ދިވެހި ބަސް

ދިވެހި ފޮތްތަކަށް ރާއްޖޭގެ ބާޒާރުން ޖާގައެއް ނެތް!

މުހައްމަދު އަފްރާހު
29 ފެބުރުއަރީ 2012 09:20 9 ކޮމެންޓު
  • ފެއާއެއްގައި ހުރި ދިވެހި ފޮތްތަކެއް ބަޔަކު ބަލަނީ: ދިވެހި ފޮތްތައް ރާއްޖޭގައި ވިކޭ މިންވަރު މަދު. --ހަވީރު ފައިލް ފޮޓޯ

ރާއްޖޭގައި ވެސް މޮޅެތި ލިޔުންތެރިން އެބަ ތިއްބެވެ. ލިޔުންތެރިންގެ ތަފާތު ފޮތްތައް ވެސް ބާޒާރަށް ނެރެ އެވެ. ނަމަވެސް ދިވެހި ލިޔުންތެރިންގެ ފޮތްތައް ގިނައިން ފެންނަނީ ނުވިކިގެން ފޮތް ފިހާރަތަކުގެ ހަރުތަކުގައި ހުންނަ ތަނެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ދިވެހި ފޮތްތަކަށް ރާއްޖޭގެ ބާޒާރުން ޖާގައެއް އެބަ އޮތް ހެއްޔެވެ؟

"ތެދަށް ބުނަންޏާ ރާއްޖޭގައި އެކަށީގެންވާ މާކެޓެއް ނެތް. ފޮތްތަކަށް މާކެޓު ނުލިބުމުގައި ގިނަ މައްސަލަތަކެއް ވެސް އެބަހުރި. މިކަމުން ލިބެނީ ގެއްލުން،" ގިނަ އަދަދެއްގެ ވާހަކަ ފޮތްތައް ނެރޭ، ލިޔުންތެރިއެއް ކަމަށްވާ ހަސަން ޒަހީން ބުންޏެވެ.

މާލޭގެ ބުކް ޝޮޕްތަކުގެ ފޮތް ހަރުގަނޑުތަކުން ސިއްހީ ދާއިރާގެ ފޮތްތަކާއި ލޯބީގެ ވާހަކަތަކުގެ އިތުރުން ދީނީ ފޮތްތައް ވެސް ފެނެ އެވެ. ނަމަވެސް ފޮތް ލިޔުންތެރިންގެ އެ މަސައްކަތުން ފައިދާ އަށް ވުރެ ލިބޭ ގެއްލުން ބޮޑު ކަމަށް ބައެއް ލިޔުންތެރިން ބުނެ އެވެ. ނަމަވެސް ބުކްޝޮޕްތަކުން އެކަމާ ދެކޮޅެވެ. ގިނަ ބުކްޝޮޕްތަކުން ބުނަނީ ދިވެހި ފޮތްތަކަށް ރާއްޖޭގައި މާކެޓް އެބައޮތް ކަމަށާއި، ދިވެހި ފޮތް ގަންނަނަ މީހުން ވެސް މަދު ނޫން ކަމަށެވެ.

ނޮވެލްޓީ ބުކް ޝޮޕްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނަޝީދު ވިދާޅުވީ އެ ބުކްޝޮޕުން ހޯލް ސޭލްކުރާ ފޮތްތަކަށް ބަލާއިރު ވެސް ދިވެހި ފޮތްތައް އުޅެނީ ކުރީގައި ކަމަށެވެ.

"ރަނގަޅަށް ދިވެހި ފޮތްތައް ވިކޭ. ރަށްރަށަށް ގެންދާ ފޮތްތަކަށް ބަލާއިރު ވެސް ދިވެހި ފޮތްތައް ވަރަށް ގިނަ،" ގިނަ އަދަދެއްގެ ދިވެހ ފޮތް ޗާޕްކޮށްގެން ނެރޭ ނޮވެލްޓީ ބުކްޝޮޕްގެ ނަޝީދު ވިދާޅުވީ އެވެ.

އެހެން ބުކްޝޮޕެއް ކަމަށްވާ، ރައުންޑް ވަން ބުކްޝޮޕްގެ ވެރިޔާ، މުހައްމަދު ޝަރީފް ވިދާޅުވީ އެ ބުކްޝޮޕުން ވެސް ގިނަ އަދަދެއްގެ ފޮތް ވިއްކާ ކަމަށާއި، ދިވެހި ފޮތްތަކުގެ ވިޔަފާރި ގޯސް ކަމަށް ބުނެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ބުކްޝޮޕުން އެކަނި ވެސް ފުދޭވަރެއްގެ ގިނަ އަދަދެއްގެ ފޮތް ވިކޭ. ފޮތެއްގެ ވިޔަފާރި ރަނގަޅުވުން ބިނާވެފައިވަނީ ނުކުންނަ ފޮތެއްގެ މައްޗަށް. ދިވެހި ފޮތްތަކުގެ ތެރެއިން އެންމެ ގިނައިން މި ވިކެނީ ކުޑަކުދިންގެ ބިރުވެރި ވާހަކަ ފޮތްތައް. އަދި ދީނީ ފޮތްތައް،" ޝަރީފް ވިދާޅުވި އެވެ.

ބުކްޝޮޕްތަކުން ދިވެހި ފޮތުގެ ވިޔަފާރި ރަނގަޅު ކަމަށް ބުނި ނަމަވެސް ވަކިވަކި ލިޔުންތެރިންގެ ބަސް މުޅިން ތަފާތެވެ. މީގެ އެންމެ ބޮޑު ހެއްކަކީ ދިވެހި ލިޔުންތެރިންގެ ތެރެއިން މަދު މީހަކަށް ނޫނީ މި ދާއިރާގައި ހިފަހައްޓާލަން ދަތިވުމެވެ.

ބައެއް ލިޔުންތެރިން ބުނާ ގޮތުގައި ރާއްޖޭގެ ބާޒާރަށް ގިނަ ފޮތްތަކެއް ނުނެރެވުމުގެ ސަބަބުތަކުގެ ތެރޭގައި ފޮތްތައް މާކެޓްކުރުމުގެ ހަރަދު ބޮޑުވުމާއި ދިވެހި ފޮތްތައް ވިއްކަން ބުކްޝޮޕްތަކުން އެއްބާރުލުން ނުދިނުން ވެސް ހިމެނެ އެވެ.

"ބުކްޝޮޕްތަކުން ވެސް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ. ފޮތް މިނެރެނީ މާ ގިނަ ފައިސާތަކެއް ހުރެގެނެއް ނޫން. ބައެއް ފަހަރު ބުކްޝޮޕްތަކުން ޕޭމަންޓް ލިބުމުގައި ވެސް ލަސްވޭ. އެފަދަ ކަންތައްތަކުގެ ސަބަބުން ގިނަ ދަތިތަތަކެއް ކުރިމަތިވޭ. އަނެއް ކަމަކީ ފޮތެއް މާކެޓްކުރަން ބޮޑު އެއްޗެއް ދިއުން. އެހެންވުމުން އިޝްތިހާރުކުރަން ދާ ހަރަދާ އަޅާ ބަލާއިރު ފޮތް ވިއްކާފަ ލިބޭ އެއްޗަކާ ނުބައްދަލު. އެއީ ވެސް ބޮޑު މައްސަލައެއް. ޓީވީން ފޮތެއް އިޝްތިހާރުކުރަން ބަލާއިރު ވެސް ހާއްސަ އަގެއް ނުލިބޭ،" ލިޔުންތެރިއަކު ބުންޏެވެ.

ލިޔުންތެރިންގެ ވާހަކަތައް މިހެން ހުރި އިރު ފޮތްތައް ގަންނަން ތިބި ކިޔުންތެރިންގެ ހިޔާލު ވެސް މިކަމާ މުޅިން ތަފާތެވެ. ފޮތް ގަންނަ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ދިވެހި ފޮތްތައް ނުވިކުމުގެ އެއް ސަބަބަކީ ދިވެހި ބަހުން ލިޔާ ފޮތްތައް ޒަމާނަށް ނުފެތުމެވެ. ޒުވާނުންގެ ވިސްނުމާ އެ ފޮތްތައް ނުގުޅުމެވެ. ނަމަވެސް ބާޒާރުގައި ވިއްކާ ފޮތްތަކަށް ބަލާލުމުން މިއީ ވެސް މުޅިން ހަގީގަތެއް ކަމަށް ބުނެވޭކަށް ނެތެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ގިނައިން ވިކޭ ފޮތްތަކަށް ބަލާއިރު މިހާރު އެންމެ ވިޔަފާރި ރަނގަޅީ ދީނީ ފޮތްތަކާއި ކުޑަކުދިންގެ ބިރުވެރި ވާހަކަ ފޮތްތައް ކަމަށް ވެސް ބުކްޝޮޕްތަކުން ބުނެ އެވެ.

ނޮވެލްޓީން ވާހަކަ ދެއްކެވި ނަޝީދު ވިދާޅުވީ 2000 ވަނަ އަހަރުގެ ކުރީކޮޅު ލޯބީގެ ވާހަކަ ފޮތްތައް ވިކުނު ނަމަވެސް މިހާރު ގިނައިން ވިކެނީ ދީނީ ފޮތްތައް ކަމަށެވެ.

"ކުރީގައި 2000 ވަނަ އަހަރުގެ ކުރީ ކޮޅާ ބަލާއިރު ވަރަށް ގިނަ އަދަދަކަށް ލޯބީގެ ވާހަކަ ފޮތްތައް ނެރުނު. ނަމަވެސް މިހާރު އެފަދަ ފޮތްތައް ނުކުންނަ ވަރު ވަރަށް މަދު. ބޮޑަށް ހީވަނީ ލިޔުންތެރިން ވިސްނުން ކޮންމެ ވެސް އެހެން ދިމާލަކަށް ދިޔައީ ހެން. ނަމަވެސް ވާހަކަ ފޮތް މިހާރު ވެސް ގަންނަ މީހުން އެބަތިބި. އޭގެ ތެރޭގައި އަލިފު ލައިލާ ވާހަކަ ފޮތް ފަދަ ފޮތްތައް ގަންނަ މީހުން އުޅޭ،" ނަޝީދު ވިދާޅުވި އެވެ.

9 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait