ސިންހަޕުރައިގެ މީހުން އައުމުން، އެމީހުންގެ ހިންދޫ ދީން މި ރާއްޖެއަށް ތަޢާރަފްވެއްޖެއެވެ. ދީނީ ކަންތައްތަކުގެ އިތުރަށް، މި މީހުން ބޭނުންކުރި ބަސްތައް ވެސް މި ރާއްޖޭގެ ބަހަށް ތަޢާރަފްވި އެވެ. ސިންހަޕުރައިގެ މީހުންނަކީ އެޒަމާނުގައި އުތުރުކަރާގައި އޮތް ސާންސްކިރިތު ބަސް ބޭނުންކުރި މީހުންނެވެ. ވީމާ މިބަހުގެ ލަފްޒުތައް ދިވެހީންގެ ބަހުގެ ތެރޭގައި ބޭނުންކުރަން ފެށިއްޖެ އެވެ. ޒަމާންތައް ހިނގައި ދިޔައިރު، ދިވެހީންގެ މުސްކުޅިބަހާއި ސާންސްކިރިތުގެ ބަސްތައް އެކުވެ، ދިވެހީން މޮށެއުޅޭ ބަހަކީ މިއީ ކަމަށް ވެއްޖެ އެވެ. މިއީ އެމީހުން އެޒަމާނުގައި ލިޔުމަށް ވެސް ބޭނުންކުރި ބަހެވެ.
މިބައި މީހުން އައުމުން، ދިވެހީންނަށް އެތައް ކުރިއެރުންތަކެއް ލިބުނެވެ. އިހުގައި ނުދަންނަ ބައެއް ހުނަރުތައް ދަސްވި އެވެ. ލިޔެކިޔަން ދަންނަ މީހުންތަކެއް އައުމުގެ ސަބަބުން، ފަންވަތުގަ އާއި ގަލުގައި ލިޔުން އިތުރުވި އެވެ. ގަލުގައި ލިޔަނީ ބިންވަޅު ނަގައިގެންނެވެ. އަދި އެކި ކަހަލަ ކުރެހުންތަކާއި އެމީހުން ކުރިން ދިރިއުޅުނު ރަށްރަށުގައި އުފެއްދި ކުރެހުންތައް ފަދައިން ހިރިގަލުގައި ވެސް މި މަސައްކަތް ކުރި އެވެ. ބޭސްވެރިކަމާއި، ހިސާބާއި، ނުޖޫމީ ޢިލްމު ވެސް އެ ޒަމާނުގެ ފެންވަރުގައި ރާއްޖޭގައި ގެންގުޅެން ފެށި އެވެ. އަދި ކައިރީގައިވާ ޤައުމުތަކާއި ދިވެހީންނާ ދެމެދު ގުޅުންތައް ރަނގަޅުވި އެވެ. އުތުރުކަރައަށާއި އޮޅުދޫ ކަރައަށް ކުރަމުން އައި ދަތުރުތައް އިތުރުވެއްޖެ އެވެ.
ޤަރުނުތައް ފާއިތުވަމުން ދިޔައިރު، އުތުރުކަރާގައި ބުއްދާގެ ދީން ހަލުވިކަމާ އެކީގައި ފެތުރެމުން ދިޔަ އެވެ. ކުރީގައި އޮތް ހިންދޫ ދީނާއި ވެސް އެކީގައި، ބުޑިސްޓުދީނުގެ ބިނާތައް އުފުލެމުން ދިޔަ އެވެ. މީލާދީގެ ގާތްގަނޑަކަށް 250 އަހަރު ކުރީގައި ( 250 ބީ.ސީ.އީ.) އުތުރުކަރާގައި، މޯރިޔާ ދަރިކޮޅުގެ ބާރުގަދަ ރަސްގެފާނު އަޝޯކާގެ ރަސްކަން ( 273- 232 ބީ. ސީ. އީ.) އޮތެވެ. އެރަސްގެފާނުގެ ރަސްކަމުގެ މިދުވަސްވަރު، ބުޑިސްޓު ދީން ފެތުރުއްވުމަށްޓަކައި ކައިރީގައިވާ ޤައުމުތަކަށް އެ ދީނުގެ ޢިލްމުވެރިން ފޮނުއްވި އެވެ. ދިވެހިރާއްޖެ އަށް ވެސް މިފަދަ މީހުން އައިސް މި މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. ރާއްޖެ އަށް އައީ އިންޑިއާގެ "ބައިރާތު" ކިޔުނު ރަށެއްގެ މީހުން ކަމަށް ބުނެވެ އެވެ. ބުޑިސްޓު ދީން ފެތުރެމުން ދިޔުމާ އެކު، ރާއްޖޭގެ އެކި ރަށްރަށުގައި އަޅުކަންކުރާނެ އިސްތޫޕާތަކާއި ވޭރުތައް ބިނާކުރި އެވެ. އަދި ކުރިން ތިބި ހިންދޫދީން ދޫކޮށްލާފައި، އަލަށް މިގެނައި ދީނަށް ވަރަށް ގިނަ މީހުން އަޅުކަން ކުރަން ފަށައިފި އެވެ.
މީލާދީގެ އެއް ވަނަ ޤަރުނާއި ދެވަނަ ޤަރުނުގައި އެ ޒަމާނުގައި ވިޔަފާރިކުރުމުގެ ބޭނުމުގައި، އިންޑިޔާ އަށް (އުތުރުކަރައަށް) ދަތުރުކޮށް އުޅުނު ޔޫނާންގެ (ގްރީކް) މީހުންނާއި ރޫމީން، ދިވެހިރާއްޖެ އަށް ވެސް ޒިޔާރަތްކުރި އެވެ. މީގެ ބައެއް މީހުން ދުވަސްތަކެއް ވާންދެން މިރާއްޖޭގައި ތިބެން ވެސް ދިމާވެފައި ވެދާނެ އެވެ. ކޮންމެއަކަސް، އެމީހުން އިންޑިޔާގެ އިރުމަތީ އައްސޭރީގައިވާ ހިސާބެއްގައި ވިޔަފާރިކުރިއިރު، ދަތުރުމަތީގައި މަޑުކޮށްލި ތަނަކަށް ދިވެހިރާއްޖެ ވި އެވެ. އެ ޒަމާނުގައި ހިންދު ކަނޑުގައި ދަތުރުކޮށް އުޅުނު އެންމެން ވެސް ދިވެހިރާއްޖެ ދަނެ އެވެ. އޭރުގެ ދަތުރުވެރިންނަށް މިރާއްޖެ އޮންނަތަން ނޭނގިއްޖެ ނަމަ، ދަތުރުކުރި ނައުފަހަރު ފަރުތަކަށް އަރައި މުގުރުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ.
މި ދެންނެވި ދުވަސްވަރުގެ ޤަރުނުތަކެއް ފަހުން، ސީނުކަރައިގެ މީހުން ވެސް ދިވެހިރާއްޖެ އަށް އަންނަން ފެށި އެވެ. ބުނެވޭ ގޮތުގައި މިއީ މީލާދީން ގާތްގަނޑަކަށް ނުވަ ވަނަ ޤަރުނުން ފެށިގެންނެވެ. މިބައި މީހުން ޢަރަބިކަރައަށާއި އިރުމަތީ އެފްރިކާ އަށް ދަތުރުކުރުމުގެ މަގުމަތީގައި، ފެނާއި ކާބޯތަކެތި ލުމަށް މަޑުކޮށް ހެދީ ދިވެހިރާއްޖޭގަ އެވެ. އެހެންކަމާ އެކު އެމީހުން ދަތުރުކުރުމަށް ކުރަހާފައިވާ ޗާޓުތަކުގައި ދިވެހިރާއްޖެ ފާހަގަކޮށްފައި ހުރެ އެވެ. ތަކެތި ގަތުމުގެ އަގު އަދާކޮށް އުޅުނީ އެމީހުން ވިއްކަން ގެންދާ ވިޔަފާރި މުދަލުންނެވެ. އެ މުދަލުގެ ތެރޭގައި އެ ޤައުމުގައި އުފައްދާ ތަށްޓާއި ފަށުވި ފޮއްޗާއި އަދި އެހެނިހެން ތަކެތި ހިމެނުނެވެ. އެ ޒަމާނުގައި ރާއްޖެ އަށް އައި ދަތުރުވެރީންގެ ތެރޭގައި، ޚަލީޖު ފާރިސްގެ މީހުން ވެސް ހިމެނުނެވެ. މި ބައި މީހުން ވެސް ވިޔަފާރި އަށް ނުވަތަ އެހެން ސަބަބަކަށްޓަކައި އައި ނަމަވެސް ދުވަސްތަކެއް ވަންދެން ދިވެހިރާއްޖޭގައި ތިއްބެވެ.
ޒަމާނުގެ ތެރެއިން ދުނިޔެ ދަތުރުކުރަމުން އަ އެވެ. ޔޫރަޕްގަ އާއި އިރުމަތީގައްޔާއި، އަދި މެދުއިރުމަތީގައި މުހިންމު އެތައް ކަންތައްތަކެއް ހިނގަމުންދިޔަ އެވެ. އެ ތަންތާނގައި އެކި ދައުލަތްތަކުގެ ވެރިކަން އައިސް ނިމި، މިފަދައިން ކަންތައްތައް ހިނގަމުން ދިޔައިރު، ދިވީންގެ ރާއްޖެ ނުވަތަ ދިވެހިރާއްޖޭގައި މާ ބޮޑެތި ބަދަލުތަކެއް އައި ކަމަކަށް ނުވެ އެވެ. ދުނިޔޭގެ އެހެނިހެން ރަށްރަށާއި ރާއްޖެއާ ދެމެދުގައި ގުޅުންތައް ހުއްޓެވެ. ވިޔަފާރި އާއި އެހެނިހެން ދަތުރުތައް ދުރާއި ކައިރީގައިވާ ޤައުމުތަކަށް ކޮށް އުޅުނެވެ. މީގެ ތެރޭގައި ރޯމް އާއި މެދުއިރުމަތީގެ ރަށްތަކެއް ހިމެނުނެވެ. ސީނުކަރަ އާއި އަސޭކަރާ، އުތުރުކަރަ އާއި އޮޅުދޫކަރާ، އަދި މެދުތެރޭ ކަނޑުގެ (މެޑިޓަރޭނިއަން ކަނޑު) މީހުންނަށް ދިވެހިރާއްޖެ އެނގި ދަސްވެއްޖެ އެވެ.
މި ދުވަސްވަރުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް އޮޅުދޫކަރައިންނާއި އުތުރުކަރައިން މީހުން އަ އެވެ. އަދި މާދުރުގައިވާ އަސޭކަރައިން ވެސް މަދުމަދުން ނަމަވެސް ދަތުރުވެރިން އައިސް ވަޒަންވެރިވި އެވެ. ބައެއް ފަހަރު އެމީހުން ބޭނުންވެގެންނެވެ. އަނެއް ބައި ފަހަރު، އެމީހުން ދަތުރުކުރި އުޅަނދެއް ރާއްޖޭގެ ރަށްތަކުގެ ތެރެއިން ދަތުރުކުރަނިކޮށް ފަރަކަށް އަރައި މުގުރިގެންނެވެ. ދިމާވި މިފަދަ އެކި ސަބަބުތަކާ ހެދި، ދިވެހީންގެ ތެރެއަށް އިތުރު ނަސްލުތަކުގެ މީހުން ވެސް ވަންނަމުން ދިޔަ އެވެ. އަދި މިފަދައިން ހިނގި ހިޖުރަކުރުންތަކުން، ދިވެހީންގެ ތެރެއަށް އައު ބަސްތަކާއި އައު ހުނަރުތައް ތަޢާރަފްވެ، ދިވެހި ސަޤާފަތް މުއްސަނދިވަމުން ދިޔަ އެވެ.
ހިނގައިދިޔަ ޒަމާންތަކުގެ ތެރޭގައި، ދިވެހި ސިންގާސަނާގައި އަންހެން ބޭފުޅުން ވެސް ރެދަލިކުރެއްވި އެވެ. އެ ޒަމާނުގެ ދިވެހީންގެ އާދަކާދަތަކުގެ ތެރޭގައި، އަންހެނުންނަކީ މުޖްތަމަޢުގައި މުހިންމު ބައެއް އަދާކުރި ބަޔެކެވެ. މުދަލާއި ބިން ވެސް ވާރުތަވަމުން އައީ އަންހެން މަތިފުށުންނެވެ. އަދި ރަސްކަމުގެ ތަޚުތު ވާރުތަވަމުން އައިސްފައި ވަނީ ވެސް މައިކަނބަލުންގެ ފަރާތްޕުޅުންނެވެ. ރަސްކަލަކު ފުރައުއްތަވުމުން ދެން ތަޚުތަށް އިސްކުރަމުން އައިސްފައި ވަނީ، އެ ރަސްކަލަކަށް މައިފުށު ފަރާތުން ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. މިއީ މިކަންކަން މަލާބާރު ކަރައިގައި ވެސް އޮތް ގޮތެއް ކަމަށް ބުނެވެ އެވެ.
މީލާދީން ދިހަ ވަނަ ޤަރުނުގެ ފަހުކޮޅުގައި ނުވަތަ އެގާރަ ވަނަ ޤަރުނު ފެށުނުތަނާ، ކަނޑުމަތީގައި ހިނގި ހަނގުރާމައަކަށް ފަހު، އިންޑިޔާގެ ދެކުނުގައި ވެރިކަން ކުރަމުން އައި ޗޯޅާއިންގެ ރަސްގެފާނު ރާޖަރާޖާ ،1 ދިވެހިރާއްޖޭގެ އުތުރުގެ ދެ އަތޮޅެއް ހިއްޕެވި އެވެ. އެރަސްގެފާނަށް ބޭނުންފުޅުވީ، އެ ޒަމާނުގައި ހިންދުކަނޑުގައި މުދާ ހިފައިގެން ދަތުރުކުރާ ނައުޒޯނގު އަތުލެއްވުމަށް ފަސޭހަވާނޭ ފަދަ ބަނދަރު ހޯއްދެވުމަށެވެ. ރާއްޖެ އޮންނަ މަޤާމުގެ ގޮތުން، އެންމެ ރަނގަޅު ތަނަކީ މިއީ ކަމަށް އޭނާ އަށް ފެނިވަޑައިގަތީ އެވެ. ޗޯޅާއިންގެ ދަށުގައި ދިވެހިރާއްޖެ އޮތުމަކުން މާ ބޮޑެތި ބަދަލުތަކެއް ނާދެ އެވެ. މިރާއްޖޭގެ ވެރިކަން ކުރިއެކޭ ވެސް އެއް ގޮތަކަށް އޮތެވެ. ނަމަވެސް ރާއްޖޭގެ ބަނދަރުތައް ޗޯޅާއިން ބޭނުންކުރި އެވެ.
އާދެ! ދެން އަޅުގަނޑުމެން ދަތުރުކުރަން ޖެހެނީ، މީލާދީން ބާރަ ވަނަ ޤަރުނުގެ ކުރީ ކޮޅަށެވެ. ގުޖުރާތާ ކައިރި ހިސާބަކަށެވެ. ލަފާކުރެވޭ ގޮތުގައި އެއީ ގާތްގަނޑަކަށް މީލާދީން 1115 ވަނަ އަހަރެވެ. މި ހިސާބުގައި ވަނީ ކުދި ޤައުމުތަކެއްގައި ހިންގާ ރަސްކަންތަކެކެވެ. މިފަދަ ރަސްރަސްކަލުންނަށް އެ ޒަމާނުގައި ކިޔައި އުޅުނީ "ރާޖްޕުތް" މިހެންނެވެ. ރާޖްޕުތް މި ނަމުން ދޭހަކޮށްދެނީ މާތްކަމާއި، ހިތްވަރުގަދަ ކަމާއި ހަނގުރާމައަށް ކުޅަދާނަކަމެވެ. މިއީ "ކްޝަތްރިޔަ" (ކައްތިރި) ދަރަޖައިގެ ބޭފުޅުންނެވެ. "ރާޖަޕަތި" މި ނަން ބޭނުންކޮށް އުޅުނީ ރަސްރަސްކަލުންގެ ތެރެއިން މަތީ ބޭފުޅުންނަށެވެ. މިއީ އަޅުގަނޑުމެންގެ ތާރީޚުގައި، އަންހެން ބޭފުޅުންނަށް އަރުވާ ކޮލީ ނަންފުޅަކަށް ބަދަލުވެގެން ދިޔަ "ރާދަފަތި" މި ނަންފުޅު ކަމަށް ވެދާނެ އެވެ. މި ދެންނެވި ހިސާބުގެ ރަށްރަށުގެ ގަނޑުވަރު ތެރޭގައި ގެންގުޅުނު ބައެއް ލަފްޒުތައް ދިވެހި އާދަކަދައިގެ ތެރެއިން ވެސް ފެނެ އެވެ.
"ކޮއިމަލާ" މި ނަންފުޅަކީ މަލާބާރު ކަރައިގެ ރަސްމަތިފުށުގެ ބައެއް ބޭފުޅުންނަށް އަރުވާފައިވާ ލަޤަބެއް ކަމަށްވާ "ކެއިމަލް" މި ނަންފުޅުން އައިސްފައިވާ ނަމެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމާ އެކު ލަފާކުރެވެނީ، އަޅުގަނޑުމެންގެ ތާރީޚުގައިވާ "ކޮއިމަލާ ކަލޯ" އަކީ، އެހިސާބުގެ ޤައުމެއްގެ ރަސްމަތިފުށުގެ ޢާއިލާއެއްގެ ބޭފުޅެއް ކަމަށެވެ. "ކަލޯ" މި ލަފުޒަކީ، މާތް މީހުންގެ ނަމަށް ދިވެހީން އިތުރުކޮށް އުޅުނު ނަމެކެވެ. ކޮއިމަލާގެ ޢާއިލާ އަކީ، "ސޯމަވަންހަ" ނުވަތަ އެހެން ގޮތަކަށް ދަންނަވާ ނަމަ، ހަނދުވަންހައިގެ، "ކްޝަތްރިޔަ" (ކައްތިރި) ދަރަޖައިގެ ޢާއިލާއެކެވެ. އޭނާގެ ޤައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކެއްގެ ތެރޭގައި ދިމާވެވަޑައިގަތް ދަތިތަކަކާ ހުރެ، ކޮއިމަލާ ޤަޞްދުކުރެއްވީ އެ ތަނުން ވަކިވެވަޑައިގެން، އެހެން ރަށަކަށް ވަޑައިގަންނަވާށެވެ. އޭނާގެ ޢާއިލާއާ އެކީގައި ކޮއިމަލާ ދަތުރުކުރެއްވީ "ދިވީންގެ ރާއްޖެ" އަށެވެ. ދިވެހިރާއްޖެ އަށް ވަޑައިގަތުމަށް ފަހު، އެ ބޭފުޅުން ދުވަސްކޮޅަކު މަޑުކުރެއްވީ މިހާރުގެ ރަސްގެތީމުގަ އެވެ. އެ ޒަމާނުގައި ރަސްގެތީމުގެ މީހުންނަކީ ބުޑިސްޓުންނެވެ.
މި ޢާއިލާގެ ޚަބަރު ދިވެހިންނަށް ލިބުމުން، ރާއްޖޭގެ ވެރިރަށް، މާލެއަށް ވަޑައިގަތުމަށް ދަޢުވަތު އަރުވައިފި އެވެ. މާލެއަށް ވަޑައިގަންތާ ދުވަސްކޮޅެއް ފަހުން، އެއިރު ރަސްކަމުގައި އިންނެވި އަބަޔާ ރަސްގެފާނުގެ ދަރިކަނބަލުންނާ ކޮއިމަލާ ކައިވެނިފުޅު ބައްލަވައިގެންފި އެވެ. އަބަޔާ ރަސްގެފާނު ފުރައުއްތަވުމުން، ދެން ރަސްކަމަށް އިސްވެވަޑައިގަތީ ކޮއިމަލާ އެވެ. ތީމުގޭ މަހާ އަބާރަނަގެ ނަންފުޅުގަ އެވެ. އާދެ! ހަނދުވަންހައިގެ "ތީމުގޭ ދަރިކޮޅު" ފެށެނީ މިހިސާބުން ކަމަށް ބެލިދާނެ އެވެ. ނަމަވެސް ފުލޯކީ ވާހަކަތަކުގައްޔާއި އަދި ބޭރުގެ ބައެއް ތާރީޚީ ރެކޯޑުގައި، އޭގެ ކުރީގައި ވެސް ދިވެހިރާއްޖޭގައި ރަސްކަމެއް އޮތްކަން ދައްކަ އެވެ. މީގެ ތެރޭގައި، މީލާދީން ހަތް ވަނަ ޤަރުނުގެ ތެރޭގައި ސީނުކަރައިގެ ރަސްގެފާނަށް ޖިޒީ ފޮނުއްވި "ބާލާދީތިޔަ" ކިޔުނު ރަސްކަލެއްގެ ވާހަކަ އާދެ އެވެ.
މި ލިޔުން މިހިސާބަށް ނިންމާލަމުން ދަންނަވާލަން ޖެހޭ ދެތިން އެއްޗެއް ވެ އެވެ. މި ވާހަކައިގައި މިވަނީ، މައިގަނޑު ނަމުގައި ވެސް ވާ ފަދައިން، ޚިޔާލާއި ޙަޤީޤަތެވެ. ތާރީޚީ ޙަޤީޤަތުގެ ނުކުތާތަކާ ގުޅާލެވިފައިވާ ވާފަށްތަކަކީ ޚިޔާލީ ގެތުމެކެވެ. ތާރީޚު އޮތީ އިސްވެދިޔަ ފަދައިން ކަމަށް ވެދާނެ އެވެ. އެހެން ނުވެ ވެސް ހިނގައިދާނެ އެވެ. ކޮންމެއަކަސް، މި ލިޔުމުގައި މިވަނީ ބޭނުންކުރެވިދާނޭ ޙަޤީޤީ ނުކުތާތަކަކާއި ހުވަފެންތަކެކެވެ.
ނޯޓް: މިލިޔުމުގައިވާ މަޢުލޫމާތު ހޯދުމުގައި ބޭނުންކުރީ މިދަންނަވާ ފޮތްފޮތެވެ: .1 "ދިވެހި ތާރީޚަށް އައު އަލިކަމެއް"، .2 އޭންޝަންޓް ސިލޯން ނަންބަރު .5 .3 އެންސައިކްލޮޕީޑިއާ ބްރިޓެނިކާ .1993 .4 ފަތްތޫރަ މަޖައްލާ އަށް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވި "ކޮއިމަލާކަލޯ އަކީ ކާކުބާ؟"

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
1 comment