ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ، ކައިރީ ޤައުމުތަކުން އަންނަ ކަނޑުފޭރޭ މީހުންގެ އަމާޒަކަށްވެފައި އޮންނަ ރާއްޖެއެކެވެ. މީލާދީން ނުވަ ވަނަ ޤަރުނުން ފެށިގެން 13 ވަނަ ޤަރުނާ ހަމައަށް، މި ފަދައިން އެންމެ ގިނަ އިން ރާއްޖެ އަށް އައިސް އުޅުނު ބަޔަކީ ދެކުނު އިންޑިޔާގެ ޗޯޅާއިންގެ މީހުންނެވެ. ޗޯޅާއިންގެ ރަސްކަން އޮތީ އިންޑިޔާގެ ދެކުނާއި އިރުމަތީގައި ހިމެނޭ ރަށްތަކުގަ އެވެ. މި ބައިމީހުންގެ ބާރު އެންމެ ގަދަވެފައިވަނީ މީލާދީން 10 ވަނަ ޤަރުނުން ފެށިގެން 11 ވަނަ ޤަރުނުގެ މެދެއްހާ ހިސާބަށެވެ. ޗޯޅާއިންގެ ވެރިކަމުގެ ބާރު ދެރަވާން ފެށީ، މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައި ދެކުނު އިންޑިޔާގެ އެހެނިހެން ރަސްކަންތަކުގެ ބާރު ގަދަވާން ފެށުމުންނެވެ.
ދެކުނު އިންޑިޔާގެ ޗޯޅާ ވެރިކަމުގެ އެންމެ ބާރުގަދަ ދުވަސްވަރަކީ ރާޖަރާޖަ ޗޯޅާގެ ރަސްކަމުގެ ދުވަސްވަރާއި، އޭނާގެ ދަރިކަލުން ރާޖެންދުރަ ޗޯޅާގެ ރަސްކަމުގެ ދުވަސްވަރެވެ. މިއީ މީލާދީން 984 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 1044 ވަނަ އަހަރަށެވެ. އެ ދުވަސްވަރަކީ، ކަނޑުމަތީގައްޔާއި އެއްގަމުގައި، ޗޯޅާއިންގެ ބާރު ގަދަވެފައިވާ ދުވަސްވަރެކެވެ. އިންޑިޔާ ކަނޑުގެ ވިޔަފާރި ނުހަނު ގަދަ އަށް ހިނގަމުންދިޔަ ދުވަސްވަރެކެވެ. މެދުއިރުމަތީގެ ނާފަހަރު، ހަވާދާއި އަދި އެހެން ވިޔަފާރި ތަކެތި، ދުރު އިރުމަތީގެ ރަށްރަށުން އެ ނައުތަކަށް އަރުވައި ބަރާކޮށްގެން އިންޑިޔާ ކަނޑު ހުރަސްކޮށް ދަތުރުކުރި ދުވަސްވަރެވެ.
ކަނޑުފޭރުމުގައި ދުއްވާއުޅުނު ދެކުނު އިންޑިޔާގެ އުޅަނދުތައް މި ދެންނެވި ފަދަ ވިޔަފާރި ނާފަހަރަށް އަބަދުވެސް ފާރަލާ ތިބެ އެވެ. އަތުލައިގަނެވޭ ކޮންމެ ނަވަކީ، ލިބޭ ނުހަނު ބޮޑު ފައިދާއެކެވެ. މި ކަނޑުފޭރުމުގެ މަސައްކަތް ކުރިއެރުއްވުމަށްޓަކައި ރާޖަރާޖަ ޗޯޅާ ޤަސްދުކުރެއްވީ، މި ދެންނެވި ވިޔަފާރި ނައުފަހަރު ދަތުރުކުރާ މަގުގައި އޮންނަ ރަށްތަކެއް ކަމުގައިވާ ދިވެހިރާއްޖޭގެ ރަށްތަކެއް ހިއްޕެވުމަށެވެ. އޭރުން އެ ހިސާބުގައި ޗޯޅާއިންގެ ނައުފަހަރަށް ފިލާ ތިބެފައި، ވިޔަފާރި ނަވެއް ފެންނައިރަށް އެއެއްޗަކާ ދިމާކޮށްލާ ހަނގުރާމަކޮށް އަތުލައިގަތުން ފަސޭހަވާނެ އެވެ.
ރާޖަރާޖާ ޗޯޅާ މި ރޭއްވެވުމުގެ މަތިން ކަންތައްކުރެއްވި އެވެ. މި ގޮތުން، ދިވެހިރާއްޖޭގެ އުތުރުން ތިލަދުންމައްޗާއި މަލިކު އަތޮޅު އޭނާ ހިއްޕެވީ، ކަނޑުމަތީ ހަނގުރާމައެއް ކުރެއްވުމަށް ފަހުގަ އެވެ. އޭރު މި ދެ އަތޮޅު ހިއްޕެވި ގޮތަށް ސަތޭކަ އަހަރަށްވުރެ ގިނަ ދުވަހު ޗޯޅާއިންގެ ދަށުގައި މި ދެ އަތޮޅު އޮތް ކަމަށް ބުނެވެ އެވެ. މި ދެންނެވި ހަނގުރާމަ ހިނގި އަހަރެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް މިއާ ދާދި އެއް ދުވަސްވަރެއްގައި ސިރީލަންކާގެ ބައެއް ވެސް އެބައިމީހުން ހިފި ކަމަށް ބުނެވެ އެވެ.
ސްރީލަންކާގެ އުތުރުގެ ރަށްތަކަށް އެމީހުންގެ އެއްގަމު ސިފައިން ފޮނުއްވައިގެން، ރާޖަރާޖަ ޗޯޅާ އެ ތަންތަން ހިއްޕަވާފައި ވަނީ، މީލާދީން 993 ވަނަ އަހަރުގައި ކަމަށްވުމާ އެކު، ރާއްޖޭގެ ރަށްތައް ހިއްޕެވީ ވެސް އެއާ ގާތް ދުވަސްވަރެއްގައި ކަމަށް ފެނެ އެވެ. ރާޖަރާޖާގެ ދަރިކަލުން ރާޖެންދުރަ ޗޯޅާ ވެސް، އޭނާގެ ބައްޕަ ގެންގުޅުއްވި ހަނގުރާމަވެރި އުޞޫލުތައް ގެންގުޅުއްވި ކަމަށްވެ އެވެ. ލަންކާގެ އިތުރު ރަށްތައް ރާޖެންދުރަ ޗޯޅާ ހިއްޕެވީ، 1017މ. އާއި 1018މ. ގައި ކަމަށްވެ އެވެ. ލަންކާ އިން ޗޯޅާ އިން ފައްސާލައި އެ ޤައުމު މިނިވަންކުރީ 1077 މ. ވަނަ އަހަރު އެވެ.
ޗޯޅާ ދަރިކޮޅުގެ މި ދެ ރަސްކަލުންނަކީ އެ ދަރިކޮޅުގެ ރަސްރަސްކަލުންގެ ތެރެއިން ވަރަށް ބާރުގަދަ ދެ ބޭފުޅުން ކަމަށް ތާރީޚުގައިވެ އެވެ. ސަތޭކައަށް ވުރެ ގިނަ އަހަރު ދިވެހިރާއްޖޭގެ ރަށްތަކެއް އެ މީހުން ހިފައިގެން ތިބުމުގެ ސަބަބުން، ދިވެހި ބަހަށް އަސަރުތަކެއްކޮށްފައިވެ އެވެ. ދިވެހި ބަހުގައި ޑްރެވީޑިއަން ބަހުގެ އަސަރުތައް ހުންނަ ކަމަށް ބަހުގެ ބައެއް މާހިރުން ދެކިވަޑައިގެންފައިވެ އެވެ. އަދި މި ކަމުގެ ހެކީގެ ގޮތުގައި ޑްރެވީޑިއަން ބަހުން އައިސްފައިވާ ބައެއް ލަފުޒުތައް ދައްކަވާފައި ވެސްވެ އެވެ.
ދިވެހިރާއްޖޭގެ ރަށްތައް ޗޯޅާއިންގެ ކިބައިން ސަލާމަތްކޮށްދެއްވައި، އަނެއްކާވެސް ފުރިހަމަ މިނިވަންކަން އޮތް 14 އަތޮޅު ހިމެނޭ ދިވެހިރާއްޖެ ދިވެހީންނަށް ހޯއްދަވައިދެއްވީ، ހިތްވަރުގަދަ ދިވެހި ބަޠަލު ސިރީ މަހާބަރަނަ މަހާރަދުންނެވެ. އެ ޒަމާނަށް ވިސްނާލާއިރު، މަހާބަރަނަ މަހާރަދުން ކުރެއްވީ ކުޑަ މަސައްކަތްޕުޅެއް ނޫނެވެ. އެހެނީ، އެ ހަނގުރާމަ އެކުރެއްވީ އެ ޒަމާނުގައި އިންޑިޔާ ކަނޑުގައި އުޅުނު އެންމެ ބާރުގަދަ މީހުންނާ ދެކޮޅަށެވެ.
މުޅި އިންޑިޔާ ކަނޑުގެ އައްސޭރިފަށުގައި އޮތް ހުރިހާ ޤައުމުތަކުގެ މީހުން، އެބައިމީހުންގެ ނަން އިވުމުން ވެސް ބިރުގަންނަ، ޗޯޅާއިންނާ އެވެ. އެއިރު އެމީހުން ފަތަޙަކޮށްފައިވާ ރަށްތައް، އިންޑިޔާ އިން ފެށިގެން އިންޑޮނީޝިޔާއާ ހަމައަށް އޮތެވެ.
މަހާބަރަނަ މަހާރަދުންނަކީ، ތީމުގޭ ދަރިކޮޅުގެ ފުރަތަމަ ރަސްކަލުން ކަމަށް ބައެއް މުއައްރިޚުން ވިދާޅުވެފައިވެ އެވެ. ބުނެވޭ ގޮތުގައި މި ރަދުންނަކީ، ސިރީ ބޮވަނަ އާނަންދަ މަހާރަދުންގެ ދަރިކަލުންނެވެ. އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނު ފެށެނީ މަހާބަރަނަ ރަދުންގެ ނަފުޅުންނެވެ. ރާދަވަޅީގައި، "ސްވަސްތީ ސިރީ ތީމުގޭ ރަންފިރޭރު މިނި އަބާރަނަ މަހާރަދުން" މި ނަންފުޅުން މި ރަދުންނަށް ނިސްބަތްކޮށްފައިވެ އެވެ.
މި ރަދުން ރަސްކަމަށް އިސްވެވަޑައިގަތީ، މީލާދީން ގާތްގަނޑަކަށް 1121މ. ވަނަ އަހަރު ( 515ހ/) ގައި ކަމަށް ބެލެވެ އެވެ. މި ގޮތަށް ބަލައިފިނަމަ، އިސްދޫ ލޯމާފާނުގައިވާ މަޢުލޫމާތުން ބަލައި ހިސާބުކުރާ އިރު، ސިރީ މަހާބަރަނަ މަހާރަދުން ފުރައުއްތަވީ، މީލާދީން 1142މ. ވަނަ އަހަރު ( 536ހ.) އެވެ. މި ލޯމާފާނުގައި ލިޔެފައިވާ ގޮތުން، މި ރަދުން ރަސްކަންކުރެއްވީ 21 އަހަރު އެވެ. މި ރަދުންގެ އަނބިކަނބަލެއްގެ އަދި ދަރިކަލެއްގެ ވެސް މަޢުލޫމާތެއް އެނގޭކަށް ނެތެވެ.
އިސްދޫ ލޯމާފާނުގައި، "މި ރަދުން މުޅި ދިވެހިރާއްޖޭގެ ރަސްގެފާނަށް ވެވަޑައިގަތުމުން" މި ޢިބާރާތް އޮތުމާއި ވެސް އެކީގައި، މި ރަދުންގެ ރަސްކަމުގައި، ރޫޅި، ބައިބައިވެފައިވާ ރަށްތައް އެއް ޤައުމަކަށް ހެއްދެވި ކަމަށް ޤަބޫލުކުރެވެ އެވެ. އަވަށްޓެރި އިންޑިޔާގެ ލިޔުމެއްގައި ބުނެފައިވާ ގޮތުން، އޭގެ ކުރިން ދިވެހި ތަޚުތުގައި އިންނެވި ރަސްކަލެއް އަވަހާރަވުމަށް ފަހު، ރާއްޖޭގައި ހަމަނުޖެހުންތަކެއް ހިނގި ދުވަސްވަރެއް އައެވެ.
ދިވެހިރާއްޖޭގެ އެވޭލާގެ ތާރީޚުގެ އެނގޭ ހިސާބުން، ޗޯޅާ އިން ފަދަ ވަރުގަދަ ބަޔަކު ބަލިކުރައްވައި، ޤައުމަށް މިފަދަ އަގުހުރި ޚިދުމަތެއް އަދާކުރައްވައިފައިވާ ފުރަތަމަ ބަޠަލުގެ ގޮތުގައި މި ރަދުން ފާހަގަކުރެވެންޖެހެ އެވެ. ވާހަކަ އިން ރިވާވެގެން އައިސްފައިވާ ގޮތުގައި، މި ކާމިޔާބީ ހޯއްދެވުމުގެ ފަހުން، މި ރަދުންނަށް އެރުވިފައިވާ ނަންފުޅަކީ "ސާދަ އަތޮޅާއި ދެހާސް ޖަޒީރާގެ ރަސްގެފާނު" އެވެ. ރާދަވަޅީގައި ލިޔެފައިވާ ގޮތުގައި، ހިޖުރައިން 530 ވަނަ އަހަރާ 6 މަސް ވީތަނާ ( 1136މ) "ތީމުގޭ ކެއިމަލާކަލޯ" ކިޔުނު މި ރަދުންނަށް "ސުވަސްތީ ސިރީ ތީމުގޭ ރަންފިރޭރު މިނިއަބާރުނަ މަހާރަދުން" ގެ ނަންފުޅު އެރުވުނެވެ. މިހެން ކަމަށްވާ ނަމަ، ޗޯޅާއިންނާ ހަނގުރާމަކުރައްވައި، އެމީހުން ބަލިކުރައްވައި ރާއްޖެ އިން ފޮނުވައިލެއްވީ، މީލާދީން 1136 މި ދުވަސްވަރުގައި ކަމަށް ވެދާނެ އެވެ. އަދި އެ ކަމުގެ ޢިނާމެއް އެރުވުމުގެ ގޮތުން، މި ނަންފުޅު، އޭރުގެ ދިވެހީން އެރުވީކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
ސިރީ މަހާބަރަނަ މަހާރަދުން ރަސްކަން ކުރެއްވި އިރު، ދިވެހިރާއްޖޭގެ މީހުންނަކީ ބުޑިސްޓުންނެވެ. ރާއްޖެ އިސްލާމްވީ މި ރަދުންގެ ފަހުން ރަސްކަމަށް އިސްވެވަޑައިގެންނެވި، ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންގެ ރަސްކަމުގަ އެވެ. މި ރަދުންނަކީ، މަހާބަރަނަ މަހާރަދުންގެ އުޚުތު ހެނެވި މާވާކިލެގެގެ ދަރިކަލުންނެވެ.
މި ރަދުންގެ ރަސްކަން އޮތީ "މަލިކައްޑޫ ދެމެދު" ގައި ކަމަށް ވެސް ބުނެވެއެވެ. "މަލިކައްޑޫ" އަކީ މަލިކާއި އައްޑު އެވެ. އެވޭލާ ޒަމާނުގައި، މަލިކަކީ ދިވެހިރާއްޖޭގެ ސާދަ ވަނަ އަތޮޅު ކަމަށްވާ މަލިކު އަތޮޅެވެ. މި ސާދަ އަތޮޅަކީ:
.1 މަލިކު އަތޮޅު، .2 ތިލަދުންމަތި، .3 މިލަދުންމަޑުވަ، .4 މާޅޮސްމަޑުވަ، .5 ފާދޫފަރު ، .6 މަހަލް އަތޮޅު، .7 އަރިއަދޫ އަތޮޅު، .8 ފެލިދޫ އަތޮޅު، .9 މުލަކު އަތޮޅު، .10 ނިލަންދޫ އަތޮޅު، .11 ކޮޅުމަޑުވަ، .12 އިސައްދުންމަތި، .13 ސުވަދިންމަތި، .14 އައްޑޫ ފުވައްމުލަކު އަތޮޅު. މިއެވެ.
މަހާބަރަނަ މަހާރަދުންނަކީ "ކެއިމަލާ ކަލޯ" ނުވަތަ "ކޮއިމަލާ ކަލޯ" ކަމުގައި ބައެއް ރާދަވަޅިތަކުގައިވެ އެވެ. ނަމަވެސް ކެއިމަލާ ކަލޯއަކީ މި ރަދުން ކަމެއް، ނުވަތަ މީގެ ކުރީގެ ރަސްކަލެއް ކަމެއް ޔަޤީނެއް ނުކުރެވެ އެވެ. ކެއިމަލާއާ ބެހޭ ގޮތުން ރިވާވެގެން އައިސްފައިވާ ވާހަކަ ދެ ގޮތަކަށް ކިޔަ އެވެ. އެއް ގޮތަކީ، ކެއިމަލާއަކީ ލަންކާ އިން ވަޑައިގެންނެވި ބޭފުޅެކެވެ. ދެވަނަ ގޮތަކަށް ބުނެވެނީ މި ބޭފުޅަކީ އިންޑިޔާ އިން ވަޑައިގަތް ބޭފުޅެއް ކަމަށެވެ.
މަލާބާރުގައި ބައެއް މާތް މީހުންނަށް "ކެއިމަލް" ގެ ލަޤަބު ދީފައިވާ ކަން ވެސް ފާހަގަކުރެވެ އެވެ. (ބޫޝޯން 1988:ޞ 225). ކެއިމަލާ ކަލޯ އާއި އެ މަނިކުފާނުގެ ޢާއިލާ ރާއްޖެ އަށް ވަޑައިގެން އުޅުއްވި ރަށް ކަމަށް ވާހަކައިގައި ބަޔާންކުރާ މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގައި، އިހު ޒަމާނުގައި ބުޑިސްޓު ދީނުގެ މޮނާސްޓްރީއެއް ހުރި ކަމުގެ ނިޝާންތައް ފެނިފައިވެ އެވެ. ރަސްގެތީމަށް އިހަށް ކިޔައި އުޅުނީ "ތީމު"، މި ނަމުންނެވެ. ("ތީމު" ނުވަތަ "ތީވު" އަކީ ޑްރެވީޑިއަން ލަފްޒެކެވެ. މާނައަކީ ޖަޒީރާ އެވެ.) 1343މ. ގައި އިބްނު ބަޠޫޠާ ރާއްޖެ އަށް ވަޑައިގެންނެވިއިރު ވެސް މި ރަށަށް ކިޔައި އުޅުނީ "ތީމު" އެވެ. ލަފާކުރެވޭ ގޮތުގައި، "ތީމު" ގައި ދުވަސްތަކެއް ވަންދެން މި ބޭފުޅުން ތިއްބެވުމަށް ފަހުގައި، މާލެވަޑައިގެން ރަސްކަން ޤަބޫލުފުޅުކުރެއްވީ އެވެ. މި ޢާއިލާ އަށް "ތީމުގޭ ޢާއިލާ"ގެ ނަމުން ނިސްބަތް ކުރެވެނީ، މި ބޭފުޅުން ރާއްޖެވަޑައިގެން ފުރަތަމަ ތިއްބެވި ރަށުގެ ނަމުން ކަމަށް ބުނެވެ އެވެ. މި ދަރިކޮޅަށް "މާލޭ ދަރިކޮޅު" ނުވަތަ "މަލެއި ދަރިކޮޅު" ވެސް ކިޔަ އެވެ.
ނޯޓު: 1949މ ވަނަ އަހަރު ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ލިޔުއްވި "ތަންޤީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު" ގައި މަހާބަރަނަ މަހާރަދުންނަށް "ތީމުގޭ މަހާ ކަލަމިންޖާ" ގެ ނަންފުޅު ދެއްވައިފައިވެ އެވެ. މިއީ އެ ރަދުންގެ ނަންފުޅެއް ނޫނެވެ. މިއީ އެ ފޮތް ލިޔުއްވިއިރު އެ ކަމުގައި އުޅުއްވި ބޭފުޅުން އެ ރަދުންނަށް ދެއްވައިފައިވާ ނަންފުޅެކެވެ. (ތަންޤީޙު.... 1949މ. : ޞ 26). އެ ފޮތުގައި، މި ރަދުންނާއި އޭގެ ފަހުން ރަސްކަންކުރެއްވި ތްރިބުވަނަ އާދީއްތަ މަހާރަދުންނާ ދެ ބޭފުޅުންގެ މަޢުލޫމާތު އޮޅިފައިވާކަން ވެސް ފާހަގަކުރެވެ އެވެ.
މިލިޔުމުގައިވާ މަޢުލޫމާތު ހޯދާފައިވަނީ ރާދަވަޅިންނައި، ބައެއް ވެބްސައިޓުނަނާއި، އެންސައިކްލޮޕީޑިއާ ބްރިޓެނިކާއިންނާއި، އަދި ކޭ.އެން. ޗައުދަރީ ލިޔުއްވި "ޓްރޭޑް އެންޑް ސިވިލައިޒޭޝަން އިން ދަ އިންޑިއަން އޯޝަން" 1985މ. މި ފޮތްފޮތުންނެވެ.

2 comments