ވަރަށް ކުރީ ޒަމާނުއްސުރެ އިންޑިޔާ ކަނޑުގެ ސަރަހައްދުގެ މައްޗަށް އެންމެ ބާރުގަދަކޮށްފައިވާ ގައުމަކީ އިންޑިޔާ ނުވަތަ އެ ޒަމާނުގައި ދިވެހީން ކިޔައި އުޅުނު ނަމުން ދަންނަވާ ނަމަ، އުތުރު ކަރަ އެވެ. މީލާދީގެ އަހަރުތަކުގެ ކުރީގައި ވެސް އުތުރު ކަރައިގެ ނައުފަހަރާއި މީހުން ދިވެހިރާއްޖެ އަށް އައިސް ގޮސް އުޅުނެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވޭ ގޮތުގައި މީލާދީގެ ކުރީގެ ގާތްގަނޑަކަށް ތިން ވަނަ ޤަރުނުގެ ތެރޭގައި، މި ސަރަހައްދުގެ ހުރިހާ ރަށްތަކަށް، އިންޑިޔާގެ ރަސްގެފާނު އަޝޯކާ ބުޑިޒަމް ފެތުރުއްވި އިރު، ދިވެހިރާއްޖެ އަށް ވެސް މިދީން ފެތުރުމަށް މީހުން ފޮނުއްވި އެވެ. އެ ދީން އުފެދުނު ފަހުން އެއިރު ވެފައި އަދި ވަނީ ތިން ސަތޭކަ ވަރަކަށް އަހަރެވެ. އެނގިފައިވާ ގޮތުގައި ބުޑިޒަމް ފެތުރުއްވުމުގެ މި މަސައްކަތްކުރެއްވީ އިންޑިޔާގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަދި މުޅި މި ސަރަޙައްދުގައި އެ ނަންފުޅު ފާހަގަކުރެވުނު ރަސްކަލެއް ކަމުގައިވާ އަޝޯކާ ރަސްގެފާނެވެ. ވުމާއެކު އިހު ޒަމާނުގެ ރާއްޖެއާ ގުޅޭ ތާރީޚަށް ބަލައިލުމުގެ ގޮތުން، މި ވަރުގަދަ ރަސްގެފާނާ ބެހޭ މަޢުލޫމާތުކޮޅެއް ލިޔެލުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެމެވެ.
އިންޑިޔާގެ ރަސްރަސްކަލުންގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ ބާރުގަދަ އެއް ރަސްކަލަކީ، މޯރިޔާ ދަރިކޮޅުން ވަޑައިގެންނެވި އަޝޯކާ ރަސްގެފާނެވެ. މި ރަސްގެފާނު ރަސްކަން ކުރެއްވީ މީލާދީގެ ކުރީގެ 304 ވަނަ އަހަރުން ފެށިގެން 232 ވަނަ އަހަރާ ހަމައަށެވެ. މީލާދީގެ ކުރީގެ 269 ވަނަ އަހަރުން ފެށިގެން 232 ވަނަ އަހަރު މި ރަދުންގެ ރަސްކަން ނިމުމަކަށް އަންނަންދެން، ގާތްގަނޑަކަށް މުޅި އިންޑިޔާގެ ބައްރުގެ މައްޗަށް އޮތީ މި ރަސްގެފާނުގެ ވެރިކަމެވެ.
އަޝޯކާގެ ބައްޕާފުޅަކީ މޯރިޔާ ދަރިކޮޅުގެ ބިންދުސާރާ ކިޔުނު ރަސްގެފާނެވެ. ބިންދުސާރާގެ ބައްޕާފުޅަކީ މޯރިޔާ ދަރިކޮޅުގެ ބާނީ، ޗަންދުރަގުޕްތާ މޯރިޔާ އެވެ. އަޝޯކާގެ މަންމާފުޅަކީ ރާނީ ދަރްމާ، ނުވަތަ ސުބަދްރަންގީ ކިޔުނު، ތެލަންގާނާގެ މާތް ބޭފުޅެކެވެ. ގަނޑުވަރުގައި އޮތް ސިއްރު ރޭވުންގަނޑެއްގެ ސަބަބުން މި ދެކަނބަލުންގެ ކައިވެނިފުޅުގެ ފަހުން ދުވަސްތަކެއް ވަންދެން މި ބޭފުޅުންނަށް އުޅުއްވަން ޖެހިވަޑައިގަތީ ވަކީންނެވެ. ނަމަވެސް އެއަށް ފަހުގައި، ރާނީ ސުބަދްރަންގީ އަށް ބިންދުސާރާގެ އަނބިކަނބަލުންގެ ގޮތުގައި އުޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އެއަށް ފަހުގައި އެ ކަމަނާ އަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. މި ދަރިކަލުން ލިބިވަޑައިގަތުމުން، "މިހާރު އަޅުގަނޑުގެ ހިތާމައެއް ނެތެވެ" މިހެން ސުބަދުރަންގީ ވިދާޅުވި ކަމަށް ވިއެވެ."އަޝޯކާ"ގެ ނަންފުޅު އެރުވުނީ، މަންމާފުޅުގެ މި ބަސްފުޅުން ކަމަށް ބުނެވެ އެވެ. އެހެނީ "އަޝޯކާ" މި ސާންސްކިރިތު ނަންފުޅުގެ މާނައަކީ "މޮޅިކަން ނެތް" ކަމަށް ބުނެވެ އެވެ. އަޝޯކާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޕަތާލިޕުތްރަ ކިޔާ ރަށުގައި، (މިހާރުގެ ޕަޓްނާގައި) 304 ބީ.ސީ.އީ. (މީލާދީގެ ކުރި) ގަ އެވެ. އަވަހާރަވީ 232 ބީ.ސީ.އީ. ގަ އެވެ. އަވަހާރު ވުމަށް ފަހު އާދަކާދައިގައިވާ ގޮތުގެ މަތިން، ހަށިކޮޅު އަންދާލާފައި އަޅިތައް ގަންގާ ކޯރަށް އަޅައިލީ އެވެ.
އަޝޯކާގެ ދޮށްޓަށް އެތައް ފިރިހެން ބޭފުޅުންނެއް ތިއްބެވި އެވެ. މި އެންމެ ބޭފުޅުންނަކީ އެއް ބައްޕާފުޅު، ނަމަވެސް ތަފާތު އެކި ބަނޑުފުޅުގެ ބޭފުޅުންނެވެ.
އަޝޯކާ ބޮޑުފުޅުވަމުން އައި އިރު، އެ ޒަމާނުގެ އިންޑިޔާގެ ރަސްދަރިކޮޅުތަކުގެ ބޭފުޅުންގެ ތަރުބިއްޔަތާ އެއްގޮތަށް ހަނގުރާމައިގެ ހުނަރުތައް އޭނާއަށް ދަސްފުޅުކޮށް އެރުވި އެވެ. އަޝޯކާ އަކީ ވަރަށް ކުޅަދާނަ ޝިކާރަވެރިއެއް ކަމށް ވެސް ބުނެވެ އެވެ. މި ކަމާ ގުޅޭ ގޮތުން، އެއްފަހަރަކު ޝިކާރަ ކުރެއްވުމެއްގެ ތެރޭގައި، ދަނޑިބުރިއަކުން ސިންގާއަކަށް ޙަމަލާދެއްވައި އެސޮރު މަރުއްވާލެއްވި ކަމަށް ވެސް ބުނެވެ އެވެ. އެ ރަސްގެފާނަކީ ހަނގުރާމައިގައި ވަރަށް ރަޙުމްކުޑަ ބިރުވެރި ޖެނެރަލްއެއް ކަމަށް ވެސް ތާރީޚުގައި ލިޔެވިފައި ވެއެވެ. މި ސަބަބަށްޓަކައި މޯރިޔާ ރަސްކަމުގެ ތެރޭގައި ގަޑުބަޑު އުފެދި ނުރައްކާތެރިވެފައިވާ ސަރަޙައްދުތައް ހަމަޖައްސަވަން، އެ ހިސާބުތަކަށް އަޝޯކާ ފޮނުއްވާފައިވެ އެވެ.
މި ރަސްގެފާނުގެ ރަސްކަމުގެ ކުރީކޮޅަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ފުރިފައިވާ ޒަމާނެކެވެ. މި ކަންތައްތައް ފެށުނީ، 273 ބީ.ސީ.އީ. ގައި ބައްޕާފުޅު ބިންދުސަރާ އަވަހާރަވުމުން އެއިރު ތިއްބެވި ވާރިސުންގެ މެދުގައި ތަޚުތު އަތުލެއްވުމަށް ފެށުނު ހަނގުރާމަތަކުންނެވެ. ބުނެވޭ ގޮތުގައި ބިންދުސާރާ ބޭނުންފުޅުވެފައިވަނީ އޭނާ އަވަހާރަވުމުން، ސުޝިމް ކިޔުނު ދަރިކަލުން ތަޚުތަށް އިސްވެވަޑައިގަތުމަށެވެ. ނަމަވެސް އޭނާގެ ބައްޕާފުޅުގެ ވަޒީރުންގެ އެހީއާ އެކު، ތަޚުތު އަތުލެއްވީ އަޝޯކާ އެވެ. ބައެއް ފޮތްފޮތުގައި ލިޔެފައިވާ ގޮތުގައި، އަޝޯކާގެ އެއް ބައްޕާފުޅު މަނިއްޕުޅުންގެ ތެރެއިން 99 ބޭފުޅުން އޭނާ ޤަތުލުކުރެއްވި އެވެ. ޤަތުލުނުކުރައްވާ ދޫކޮށްލެއްވީ ހަމައެކަނި ތިއްސާ ކިޔުނު އަޚެކެވެ. މި ޙާދިސާ ހިނގާފައިވާ ކަމާ މެދު، ސާފު ހެކިތަކެއް ހުރި ކަމަކަށް ނުވެ އެވެ. އަޝޯކާގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖުކޮޅު ބެހެއްޓުމުގެ ރަސްމިއްޔާތު އޮތީ، ތަޚުތައް އިސްވެވަޑައިގަތުމުގެ ހަތަރު އަހަރު ފަހުންނެވެ.
ރަސްކަމުގެ ކުރީކޮޅުގައި އަޝޯކާ އަކީ ވަރަށް ކޯފާގަދަ، އަނިޔާވެރި ރަސްކަލެއް ކަމަށް ބުނެވެ އެވެ. އެއްފަހަރަކު، އޭރު ތިއްބެވި ހުރިހާ ވަޒީރުންނަކީ އޭނާއަށް ތެދުވެރި ބޭފުޅުންތޯ ބެއްލެވުމަށް ކުރެއްވި އިމްތިޙާނެއްގައި، 500 ބޭފުޅުން ޤަތުލުކުރެއްވި ކަމަށް ބުނެ އެވެ. އެ ރަސްގެފާނުގެ ޒަނާނާގައި 500 ވަރަކަށް ޖާރިޔާ އިން ގެންގުޅުއްވި އެވެ. ނަމަވެސް އަޝޯކާއާ ދިމާއަށް އެތަނުން އެއް ބޭކަނބަލަކު މަލާމާތުގެ ބަހެއް ބުނުމުން، އެ ހުރިހާ ބޭކަނބަލުން ގައިގައި އަލިފާން ރޯކުރައްވައި އެންމެން މަރުއްވާލެއްވީ އެވެ. އަޝޯކާގެ ގަނޑުވަރުގައި، މީހުންނަށް އަނިޔާކުރައްވާ ޚާއްޞަ ކޮޓަރިއެއް ތައްޔާރުކުރައްވާފައި ހުރި ކަމަށް ވެސް ބުނެވެ އެވެ.
އަޝޯކާ ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު، ދެން އައި އަށް އަހަރުގެ ތެރޭގައި، މޯރިޔާ ރަސްކަމުގެ ސަރަހައްދުގެ އިރުމަތިން މިހާރު އޮންނަ ބަރުމާ އާއި ބަނގްލާދޭޝް އާއި އަސާމްގެ ސަރަޙައްދުން ފެށިގެން އައިސް، ހުޅަނގުގައި އޮންނަ މިޒަމާނުގެ އީރާނާއި އަފްޣާނިސްތާންގެ ސަރަޙައްދާ ހަމައަށާއި، އުތުރުގައިވާ ޕާމީރު ފަރުބަދަތަކުން ފެށިގެން އައިސް ގާތްގަނޑަކަށް ދެކުނު އިންޑިޔާގެ ދެކުނު ކޮޅާ ހަމައަށް ހިއްޕެވި އެވެ.
އަޝޯކާގެ ރަސްކަމުގެ ކުރީކޮޅުގައި އޭނާ ނުހަނު އަނިޔާވެރި ކަންތައްތައް ކުރައްވާފައި ވީ ނަމަވެސް، އިންޑިޔާގެ އިރުމަތީގައި އޮންނަ ކާލިންގާ ކިޔުނު ސަރަޙައްދު ހިއްޕަވަން ކުރެއްވި ހަނގުރާމަ އަށް ފަހުގައި، އޭރު އިންޑިޔާގައި ފެތުރެމުން އައި ބުޑިޒަމްގެ ފަލްސަފާ ޤަބޫލުފުޅު ކުރައްވަން ފަށްޓަވައިފި އެވެ. ކާލިންގާ އަކީ އެ ގައުމުގައި އޭރު އޮތް ސިޔާދަތާއި ދިމިޤްރާތީ އުސޫލުތަކާ މެދު ފަޚުރުވެރިވީ ޤައުމެކެވެ. މިފަދަ ކަންކަމަކީ އެޒަމާނުގެ އިންޑިޔާގައި އާދައާ ޚިލާފު ކަންކަމެވެ.
ކާލިންގާގެ ހަނގުރާމަ ހިނގީ އަޝޯކާ ރަސްކަމަށް އިސްވެވަޑައިގެންނެވިތާ އަށް އަހަރު ފަހުންނެވެ. އަޝޯކާގެ ވެރިކަމުގައި، ވަރަށް ތާރީޚީ ލިޔުންތަކެއް ހިލައިގައި ލިޔުއްވާފައި، އެރަދުންގެ ރަސްކަން އޮތް އެކި ހިސާބުގައި ބެހެއްޓެވި އެވެ. މި ގޮތުން އެ ރަސްގެފާނު ބެހެއްޓެވި 13 ވަނަ ލިޔުއްވުމުން އެނގޭ ގޮތުގައި، ކާލިންގާގެ ހަނގުރާމަ އަކީ ވަރަށް ގެއްލުން ދެނިވި ހަނގުރާމައެކެވެ. މި ހަނގުރާމައިގައި 100،000 ސިފައިން މަރުވި އެވެ. އަދި ހަނގުރާމައިގައި ބައިވެރިވާން ހަތިޔާރު ހިފި 150،000 އާންމުން އެހެނިހެން ސަރަޙައްދުތަކަށް ފޮނުވާލެވުނެވެ. އެ ހަނގުރާމަ ކުރެވުނު މައިދާނުގެ ތެރެއިން، ލިބިވަޑައިގެންނެވި މަތިވެރި ކާމިޔާބީގެ މައްޗަށް އުފާފުޅު ކުރައްވަމުން، އަޝޯކާ ހިންގަވާފައި ވަޑައިގެންނެވި އިރު، މަރުވެފައިވާ މީހުންގެ ފުރާނަ ނެތް ހަށިތައް ފެނިވަޑައިގަތުމުންނާއި، އެ މީހުންގެ ޢާއިލާތަކުގެ ރުއިމުގެ އަޑު އިވިވަޑައިގަތުމުން ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރު ކުރި އެވެ. މި ވާހަކަ ކިޔައިދޭ ގޮތުގައި، ހަނގުރާމައިގެ ފަހުން އެއް ދުވަހަކު އަޝޯކާ އެ ނަގަރުގެ ތެރޭގައި ހިންގަވާލެއްވި އިރު ފެނިވަޑައިގަތީ ހަމައެކަނި އަނދާފައިވާ ގެތަކާއި، މަރުވެފައި އެތަންމިތަނަށް ވެއްޓިފައިވާ ގަބުރުތަކެވެ. މި ތަންތަން ފެނިވަޑައިގަތުމުން އަޝޯކާ ވަރަށް ބޮޑަށް ހިތާމަފުޅުކުރައްވާފައި މިދަންނަވާ ބަސްފުޅުތައް ވިދާޅުވި އެވެ:
"އަހަރެން މި ކުރީ ކީއް ހެއްޔެވެ؟ މިއީ ކާމިޔާބީ ކަމަށް ވާ ނަމަ، ނާކާމިޔާބަކީ ކޮބައި ހެއްޔެވެ؟ މިއީ ފަހެ ކަމިޔާބެއް ހެއްޔެވެ؟ ނުވަތަ ނާކާމިޔާބެއް ހެއްޔެވެ؟ މިއީ އިންސާފު ހެއްޔެވެ؟ ނުވަތަ ނާއިންސާފު ހެއްޔެވެ؟.... މަޢުޞޫމު ކުޑަކުދިންނާއި އަންހެނުން މަރާލުމަކީ ހިތްވަރުގަދަކަން ހެއްޔެވެ؟ އަހަރެން މިކަންމި ކުރަނީ މި ވެރިކަން ފަތުރައި ބާރުގަދަކުރުމަށް ހެއްޔެވެ؟ ނުވަތަ އެހެން މީހެއްގެ ރަސްކަން ހަލާކުކޮށްލައި އޭނާގެ ކީރިތިކަމާއި ޢިއްޒަތް ނައްތާލުމަށް ހެއްޔެވެ؟ އެއް އިންސާނަކަށް އޭނާގެ ފިރިމީހާ ގެއްލިއްޖެ އެވެ. އަނެކެއްގެ ބައްޕަ، އަދި އަނެކެއްގެ ދަރިއެއް، އަދި އަމަ އެފަދައިން އެހެން މީހަކަށް އެ ނެތިދަނީ ނުއުފަންނަ ދަރިއެކެވެ! މިއީ މަރުވެފައި ތިބި އިންސާނުންގެ ޤަބުރުތަކަކުން އުފެދިފައިވާ ކުނިބުނި ހެއްޔެވެ؟..."
މި ކުރެއްވުނު ހަނގުރާމައިގައި ހިންގެވުނު އަނިޔާވެރިކަމުގެ ހިތާމަފުޅުގައި، އަޝޯކާ ބުޑިޒަމް ޚިޔާރުކުރައްވަން ނިންމެވި އެވެ. އަދި ގައުމަށް ލިބިވަޑައިގެންނެވި ބާރު ބޭނުންފުޅުކުރެއްވީ، ބުޑިޒަމް ފެތުރުއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގަ އެވެ. އެގޮތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ވެސް މީހުން ފޮނުވި އެވެ.
ދީން ބަދަލުކުރެއްވުމަށް ފަހުގައި އަޝޯކާގެ ޝަޚުޞިއްޔަތަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. ރަސްކަމުގެ ކަންތައް ކުރެއްވުމުގައި އޯގާވެރިކަމާއި ހިތްޕުޅުހެޔޮކަން ފާޅުކުރެއްވި އެވެ. ހަނގުރާމަ ނުކުރުމަށް ނަސޭޙަތްތެރި ވެވަޑައިގަތެވެ. ރައްޔިތުންނަށް ދިރިއުޅުން ފަސޭހަވާނޭ ގޮތްތައް ހޯއްދަވައިދެއްވި އެވެ. އަދި މި ރަސްގެފާނުގެ ރަސްކަމުގައި ތަފާތު ދީންތަކުގެ މީހުންނަށް އެކީގައި ދިރިއުޅެވެނޭ ގޮތްތައް ހަމަޖައްސަވައިދެއްވި އެވެ.
ނޯޓް: މި ލިޔުމަށް މައުލޫމާތު ހޯދާފައިވަނީ "އެންސައިކްލޮޕީޑިޔާ ބްރިޓެނިކާ" އިންނާއި އިންޓަނެޓްގެ ބައެއް ވެބްސައިޓުންނެވެ.

އެމްޑީޕީގެ މުޒާހަރާ
1 comment