ދިވެހިންނަކީ ހިންދު ކަނޑުގެ މެދުތެރޭގައި އުފެދިފައިވާ ޖަޒީރާތަކެއްގައި، އެކި ދުވަސްވަރު އައިސް ވަޒަންވެރިވި، ތަފާތު ނަޞްލުތަކެއްގެ ބަޔެކެވެ. އެކި ދުވަސްވަރުގައި މި މީހުން ތަފާތު ޤައުމުތަކުން އައިސް ވަޒަންވެރިވީ އެކިއެކި ތަފާތު ޖަޒީރާގައި ކަމަށް، ފެންނަން ހުރި ހެކިތައް ދައްކަ އެވެ. ބައެއް މީހުން އައީ ފަރުބަދަމަތީ ރަށްރަށުންނެވެ. އަނެއް ބައި މީހުން އައީ ކަނޑުގެ އައްސޭރީގައި ވާ ރަށްރަށުންނެވެ. އެކި މީހުން އައިސްފައި ވަނީ އެކި ޙަޟާރަތުންނެވެ. ދޮންމީހުންނާއި ކަޅު މީހުންނެވެ. އިސްކޮޅުން ދިގު މީހުންނާއި ކުރު މީހުންނެވެ. ދަންނަވަން މިއުޅެނީ، މި މީހުންނަކީ ފެންނަ ފެނުމަށް ވެސް ވަރަށް ތަފާތު އެތައް ބަޔެކެވެ. ނަމަވެސް މި އެންމެން އެކުވެ، އެއް ޤައުމު އުފެއްދި އެވެ. އާދެ! "ދިވީންގެ" ޤައުމެވެ. ދިވެހިރާއްޖެ އެވެ. މި ނިކަމެތި ޖަޒީރާތަކުގައި ދިރިތިބުމަކީ އެ ޒަމާނުގައި ފަސޭހަ ކަމަކަށް ނުވާނެ އެވެ. ދިރިތިބެވެން އޮތް ހަމައެކަނި ގޮތަކީ، އެއްބަޔަކު އަނެއް ބަޔަކާ އެހީވެދީގެން ކަން އެމީހުންނަށް ދަސްވި އެވެ. ވޭލާތަކުގެ ތެރެއިން، އުނދަގޫ ޙާލުގައި އުޅެމުން އައިސް، އެމީހުންގެ ތެރޭގައި އެއްބައިވަންތަކަން އުފެދުނެވެ. އެންމެން އެކުވެގެން އެއްބަޔަކަށް ވެގެން ނޫނީ، މާސިންގާ ކަނޑުގެ މެދުގައި ހުރި މި ކުދިކުދި ޖަޒީރާތަކުގައި ދިރިއުޅެވޭނޭ ގޮތެއް ނެތްކަން އެމީހުންނަށް އެނގުމުން ކަމަށް ވެސް ވެދާނެ އެވެ. ގަދަވިއްސާރަ އާއި ރާޅުއެރުމާއި، މިގަދަ ޤުދުރަތީ ކާރިސާތައް ވެސް އައިސްފައިވާނެ އެވެ. އަދި، އިހު ޒަމާނުގައި މިފަދަ ކުދި ޖަޒީރާތައް ފޭރި، ލޫޓުވާ، ސުންނާފަތި ކުރުމުގެ ނިޔަތުގައި އަންނަ ދުޝްމިނުން ވެސް މަދެއް ނޫނެވެ. މި ހުރިހާ ނުރައްކަލަކުން ސަލާމަތް ވެވެން އޮތީ އެންމެން އެއްބައިވެގެންކަން އެވޭލާގެ ދިވެހީންނަށް ދަސްވި އެވެ. ބޮޑު މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ ކައިރީގައިވާ ޖަޒީރާތަކުގެ މީހުންގެ އެހީ ވެސް އެމީހުންނަށް ލިބެމުންދިޔަ އެވެ. އަޅުގަނޑުމެންގެ އެޒަމާނުގެ "ޖަޒީރާ ޙަޟާރަތު"ގައި އޮތީ އެކުވެރި މުޖުތަމަޢެކެވެ.
އާދެ! އެއްބައިވަންތަކަމާއި، ގުޅިގެން އުޅުމަކީ ގަދަފަދަ ބާރެއް ކަން އަޅުގަނޑުމެންގެ ކާބަފައިންނަން ރަނގަޅަށް ދަސްވެފައިވެ އެވެ. ވުމާއެކު ބޮޑު މުސީބާތެއް ދިމާވެއްޖެ ނަމަ، އެއިރެއްގައި ހުރި ހުރިހާ ވާދަވެރިކަމާއި ދެބަސްވުންތައް އެއްފަރާތެއްގައި ބާއްވާފައި، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އެކަމަކާ ކުރިމަތިލި އެވެ. ޤައުމަށްޓަކައި އެންމެން އެކުވެރިވެގެން މަސައްކަތްކުރަން އެމީހުން ދަސްކުރި އެވެ. ޒަމާނުއްސުރެން އެމީހުންގެ އަމިއްލަ ދިވެހި ރަށްވެހިކަން ތަރައްޤީ ކުރަމުން އެމީހުން ގެންދިޔަ އެވެ.
ދުނިޔޭގައި ހިނގަމުންދިޔަ ތަރައްޤީގެ އޮއިވަރުތައް ދިވެހީންނަށް ކޮންމެވެސް ވަރަކަށް އިޙުސާސް ކުރެވެމުން ދިޔަ އެވެ. މި ޒަމާނުގެ ކުރިއެރުންތައް ފާހަގަކުރެވޭ މިންވަރަކަށް ދިވެހިރާއްޖެ އަށް އަންނަން ފެށީ، މީލާދީން ވިހި ވަނަ ޤަރުނުގެ ތެރޭގައި ކަމަށް ދެންނެވިދާނެ އެވެ. ދަތުރުފަތުރުގެ ޒަމާނީ ވަޞީލަތްތަކެއް ނެތުމަކީ ދިވެހިރާއްޖެ އަށް އެއިރު އެތައް ގޮތަކުން ދަތިވަމުން ދިޔަ ކަމެކެވެ. ކަނޑު މަގުން ދަތުރުކުރެވެން އޮތެވެ. ނަމަވެސް ޒަމާނާއި ޙާލަތު އެއިރު ދައްކަމުން ގެންދިޔައީ ދިވެހީންނަށް އަމިއްލަ އެއާޕޯޓެއް ބޭނުންވެފައި އޮތް މިންވަރެވެ. އިނގިރޭސީންގެ ބޭނުމަށް ހުޅުލޭގައި ދަގަނޑު ފިލާ އަޅައިގެން އެމީހުން ހަދާފައި އޮތް އެއާސްޓްރިޕްއެއް އޭރު އޮތެވެ. ނަމަވެސް މި ދެންނެވި އެއާސްޓްރިޕް ސަރުކާރުން ބޭނުންކުރެއްވުމުގައި ދަތިތަކެއް ހުއްޓެވެ. އެއީ އިނގިރޭސީންގެ ކޮންޓްރޯލްގެ ދަށުގައި އެކަން އޮންނާތީ އެވެ. މި ހުރިހާ ކަމެއްގެ ޙައްލަކީ މަތިންދާބޯޓު ޖައްސާނޭ ބިމެއް ދިވެހީން އަމިއްލަ އަށް ހެދުމެވެ.
މި ޒަމާނުގެ ދިވެހިރާއްޖޭގެ ތާރީޚުގައި ޤައުމީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ އެންމެ ފުރިހަމަ މިސާލެއް ދިވެހީން ދައްކައިދިނީ ހުޅުލޭގައި ދިވެހީން އަމިއްލަ އަށް އެއާސްޓްރިޕް އެއް ހެދުމުގަ އެވެ. ދިވެހިރާއްޖޭގައި މަދަނީ އެއާޕޯޓެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ގިނަގުނަ އެވެ. އެހެންކަމާ އެކު ހުޅުލޭގައި އާރް. އޭ. އެފް. ގެ ފަރާތުން ދަގަނޑު ފިލާ އަޅައިގެން ފުރަތަމަ އުފެއްދި އެއާސްޓްރިޕް، ދިވެހި ދައުލަތުގެ ފަރާތުން ހައްދަވަން ޤަޞްދުކުރެއްވި އެވެ. އެކަން އިޢުލާންކުރެއްވީ އެޕްރީލް ،27 1964 މި ދުވަހު އެވެ. ސަރުކާރުން ޤަޞްދުކުރެއްވީ، ރައްޔިތުންގެ އެހީއާ ވެސް އެކުގައި އެތަން ހެއްދެވުމަށެވެ. ފައިސާގެ ގޮތުންނާއި މަސައްކަތުގެ ގޮތުން އެހީވުމުގެ ދޮރު ހުޅުވިފައިވާ ކަމަށް އިޢުލާނުގައިވެ އެވެ. މި މަސައްކަތް ފެށުމާ އެކު، މި މަޝްރޫޢުވެ ގެންދިޔައީ ރާއްޖޭގައި، ހިލޭސާބަހަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމާ އެކުގައި ކުރި އެންމެ ބޮޑު، އެންމެ އަގުހުރި މަސައްކަތަށެވެ. އެ ދުވަސްވަރަކީ، ދިމާވި އެތައް ސަބަބުތަކަކާ ހެދި އިނގިރޭސީންނާ މެދު ދިވެހީން ނުޤަބޫލު ވާން ޖެހުނު ދުވަސްވަރެކެވެ. މި ކަމާ ހެދި ވެސް ދިވެހި ރައްޔިތުންގެ މެދުގައި ޖޯޝާއި ފޯރީ ވަނީ ބޮޑުވެފަ އެވެ. އެންމެން ވެސް ތިބީ "އަހަރެމެން ދިވެހީންނަށް އެކަނި ވެސް މިކަން ކުރެވޭނެކަން" ދައްކާލަން ބޭނުންވެފަ އެވެ!
އެއާސްޓްރިޕް ހެއްދެވުމަށް ޤަސްދުކުރެއްވިކަން އިޢުލާންކުރެއްވުމަށް ފަހު، ވަރަށް ގިނަ ފަރާތްތަކުން އިޖާބަދިނެވެ. އަދި މި މަސައްކަތަށް ވަރަށް ގިނަ އެހީތައް ލިބެމުންދިޔަ އެވެ. ދިވެހީން މި މަސައްކަތް ދުށީ ޤައުމީ މަސައްކަތެއްގެ ގޮތުގަ އެވެ. އެއާޕޯޓް ރަންވޭ ހެދުމުގެ މަސައްކަތުގެ ފުރަތަމަ ދުވަހަކީ މެއި ،1 1964 އެވެ. ފުރަތަމަ މަސައްކަތަކަށް އޮތީ، އެއާޕޯޓްގައި އަޅައިފައިވާ ދަގަނޑު ފިލާތައް ނެއްޓުމެވެ. މި ދަގަނޑު ފިލާތައް ނެއްޓުމުގެ މަސައްކަތް ވަނީ އޭގެ އެއް ދުވަސް ކުރިން ފަށާފަ އެވެ.
ފުރަތަމަ ދުވަހުގެ މަސައްކަތަށް 150 މީހުން ދިޔަ އެވެ. މަސައްކަތްކުރީ ތިން ބަޔަކަށް ބަހައިގެން ކޮންމެ ބަޔެއް ވެރިއެއްގެ ދަށުންނެވެ. އެދުވަހުގެ ހެނދުނު 9.35 ވީއިރު ކަނޑައެޅިފައިވާ މަސައްކަތް ނިމިއްޖެ އެވެ. ދަގަނޑު ފިލާތައް ނެއްޓުމުގެ މަސައްކަތް ނިމުނީ މެއި ،5 1964 މި ދުވަހު އެވެ.
ހުޅުލޭ ރަންވޭ ބޮޑުކުރުމަށްޓަކައި، ބިން ސާފުކުރުމުގެ މަސައްކަތް ފެށުނީ މެއި ،7 1964 ވީ ބުރާސްފަތި ދުވަހު އެވެ. ސާފުކުރަމުންގެންދިޔައީ ރަންވޭގެ މެދުން ފެށިގެން، ކޮންމެ ފަރާތަކުން ވެސް 200 ފޫޓުގެ އޭރިއާއެކެވެ. މި ބިމުގެ ތެރޭގައި ހުރި ހުރިހާ ގަހަކާއި ރުކެއް ވެސް ކަނޑައި މުޅިން ބިންގަނޑު ސާފުކުރީ އެވެ. މި ފަހަރުގެ މަސައްކަތް ފެށިއިރު، މަސައްކަތުގެ ބައިތައް، ސަރުކާރުގެ އޮފީސްތަކުގެ ބައިބައިގެ ގޮތަށް ހަމަޖެއްސެވި އެވެ. ސަރުކާރުގެ އޮފީސްތަކުގެ މުއައްޒިފުންގެ އިތުރަށް، އެކަމަށް އެދިފައިވާ މީހުން ވެސް ބައިތަކުގައި ހިމެނުނެވެ. ފަހުން ހަމަޖެހުނީ، ދުވާލަކު އަށް ބައި (ބައެއްގައި 60 މީހުން) މަސައްކަތު ދާ ގޮތަށެވެ. އެއިރު މަސައްކަތަށް ކުރިމަތިލާފައި ތިބި މީހުން ބެއްސެވީ 82 ބަޔަށެވެ.
މި މަސައްކަތްތައް ފުރިހަމަކޮށް ނިމުނީ ޖޫން ،1 1964 މިދުވަހު އެވެ. މަސައްކުރުމަށް ވޮލަންޓިއަރުންގެ ގޮތުގައި އަމިއްލަ އަށް އެދިގެން 2250 އަންހެނުންނާއި ފިރިހެނުން އެބައި މީހުންގެ ނަން ވުޒާރަތުއް ދާޚިލިއްޔާގައި ނޯޓުކުރުވި އެވެ. މީގެ އިތުރަށް ވެސް އަމިއްލަ އަށް އެދިގެން އެކި ބައިބައިގައި ވަރަށް ގިނަ މީހުން ބައިވެރިވެފައިވެ އެވެ. މަސައްކަތަށް ދާ މީހުންނަށް، ޖިންސުއްލަޠީފުންނާއި ހެޔޮއެދޭ މީހުންގެ އެކިއެކި ޕާޓީގެ ފަރާތުން ކޮންމެ ދުވަހަކު، އެކިއެކި ފޮނި ބުއިންތައް ގެންގޮސްދެ އެވެ. މިއީ މުޅިން ވެސް އަމިއްލަ ގޮތުން ދޭ އެހީ އެވެ. މި ކަމުގައި ޚާއްޞަކޮށް އަންހެނުން ސާބިތުކޮށްދީފައި ވަނީ ވަރަށް ވެސް ވަރުގަދަ ޢަޒުމަކާއި ހިތްވަރެވެ.
ރަންވޭ ހަދާ ބިން ސާފުކުރުމަށް ފަހުގައި އެ ވަގުތަށް މަސައްކަތް ހުއްޓަވާލެއްވި އެވެ. ދެން މަސައްކަތުގެ ދެވަނަ ބައި ފެށުނީ ޖޫން ،18 1964 މި ދުވަހު އެވެ. މިބައިގައި ބިން ކޮނުން ހިމެނުނެވެ. ފުރަތަމަ ދުވަހުގެ ހެނދުނު އޮތް
މަސައްކަތަކީ ބިން ކޮންނަންވީ ތަނުގައި ކަރަންޓުލުމަށް ރުއް ޖެހުމެވެ. ހަވީރު އޮތީ ބިންކޮނުމެވެ.
ޖުލައި ،8 1964 ގައި ރާއްޖެ އިން ބޭރުން ތަޢުލީމު ޙާޞިލްކޮށްގެން ތިބި ދިވެހި ދަރީން، މާއްދީ ގޮތުންނާއި ޢަމަލީ ގޮތުން ބައިވެރިވި އެވެ. ހުޅުލޭ އެއާޕޯޓް ހެދުމަށްޓަކައި، ބޭރުން ކިޔެވި ދިވެހި ދަރީންގެ ފަރާތުން 7،051ރ ގެ އެހީއެއް ދިނުމާ އެކު، އެއާޕޯޓް މަސައްކަތުގައި އެފަރާތުން ޢަމަލީ ގޮތުން ވެސް ބައިވެރިވި އެވެ. އެދުވަހަކީ، އެ މަސައްކަތުގެ ކޮންމެ ދުވަހެއް ފަދައިން ވަރަށް ފޯރީގަދަ ދުވަހެކެވެ. "ހުޅުލޭ މަސައްކަތު"ގައި އެދުވަހު 600 އެއްހާ މީހުން ގޮސް އުޅުނެވެ.
މަސައްކަތަށް އެހީގެ ގޮތުން ދިވެހީންގެ ފަރާތުންނާއި، ބައެއް ވިޔަފާރި ކުންފުނިތަކުން ވެސް އެހީ ލިބެމުން ދިޔަ އެވެ. އެންމެ ބޮޑު އެހީއެއް ވެދެއްވި އެއް ފަރާތަކީ 100،000 ރުފިޔާ ދެއްވި، އެމް. އެން. ޓީ. ސީ. (ސިލޯނު) އެވެ. މި ފައިސާއާ އެކު، އެދުވަހާ ހަމައަށް އެއާޕޯޓް ހެދުމުގެ ފަންޑަށް ލިބިފައިވަނީ 194،338 ރުފިޔާ އެވެ.
މަސައްކަތް އަވަސް ކުރެއްވުމަށްޓަކައި މި މަސައްކަތުގައި ފޯރީ އިތުރުވާނޭ ގޮތްތައް ސަރުކާރުން ރާއްވަވަމުން ގެންދެވި އެވެ. ޖުލައި ،25 1964 ވީ ދުވަހަކީ، އެންމެ އަވަހަށް މަސައްކަތުގެ ގޮޅިއެއް ނިންމި ބަޔަކަށް 10،000 ރުފިޔާ އާއި އެންމެ ބޮޑު ތަން ކޮނުނު މީހަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖެއްސެވި ދުވަހެވެ.
ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ، މަތިންދާބޯޓު ތިރިކުރާ ބިން ހެދުމުގެ މަސައްކަތަށް ބޭރު ޤައުމެއްގެ ފަރާތުން އެންމެ ފުރަތަމަ އެހީވެ ދިނީ އޭރުގެ ސިލޯން މިހާރުގެ ސްރީ ލަންކާ އެވެ. އޯގަސްޓް ،3 1964 މި ދުވަހު، ސިލޯނު ސަރުކާރުގެ ތިން އިންޖިނޭރުން ހުޅުލޭ އެއާޕޯޓް ހަދާ ތަން ބެލުމަށް އަ އެވެ. ޑީ. ޖޭ. އައި. ޓީ. ޕަންޑިތަރަތުނާ އާއި ކޭ. ސަމަރަތްނަމް އާއި ސީ. ސީ. ޗިންނައްޕާ، މިއީ ސިލޯނުގެ ޕީ. ޑަބްލިޔޫ. ޑީގެ އިންޖިނޭރުންނެވެ. މި މީހުން އައީ ސިލޯނު ސަރުކާރުން ފޮނުވީމާ، ހުޅުލޭ އެއާޕޯޓް ހެދުމަށް އެހީވެދިނުމަށެވެ.
މި ދީލަތި އެހީއަށްޓަކައި ޝުކުރު އަދާކުރުމުގެ ގޮތުން ޖުލައި ،21 1964 ވީ ހުކުރުދުވަހު ސިލޯނުގެ ބޮޑުވަޒީރު ސިރިމާވޯ ބަންޑާރަނާޔަކަގެ ޝަރަފުގައި، މާލޭގެ ޒުވާނުންގެ ޖަމާޢަތެއް މަސައްކަތްކުރި އެވެ. ދިވެހީން މަސައްކަތް ކުރަމުން ދިޔައިރު، މާލޭގައި ތިބި ސިލޯނު ޓީޗަރުންގެ ޖަމާޢަތެއް ވެސް ހުޅުލެ އަށް ގޮސް މަސައްކަތުގައި ބައިވެރިވި އެވެ.
ހުޅުލޭ އެއާޕޯޓްގެ ޓާމިނަލް ބިލްޑިންގް އާއި ވަގުތީ ކަންޓްރޯލް ޓަވަރުގެ ބިންގާ އެޅީ ފެބްރުއަރީ ،26 1966 ގަ އެވެ. އެއަށް ފަހު މަތިންދާބޯޓު ޖެއްސޭ ވަރަށް ތައްޔާރުކުރެވިގެން، ހުޅުލޭގައި ދިވެހީން ހެދި އެއާޕޯޓް ހުޅުވުނީ އެޕްރީލް ،12 1966 ގަ އެވެ. މި "ހުޅުލޭ ވައިގެ ބަނދަރު" ހުޅުވުނީ، މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް އެތާނގައި ޖެއްސުމުންނެވެ. މި ފުރަތަމަ މަތިންދާބޯޓަކީ އެއާސިލޯންގެ މަތިންދާބޯޓެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ އެއާޕޯޓް ރަސްމީ ގޮތުން ހުޅުއްވައިދެއްވީ ވަޒީރުލް އަޢުޡަމް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެ މަނިކުފާނު ވެސް އެ ދުވަހު އެ ބޯޓުން މާލެ ވަޑައިގަތެވެ.
ދެންނެވުމުގެ ބޭނުމެއް ވެސް ނެތް ފަދައިން އެއީ ދިވެހީންގެ ތާރީޚުގައި ނުހަނު ފަޚުރުވެރި ދުވަހެކެވެ. އާދެ! ހުޅުލޭ އެއާޕޯޓަކީ، ދިވެހީންގެ ތެރޭގައި އޮތް ޤައުމީ ލޯތްބާއި، އެއްބައިވަންތަކަމާއި ދިވެހީންގެ ހިތްވަރުގެ ފުރިހަމަ ނަމޫނާއެކެވެ. ދިވެހީންގެ އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ފޮނި ނަތީޖާ އެވެ.
ނޯޓް: މަޢުލޫމާތު ހޯދާފައިވަނީ "ކަންކަންހިނގާ ގޮތް 4" މި ރެކޯޑު ފޮތުންނާއި، އިބްރާހީމް ޝިހާބު ލިޔުއްވި "އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް ގެ ރަސްކަން" 1900 މ. މި ފޮތުންނެވެ.

ފޮޓޯ އިން ހަބަރު
11 comments