮޅު

ނަސީމާ މުހައްމަދު
21 ޖެނުއަރީ 2012 1 ކޮމެންޓު
  • ގަމު ފިލާފަތްކޮޅު

"ގަމު ފިލާފަތްކޮޅު" އަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގެ ފަސް ވަނަ އަހަރު ކަމަށްވާ 23 މުހައްރަމް 1063 ވަނަ ދުވަހު ލިޔެފައިވާ ފަތްކޮޅެކެވެ. މީލާދީ ސަނަތުން މިއީ، ޑިސެމްބަރު ،24 1652 މިދުވަހެވެ. މި ފަތްކޮޅު ލިޔެފައިވަނީ ބަނބުކޭލު ފިލައެއްގަ އެވެ. ބޭނުންކޮށްފައި ވަނީ މީލާދީން 17 ވަނަ ޤަރުނުގެ ފަހުކޮޅުގެ އަހަރުތަކުގައި ފެނުނު ވައްތަރުގެ ދިވެސް އަކުރުންނެވެ. މީގައިވާ ލިޔުމުގައި، ޢަރަބިން ލިޔެފައި ހުރި ތަންތަންކޮޅު ވެސް އެކުލެވިގެންވެ އެވެ. މި ފިލާގައި ދިވެސް އަކުރުން 18 ފޮޅުވަތް ލިޔެފައިވެ އެވެ. މީލާދީން 1920 - 1922 މި ދުވަސްވަރު އެޗް. ސީ. ޕީ. ބެލް ދިވެހިރާއްޖެ އަށް ވަޑައިގެންނެވި އިރު، މި ފިލާފަތްކޮޅު ވަނީ އައްޑު އަތޮޅު ގަމުގަ އެވެ. އެ ޒަމާނުގައި އެ އަތޮޅު ގަމަކީ މީހުން އުޅޭ ރަށެކެވެ. ނަމަވެސް މިހާރު މި ފިލާފަތްކޮޅު ހުރީ ގައުމީ ދާރުލްއާސާރުގަ އެވެ. ލަފާކުރެވޭ ގޮތުގައި މި ފަތްކޮޅު ގެނެވިފައިވާނީ، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސީންގެ ސިފައިން އައްޑު އަތޮޅު ގަމަށް ފައިބައިގެން، އެތާނގައި ތިބުމާ ވިދިގެންނެވެ. ނޫން ނަމަ، މި ފިލާފަތްކޮޅު ގެނެވިފައިވާނީ ދިވެހިރާއްޖޭގެ ފުރަތަމަ ދާރުލްއާޘާރު ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ޤާއިމްކުރެއްވި އިރު އެވެ. އެއީ ނޮވެމްބަރު 1952 އެވެ. މި މަޢުލޫމަތު ހޯދަން އަޅުގަނޑު ބެލި ތާނަ ތަރުޖަމާ ނަކަލުކޮށްފައި ވަނީ ފެބްރުއަރީ ،9 1946 ގަ އެވެ. ހިޖުރީ ސަނަތުން މިއީ 6 ރަބީޢުލްއައްވަލް 1365 އެވެ. މީގެ އިތުރަށް އަޅުގަނޑު ބަލާފައި ވަނީ އެޗް. ސީ. ޕީ. ބެލްގެ މޮނޮގްރާފްގައި ހިމަނާފައިވާ ނަކަލާއި އިނގިރޭސި ތަރުޖަމާއަށެވެ. މި ތަރުޖަމާކޮށްފައިވަނީ ސ. ގަމުގައި މި ފަތްކޮޅު އޮތް އިރު އެވެ.

މި ފިލާފަތްކޮޅު ޚާއްޞަ ވެގެންވާ މުހިންމު އެއް ސަބަބަކީ، ދިވެހިރާއްޖެ އިސްލާމްވުމާ ގުޅޭ ބައެއް ތަފްޞީލީ މަޢުލޫމާތު މީގައި ހިމެނޭ ކަމެވެ. މިހާތަނަށް ފެނިފައިވާ ދުވަސްވީ ލިޔުންތަކުގެ ތެރެއިން، މީލާދީން 12 ވަނަ ޤަރުނުގެ މެދުތެރޭގައި، ދިވެހިރާއްޖޭގެ ރަސްގެފާނު ތްރިބުވަނަ އާދީއްތަ މަހާރަދުން، ނުވަތަ ފަހުން އައިސް ނިސްބަތްކުރާ ގޮތަށް ނަމަ، ދަރުމަވަންތަ މަހާރަދުން، އިސްލާމްވެވަޑައިގަތުމުގެ ޙާދިސާ އާއި އޭގެ ފަހުން ހިނގި ކަންތައްތަކުގެ ވާހަކަ އެންމެ ރަނގަޅަށް ބަޔާންކުރެވިފައިވާ އެއް ލިޔުމަކީ މިއީ ކަމަށް ދެންނެވިދާނެ އެވެ. އަދި ދަރުމަވަންތަ ރަސްގެފާނު އިސްލާމް ވެވަޑައިގަތުމަށް ފަހުގައި، ދެން އައި ދުވަސްތަކުގެ ތެރޭގައި، ރާއްޖޭގެ ސަރުކާރުގެ ހިންގުމާއި ދާޚިލީ ކަންތައްތައް ގެންދެވި ގޮތް ވެސް މީގައި ބަޔާންކުރައްވާފައި ވާތީ އެވެ. ވާހަކަ އަހާފައިވާ ގޮތުގައި، ރާއްޖޭގެ މިފަދަ ހުރިހާ ކަންތައްތައް އެރަދުން ކުރައްވަމުން ގެންދެވީ، ދިވެހިރާއްޖެ އަށް އިސްލާމް ދީން ގެންނެވި އައްޝައިޚު ޔޫސުފް އައްތަބްރޭޒީގެ ލަފާފުޅާ އެކުގަ އެވެ.

މި ވާހަކަތައް ލިޔުމަށް ފަހުގައި، ފަތްކޮޅުގައި ދެން ލިޔެވިފައި ވަނީ، ހިޖުރައިން 1063 ވަނަ އަހަރު މިފަތްކޮޅު ދެއްވުމަށް މެދުވެރިވި ގޮތާއި، އެއިރު ދިވެހި ތަޚުތުގައި އިންނެވި ރަދުން، ގަމުގެ ރައްޔިތުންނަށްޓަކައި މި މިސްކިތް އާރާސްތުކުރެއްވި ވާހަކަ އެވެ. މިސްކިތް ބިނާކުރެއްވި ރަސްކަލެއްގެ ނަންފުޅު ލިޔެފައި ނެތް ނަމަވެސް، މިކަން ހިނގާފައިވާ ތާރީޚުންނާއި، އެކަން ކުރެއްވި ރަދުންގެ ކޮލީ ނަންފުޅުތައް ލިޔެފައިވުމާ އެކު، އެއީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ،1 ސިރީ ކުލަ ރަން މީބަ ކައްތިރި ބަވަނަ މަހާރަދުން ( 1648 - 1687) ކަން އެނގެ އެވެ.

މި ފަތްކޮޅުގައި ހުރި މަޢުލޫމާތަށް ބަލައިލާއިރު، ޢިބާރާތްތައް ހުރީ މީލާދީން 17 ވަނަ ޤަރުނުގައި ލިޔެ އުޅު ދިވެހި ބަހުން ކަމަށް ވުމާ އެކު، މާނަ ދޭހަވުން ތަންކޮޅެއް އުނދަގުލެވެ. އެހެންކަމާ އެކު، އޭގައި ހުރި މުހިންމު ތާރީޚީ ވާހަކަތައް ޚުލާޞާކޮށް މި ލިޔުމުގައި ހިމަނާލަން ޤަޞްދުކުރަމެވެ.

އެހެނިހެން ފަތްކޮޅުތައް ފަދައިން މިފަތްކޮޅު ވެސް ފެށެނީ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ސަނާ ވިދާޅުވެ، ކީރިތި ރަސޫލާ އަށް ޞަލަވާތް ވިދާޅުވުމުންނެވެ. އެއަށް ފަހު ރަސޫލު ބޭކަލުންގެ ވާހަކަތައް އައިސްފައި، ކީރިތި ޤުރްއާން ބާވާލެއްވި ވާހަކަ އާއި މާތްވެގެންވާ އިސްލާމް ދީނުގައި ދެމިތިބުމުގައި އުޅެންވީ ގޮތުގެ ނަސޭޙަތްތަކާއި ޤިޔާމަތްދުވަހުގެ ވާހަކަތައް އާދެ އެވެ. އެއަށް ފަހު ލިޔުއްވާފައި ވަނީ ރާއްޖެ އިސްލާންކުރެއްވި ވާހަކަތަކެވެ:

ހިޖުރައިން "ފާންސައްތަ އަށުސާޅީސް ވަނަ އަވެރުދު" ]ހިޖުރީ ގޮތުން 548 ވަނަ އަހަރު[ ދިވެހިރާއްޖޭގެ ރަށްތައް ކާފަރު ޙާލުގައި ތިބުމުން، ޝައިޚު ޖަލާލް ޔޫސުފުއް ތަބްރޭޒީ އެކަލޭގެފާނުގެ ކަރާމާތް ފާޅުކުރައްވައި ދައްކަވައި، އެއިރު ހުންނެވި ރަދުން އައްސުލްޠާން ދަރުމާންޝަ (ދަރުމަވަންތަ ރަސްގެ) އަށް ޝަހާދަތް ވިދާޅުވެދެއްވައި، އިސްލާން ކުރެއްވި އެވެ. އޭގެ ފަހުން، އިސްލާން ނުވެ ތިބީން ބައްލަވައި، އެމީހުން އިސްލާން ކުރެއްވި އެވެ. މީގެ ތެރެއިން، ރުހުމުން އިސްލާމްވީ މީހުންގެ ބިންތައް ވަކިކުރައްވައި، އެބިންތައް އެމީހުންގެ އަމިއްލަ ބިމުގެ ގޮތުގައި އެމީހުންނަށް ދެއްވި އެވެ. ނަމަވެސް އިސްލާމްދީނަށް ވަނުމާ މެދު އިންކާރުކުރި މީހުންގެ ބިންތައް ފުރަ ބަންޑާރަ ބިމަށް ހެއްދެވި އެވެ. މިހެން މިކަން ކުރެއްވީ، ދީނުގެ ކަންތައްތަކާއި ސަރުކާރު ހިންގެވުމުގެ ކަންތައްތައް ކުރެއްވުމަށް ބޭތުލްމާލަށް ފައިސާ އިތުރުކުރައްވާށެވެ. މި ރަދުންނަށް އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ގެ ނަންފުޅުން ނަންދެއްވި އެވެ. ދަރުމަވަންތަ ރަސްގެފާނު މިފަދައިން ކަންތައްތައް ހަމަޖެއްސެވުމަށް ފަހު، ތަބްރޭޒުގެފާނުންގެ މަޝްވަރާގެ މަތިން ދައުލަތުގެ އެންމެހައި ކަންތައްތައް ކުރައްވަމުން ގެންދެވި އެވެ.

ހިޖުރައިން 23 މުހައްރަމް 1063 ވީ ހުކުރު ދުވަހު، ސުވަސްތީ ސިރިމަތަ މަހާސިރީ ބަރިކުސަ ފުރަދާނަ ސިރީ ކުލަ ރަން މީބަ ދަނާލަ ވީރަސިންގަ ނަވަރަންނަ ކީރިތި އައުދާނަ ކައްތިރި ބަވަނަ މަހާރަދުން (އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1) ގެ ރަސްކަމުގެ ފަސް ވަނަ އަހަރު، ދީނަށްޓަކައި ހެޔޮ ކަމެއް ކުރެއްވުމުގެ ނިޔަތުގައި، އެ ރަދުންގެ ރަސްކަން ހިނގާ ސަރަޙައްދުގެ ތެރެއިން، އައްޑު އަތޮޅުގެ ގަން ކިޔާ ރަށުގައި، ދަނާރެއް (މިސްކިތެއް) ބިނާކުރައްވަން ނިޔަތްގެންވަޑައިގަތެވެ. މިކަން މިފަދައިން ރަދުން އެންގެވުމާ އެކުގައި، ޢަލީ ފަޑިއަތާ އެއަމުރުފުޅަށް ކިޔަމަންވެ، ފަޤީޙު ޙުސައިން ނައިބުކަލޯ އަށާއި، އެހިނދު ޚަރަދު ބަލަހައްޓަން ހުރި މުޙައްމަދު ފަޑިއަތާ އަށް މިކަން އަންގައިފި އެވެ. މި ދެ ބޭކަލުންނަށް މި މަސައްކަތަށް ބޭނުންވާނެ ތަކެއްޗާއި، އަދި ކާބޯތަކެތި ވެސް ދެއްވުމުން، ވަރަށް އަވަހަށް އެރަށުގައި މިސްކިތް ބިނާކުރެއްވުމަށްޓަކައި އެބޭކަލުން ދުރުވެއްޖެ އެވެ.

މި ދެ ބޭކަލުން މި މަސައްކަތް ނިންމަވާފައި، ދުރުވެ ރަސްގެފާނުގެ ފައިވާންފުޅުދޮށުގައި ކުރުނީސްކޮށް މި މަސައްކަތް ނިމިފައިވާ ކަމަށް ދެންނެވި އެވެ. މި ޚަބަރު އެރުވުމުން، ރަދުން އެންގެވި އެވެ:

"މި ދަނާރު ފަންގެހައި، ވޮއްޓެލަޅައި، ތައްކަތަޅައި، ވަތިހުއްސައި، ފަސް ވަޤުތު ބަންގި ޞަލަވަތު ގޮށްވައި، މިސްކިތު ވަޅުދާނިލައި، ދިޔަހިއްކައި، މި ގޮތުން އެންމެ ކަމާއިކެމިކޮށް ޢިމާރާތް ކުޅައިމުގެ ބޯގައައް މިރަށްގަނޑުން ރަސްބަންޑާރަ އަށް ނަގަމުން އައި ވޭރު ބިމުބައި އުރާއާއި (ގޮވާމެއް)، މި ބިމު އިންދި އަލަ ކޭލުގެ ފައިދާ އާއި، އަންދުވަހު މާ މިސްކިތު ޙަރީމު އަށް ލައްވައި ދަރުމަ ކުރައްވައިފީމު އެވެ."

މަތީގައި ލިޔެފައިވާ އިބާރާތްކޮޅުގައި ވިދާޅުވެފައިވާ ގޮތުގައި، ފުރާޅުގައި ފަން ޖަހައި، ވޮށަށް ތެޔޮ އަޅައި، ތަޅުންގަނޑު މަރާމާތުކޮށް، ކުނިކަހައި ސާފުކޮށް، މިސްކިތު ވަޅަށް ދާނިލައި، ފަސް ވަގުތު ބަންގި ޞަލަވާތް ގޮވުމަކީ، ކުރަންވާނެ ކަންތައްތަކެވެ. މީގެ އިތުރަށް، ކުރަން ޖެހޭ ޚަރަދުތަކަށް، އިހުގައި ވާރަށް ދެމުން އައި ބަޔާއި، އެ ބިމުގައި ހައްދާ އަލަ އާއި، ކޭލާއި، އުރާ ކިޔާ ގޮވާމާއި، އަދި މީގެ އިތުރަށް ވެސް އެތަނުން ލިބޭ މަންފާއެއް ވާ ނަމަ އެބައެއް ވެސް މިސްކިތް ބެލެހެއްޓުމަށް ދެއްވީ އެވެ.

ކީރިތި މަހާރަދުން އަންގަވާފައިވާ ގޮތުގެ މަތިން ކަންތައް ކުރުމުގެ ހުރިހައި ޒިންމާއެއް އުފުލަން ހަވާލުވެފައި ވަނީ ރަށުގެ ހުރިހައި ރައްޔިތުންނާ އެވެ. އަދި:

"ތަރިރު ހަނދު އުދަ އަސްތަވީހައި ހިނދަކު، މިސްމިސްކިތު ބަންގި ޞަލަވާތް ގޮވަނަތައް ދާ މިކަން މިމަގަށް ލައި ތިއްބުމަށް ހިތައި، ސިންތާ ކުޅަ ކޮންމެ މުއުމިނު މުސްލިމަކު ކަޢުބަތުﷲ ގެފުޅު އައުކޮށް، ބުދުފައްޅި މުގުރުވައި، ޤުރުއާން ތިބި މަގުން އުޅުނު ޞާލިޙު ޝަހީދުންނާއި އެމީހުންހެން ސުވަރުގެ ވަދުނަނީ ކޮށު. މިކަންކަން ކުރުމަށް ހުރަސްއަޅާ ޒާލިމަކު ނަމަ އެމީހަކު، ފިރުޢައުނާއި އަދި ކަޢުބަތުއްﷲ ގެފުޅު ހަލާކު ކުރަން އުޅޭ މީހުންނާއި، ކީރިތި ޤުރުއާން އަންދަން އުޅޭ މީހުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި އެކު ވަންނާނީ ނަރަކައަށެވެ.

"މި މޭރުމުން ރަސްކަމުގެ މަތިވެރިކަމާއި މާތްކަން އަންގަވައި މި އަމުރުފުޅު އެކަށައަޅުއްވައި ނެރުއްވުމުން، އަލްވަޒީރު މުޙައްމަދު ދޮށިމޭނާ ކިލެގެ މި ބަސްފުޅުތައް ކަނުލައި އައްސަވައި، އަންބަރައި ސަރިދާލޭސް މަތީ އާނަންދަވެ ވޮޑިގެ ނިދި މި ފަލާ ލިޔުއްވުމަށް ކައްތިރި ހުއްދަ ވިދާޅު ބަސްފުޅާއި ނިކުމެ ބަނޑޭރި ފަޑިއަތާ ކީ ހިނދު، މުޙައްމަދު ނާއިބު މި ފިލާ ލިޔުނީ އެވެ."

ނޯޓް: މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމަތު ނަގާފައި މިވަނީ، އެޗް. ސީ. ޕީ. ބެލްގެ "މޮނޮގްރާފް" އިންނާއި، 1946 ވަނަ އަހަރު ދިވެހި ތާރީޚު ލިޔުންތެރިއަކު ކުރައްވާފައިވާ ތަރުޖަމާއަކުންނެވެ. މީގައި ނަންފުޅު ލިޔުއްވާފައެއް ނެތެވެ. ނަމަވެސް ފިލާފަތްކޮޅާއި މި ލިޔުމާއަޅައި ބަލާއިރު، މިލިޔުއްވުމަކީ ޞައްޙަ ލިޔުއްވުމެއް ކަމަށް ފެނެ އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait