ރާއްޖޭގެ ރަސްރަސްކަލުން

މުޙްޔިއްދީން ރަދުން: އިންސާފުވެރި، ދީންވެރި ރަސްކަލެއް

ނަސީމާ މުހައްމަދު
04 ފެބުރުއަރީ 2012 11:20 1 ކޮމެންޓު
  • ހުކުރު މިސްކިތު ގަބުރުސްތާނު ބަލަން ޓޫރިސްޓުންގެ ބަޔަކު: މުހުޔިއްދީން ރަދުންގެ ފަސްދާނުލާފައި ވަނީ މި ގަބުރުސްތާނުގައި

ކުޑަ މުޙައްމަދު ރަސްގެފާނު 30 ޖުމާދިލްއޫލާ 1103 މި ދުވަހު އަވަހާރަވުމަށް ފަހު، އެ ރަދުންގެ ރަސްކަމުގައި، ކޮއިލުތެރޭގެ ކަންތައްތަކާއި، ސަރުކާރުގެ ކަންތައްތައް ވެސް، ހިނގައިފައިވާ ނޭދެވޭ ގޮތުގެ ސަބަބުން، ދިވެހިން ބޭނުންވީ އެފަދަ ގޮތަކަށް ކަންތައްތައް ނުހިންގަވާނެ ފަދަ ހަރުދަނާ ބޭފުޅަކު ރަސްކަމަށް އިސްކުރުމަށެވެ.

އެއިރު އިސްކޮށް ތިބި މީހުންގެ ތެރެއިން އެއް ބަޔަކު ބޭނުންވީ، ކުޑަ މުޙައްމަދު ރަސްގެފާނުގެ މައިކަނބަލުންގެ ދަރިކަނބަލެއްގެ ފިރިކަލުން، ތަކަންދޫ ބަނޑޭރި ޢަލީ ތަކުރުގެ ދަރިއަކު ރަސްކަމަށް އިސްކުރުމަށެވެ. ނަމަވެސް އެއިރު ތިބި ބައެއް އިސް ބޮޑުންނާއި ލަސްކަރީންގެ ތެރެއިން ބަސްކިޔާ މުސްކުޅިވަރުގެ މީހުންނާއި މި އެންމެން، ފޮނަދޫ ޚަޠީބު ތަކުރުފާނުގެ ގެއަށް އެއްވެ ތިބެ، އިސްކަންދަރު ރަސްގެފާނާ އެއްބަނޑު ޙަސަން ފާށަނާ ކިލެގެފާނުގެ ފުތް މުޙައްމަދު މަނިކުފާނަށް ރަސްކަން އެރުވުމަށް ޢަހުދުވި އެވެ. ރާދަވަޅީގައި ބުނެފައިވާ ގޮތުގައި، މިމަނިކުފާނުގެ މަންމާފުޅަކީ ދަރަނބޫދޫ ޚަދީޖާ ދިޔޯ ކިޔުނު ބޭފުޅެކެވެ. މި ބޭފުޅަކީ، ރައްޔިތުން ދަންނަ އަޚުލާޤުފުޅު ރަނގަޅު، ދީންވެރި ބޭފުޅެކެވެ.

އޭގެ އަނެއް ދުވަހު، އެންމެން ގަނޑުވަރަށް އެއްވެފައި، އިސްކަންދަރު ރަސްގެފާނުގެ މަންމާފުޅު ކަނބާ ޢާއިޝާގެ ދަރިކޮޅުގެ މީހަކަށް ނޫނީ ރަސްކަން ދޭން ބޭނުން ނޫން ކަމަށް ބުނެފި އެވެ. އެދަރިކޮޅުގެ ބޭފުޅަކު ތަޞައްރަފު ފުދިފައި ހުންނެވި ކަމަށް ވެސް އެމީހުން ބުންޏެވެ. އަދި އެ ބޭފުޅަކީ ކަނބާ ޢައިޝާގެ ފުތް ޙަސަން ފާށަނާކިލެގެފާނުގެ ފުތް މުޙައްމަދު މަނިކުފާނު ކަމަށް ބުންޏެވެ. ދެން އެމީހުން މުޙައްމަދު މަނިކުފާނު ގެނެސް، ރަސްކަމުގެ ތަޚުތުގައި ވެޑުވީ ކަމަށް ތާރީޚުގައި ލިޔެފައިވެ އެވެ. މުޙައްމަދު މަނިކުފާނު ރަސްކަމަށް އިސްކުރެވުނީ، އައްސުލްޠާނުލް ޢާދިލް މުޙައްމަދު މުޙްޔިއްދީން މި ނަންފުޅުގަ އެވެ. ކޮލީ ނަންފުޅަކީ ސިރީ ނާކަރައި ސުންދުރަ ބަވަނަ މަހާރަދުންނެވެ. ބުނެވޭ ގޮތުގައި މި ރަސްގެފާނަކީ ދީލަތި، އިންސާފުވެރި، ޢިލްމުވެރިންނަށް ލޯބިކުރެއްވި ރަސްކަލެކެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1691 ވަނަ އަހަރުން ފެށިގެން 1692 ވަނަ އަހަރަށެވެ. މިއީ ހިޖުރައިން 1102 އިން 1103 އަށެވެ. މުޅިއެކު ރަސްކަން ކުރެއްވީ 11 މަހާއި 26 ދުވަހު އެވެ.

އައްސުލްޠާން ކުޑަ މުޙައްމަދުގެ ރަސްކަމުގައި، އެ ރަދުންގެ މަންމާފުޅު މަރިޔަމް ކަނބާފާނު މި މުޙައްމަދު މަނިކުފާނާ ހިތްޕުޅާ ހަމަކުރައްވައިގެން އެ މަނިކުފަނު ބަލާފޮނުއްވަން ފެއްޓެވި އެވެ. ނަމަވެސް މުޙައްމަދު މަނިކުފާނު މިކަމާ ރުހިވަޑައިނުގަތުމާ އެކު އެކަމަނާ އެންގެވުމުން އެންގެވި ތަނަކަށް ވަޑައިނުގަތުމުން، އެކަމަނާ ވެވަޑައިގެންނެވި ލޯބިފުޅު ނަފްރަތަށް ބަދަލުވެއްޖެ އެވެ. އެހެންކަމާ އެކު، ކޯފާއިސްވެގެން ލަސްކަރީންނާއި ވަޒީރުން އެއްކުރައްވާފައި، އެކަމަނާ އެންގެވީ، މުޙައްމަދު މަނިކުފާނު ރަސްކަން ހިއްޕަވަން އުޅުއްވަނީ ކަމަށެވެ. މި ކަމުގެ ތުހުމަތުގައި އެމަނިކުފާނު ފުވައްމުލަކަށް އަރުވައިލެއްވީ އެވެ. ކުޑަ މުޙައްމަދު ރަސްގެފާނު ތަންކޮޅެއް ބޮޑުފުޅުވެ، ބުއްދިފުޅު ހަމަވާވަރުވުމުން، އެ މަނިކުފާނުގެ މަންމާފުޅުގެ ޢާއިލާގެ މީހުންނާ ދުރުވެވަޑައިގަންނަވައި، ބައްޕާފުޅުގެ ޢާއިލާއާ ގަތްވެވަޑައިގަތެވެ. މި ގޮތުން އެންމެ ލޯބިފުޅުވާ އެއް ބޭފުޅެއް ކަމަށް މުޙައްމަދު މަނިކުފާނު ވެވަޑައިގަތެވެ. އަދި އެހިނދު ފޯއްމުލަކަށް އަރުވާލައިފައި ހުންނެވި މުޙައްމަދު މަނިކުފާނު މާލެ އަށް ގެންނެވި އެވެ. އެމަނިކުފާނާ މެދު ހެޔޮކޮށް ކަންތައް ކުރައްވައި، މާފަންނު އަތިރީ ގަނޑުވަރުގައި ބެހެއްޓެވި އެވެ. އަދި މިކަމާ ހެދި އެރަދުންގެ މަންމާފުޅާއި ޢާއިލާގެ އެފަރާތުގެ މީހުން ނުޤަބޫލު ވީނަމަވެސް، ކުޑަ މުޙައްމަދު ރަސްގެފާނު އެމަނިކުފާނަށް ވަރަށް މާތްކޮށް ހިއްތެވި އެވެ.

ކުޑަ މުޙައްމަދު ރަސްގެފާނު އަވަހާރަވުމަށް ފަހު، ކުރިން ބަޔާންކުރެވުނު ފަދައިން އައްސުލްޠާން މުޙައްމަދު މުޙްޔިއްދީން ރަސްކަމަށް އިސްވެވަޑައިގެންފައި، އެންމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުޑަ މުޙައްމަދު ރަދުންގެ ރަސްކަމުގެ ތެރޭގައި އެރަދުންގެ މަންމާފުޅުގެ ބާރުގެ ދަށުން ހައްދުންމަތީ ގަމަށް އަރުވާލައްވާފައި ހުންނެވި ޙަސަން ތާޖުއްދީން މާލެއަށް ގެންނެވުން ހިމެނުނެވެ. އެ ކަލޭގެފާނަށް މާތްކޮށް ހިއްތަވައި، މަހަކު ފަންސާސް ލާރީގެ އުޖޫރައެއް ދެއްވާފައި މާލޭގައި ބެހެއްޓެވި އެވެ. މި ރަދުންގެ ރަސްކަމުގައި އެންމެހާ ކަންތައްތައް ކުރެއްވީ، މުޙައްމަދު ސިރާޖުއްދީން ފޮނަދޫ ޚަޠީބު ތަކުރުފާނާއި އެކަލޭގެފާނުގެ ދަރިވަރު ޙަސަން ތަޖުއްދީނާއި ދެ ބޭފުޅުންގެ މަޝްވަރާއާ އެކުގައި ކަމަށް ތާރީޚުގައި ބުނެފައިވެ އެވެ.

ދެން އައި ރަޖަބު 6 ވަނަ ދުވަހު، މުޙައްމަދު ސިރާޖުއްދީން ފޮނަދޫ ޚަޠީބުތަކުރުފާނު ގަނޑުވަރަށް ގެންނަވައިފައި، ރަސްކަމުގެ ބޮޑުންނާއި އެންމެން ޖަމާކުރައްވާފައި ޚަޠީބު ތަކުރުފާނު ވަޢުޟު ވިދާޅުވާން އެންގެވި އެވެ. ވަޢުޟު ވިދާޅުވެ ނިންމަވާފައި ނިކުމެވަޑައިގަތުމުން، ރަސްގެފާނު ކޮލިކަލޭގެ ނެރުއްވައި، "ރާނުބޯން، ބަނގު ނުކާން، ޒިނޭ ނުކުރާން، އަންހެނުން މޫނު ބުރުގާ އަޅަން، އަންހެނުން ފިރިހެނުންނަށް މަގުން އަރައި ތަންދޭން، މިސްކިތް މިސްކިތު ވެޔޮވަޅު ސާފުކުރާން، މިސްކިތްތަކުގައި ފަސް ވަގުތު ބަންގި ގޮވައި ޖަމާޢަތުގައި ނަމާދު އަދާކުރަން،" މި ކަންކަމަށް އަމުރުކުރެއްވި އެވެ. ތާރީޚު ބުނާ ގޮތުގައި، ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ތެރެއިން، ރަޖަބު މަހުގެ ހަވަނަ ދުވަހު މިކަން ކުރެއްވުމަށް އާދަކުރެއްވީ މި ރަދުންނެވެ. މީލާދީން ވިހި ވަނަ ޤަރުނުގެ ތެރޭގައި ވެސް ވަރަށް ގިނަ ދުވަސް ވަންދެން، "ނައިބުކަމާއި ހިނގުމުގެ" ނަމުގައި މިކަން އޮތެވެ. ފަހަކަށް އައިސް މިކަން އޮތީ ވަޢުޟު ވިދާޅުވުމުގެ ގޮތުގައި އެކަންޏެވެ. ރަޖަބު 6 ވަނަ ދުވަހަކީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި މާތް ވަލީވެރިޔާ، ދިވެހިން ކުރިން ކިޔާ ގޮތުގައި އައްޝައިޚު ޔޫސުފް އައްތަބްރޭޒީ (ފަހުން 20 ވަނަ ޤަރުނު ތެރޭގައި ކިޔާ ގޮތުގައި ނަމަ އަބުލްބަރަކާތުލް ބަރުބަރީ) އަވަހާރަވީ ދުވަސް ކަމަށް ވުމާ އެކު، އެކަލޭގެފާނުގެ އަހަރު މަތިފުޅު ފާހަގަކުރާ ދުވަސް ވެސް މެއެވެ.

އައްސުލްޠާނު މުޙައްމަދު މުޙްޔިއްދީނުލް ޢާދިލް ރަސްކަންކުރެއްވި އަހަރުގެ ތެރޭގައި، ދީނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރައްޔިތުންނަށް ފައިދާކުރަނިވި ގިނަ ކަންތައްތަކެއް ކޮށްދެއްވި އެވެ. ފަސް ވަގުތު ނަމާދުކުރުމަށާއި، ޒަކާތްދިނުމާއި، ދީނުގެ އެހެން ފަރުޟުތައް އަދާކުރުމަށް ރައްޔިތުންނަށް ހަރުދަނާ ގޮތުގައި، އަމުރުކުރެއްވި އެވެ. މި ރަދުން ރައްޔިތުންނަށް ހުއްދަކުރެއްވި ބައެއް ކަންތައްތައް ތިރީގައި މިދަންނަވަނީ އެވެ:

� ފިރހެނުން ގަމީސްލުމާއި، ފަގުޑިއެޅުމާއި، ފައިވާނަށް އެރުމާއި، މިކަންތައްތައް މި ރަދުން ހުއްދަކުރެއްވި އެވެ. އޭގެ ކުރިން މި ކަންކަން ހުއްދަވެފައި އޮންނަނީ، ފަނޑިޔާރުކަމުގައި ހުންނެވި ބޭކަލަކަށާއި ދެ ޚަޠީބު ބޭކަލުންނަށް އެކަންޏެވެ.

� ޙައްޖަށް ދާން ބޭނުންވާ ކޮންމެ މީހަކު ދިޔުމުގެ ހުއްދަ ދެއްވި އެވެ. އޭގެ ކުރީގައި މި ކަމަކީ ވެސް ރައްޔިތުންގެ އެކިއެކި މީހުންނަށް މަނާވެފައި އޮންނަ ކަމެކެވެ. އަދި ކުރިން މިކަން ކުރަމުން އައި ގޮތަށް، ޙައްޖަށް ދާ މީހުން މަލާބާރު ކަރައިން ފުރައިގެން ދިޔުމުގެ ބަދަލުގައި، ދިވެހިރާއްޖެ އިން ފުރުމުގެ ހުއްދަ ދެއްވި އެވެ.

މި ރަދުންގެ ރަސްކަމުގައި ރައްޔިތުންގެ ކިބައިން ނަގާ ވާރުގެ އެތައް ބައެއް ކަނޑުއްވާލެއްވި އެވެ. އަންހެނުން މޫނާއި ހަށިގަނޑު ނިވާކުރުމާ އެކު، އަންހެނުންނާއި ފިރިހެނުން ޢާއްމު ތަންތަނުގައި ބައްދަލުކޮށް އުޅުން މަނާކުރެއްވި އެވެ. މަރުވާ މީހެއްގެ މުދަލުގެ ވާރުތަވެރިއަކު ނުވާ ނަމަ، ބައިތުލްމާލަށް މުދާ ނަގަން އޮންނަ ބައި ދޫކޮށްލައްވައި އެ މުދާ އެމީހެއްގެ ތިމާގެ މީހުންނަށް ބެހުމަށް ހަމަޖެއްސެވި އެވެ. މުޙައްރަމް މަހު އެތައް ހާސް ލާރިއެއް ނިކަމެތި ފަޤީރުންނާއި ދަރަނިވެރިންނަށް ބައިތުލްމާލުން ބެއްސެވި އެވެ. ޝަރުޢީ ނުވަތަ މަދަނީ އަމުރުތައް ހިންގެވުމުގައި، މުއްސަނދިންނާއި އާދައިގެ މީހުންނާ ދެމެދު ތަފާތެއް ނުކުރައްވަ އެވެ. އަދި ހަމަ މިފަދައިން، ރަށްވެހީންނާއި ބޭރު މީހުންނަށް ވެސް ތަފާތެއް ނުބަހައްޓަވަ އެވެ. މި ކަންތައްތަކަށްޓަކައި، މި ރަސްގެފާނަށް ރައްޔިތުން ކިޔައިއުޅުނީ "ހެޔު ރަސްގެފާނެ" ވެ.

މުޙްޔިއްދީން ރަދުން، މިފަދައިން ކަންތައް ކުރައްވަމުން ގެންދެވުމާ އެކު، އެ ރަދުންގެ ޒަމާނުގައި، އަމީރުން ވެސް ރައްޔިތުންގެ މައްޗަށް ރަޙްމަތްތެރިން ކަމުގައިވީ ކަމަށް ތާރީޚުގައިވެ އެވެ. ބޮޑުން ވެސް އިހަށް ކަންތައް ކުރަމުން ގެންދިޔަ ފަދައިން، ލުނބޯ، މިރުސް، ދޮންކެޔޮ ފަދަ ތަކެއްޗެއް ރަށްރަށުގެ މީހުން އަތުން މައުލޫދަކަށް ވެސް ނުހިފަ އެވެ. މުޙުޔިއްދީން ރަދުންގެ ޒަމާނުގައި ރާއްޖޭގައި ޢިލްމުވެރިންނާއި ތަޢުލީމަށް ލޯބިކޮށް އުޅުނު މީހުން ގިނަވި އެވެ. ޢިލްމުވެރިންނަކީ ޢިއްޒަތްތެރިކަން ލިބިގެންވާ ބައެއް ކަމުގައި ލެއްވެވި އެވެ. އެމީހުންނަށް ނަޞްރު ދެއްވި އެވެ. އަދި އަމްރު މަޢުރޫފުކުރުމާއި މުންކަރާތްތައް ނަހީ ކުޅައުމަށް ރަށްރަށުގައި ތިބޭ ނާއިބުން ކުރާ އަމުރު ގަދަކުޅައުމަށް އަތޮޅުއަތޮޅުގެ ވެރިންނަށް ވަޞިއްޔަތްކުރެއްވި އެވެ. މި ފަދަ ގޮތްގޮތުން މާލޭގައްޔާއި، ރަށްރަށުގައި ދީނުގެ ކަންތައްތައް މިރަދުން ހަރުދަނާ ކުރެއްވި އެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި މާލެއަށް ވަޑައިގެންނެވި ޢަރަބިކަރައިގެ ދީންވެރިޔާ، ސައްޔިދު ކަލޭގެފާނަކީ، (އެއިރުގެ) މުޙައްމަދު މަނިކުފާނުގެ ވަރަށް ގާތް ބޭފުޅެކެވެ. މީނާގެ ނަންފުޅަކީ އައްޝައިޚު މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީ އެވެ. މާލެއަށް ވަޑައިގެންނެވި އެދަތުރުފުޅުގައި، މި ދެންނެވި ސައްޔިދު ކަލޭގެފާނު ހުންނެވީ މުޙައްމަދު މަނިކުފާނުގެ ގޭގަ އެވެ. އަދި ފުރާވަޑައިގަންނަވަމުން، ސައްޔިދު ކަލޭގެފާނު ފާތިޙާ ކިޔަވާވިދާޅުވެފައި، އޭނާގެ އިސްތަށިފުޅުގައި ހުރި ތާޖު ނަންގަވައި، މުޙައްމަދު މަނިކުފާނުގެ އިސްތަށިފުޅުގައި ބަހައްޓަވާފައި، "މަނިކުފާނަކީ މުޙައްމަދު ރަސްގެފާނޭ" ވިދާޅުވެ ރަސްކަން މުޙައްމަދު މަނިކުފާނަށް ލިބިވަޑައިގަތުމަށް ދުޢާކުރެއްވި ކަމަށްވެ އެވެ. ދެ ބޭފުޅުންގެ ހުރި މި ގާތްކަމުގެ ސަބަބުން، މުޙައްމަދު މުޙްޔިއްދީން ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހުގައި، ސައްޔިދުކަލޭގެފާނު ހޫގްލީގައި (މިހާރުގެ ކަލްކަތާގައި) ހުންނަވަނިކޮށް، އެ ކަލޭގެފާނަށް ފަތްކޮޅެއް ފޮނުއްވި އެވެ. މީގައި ލިޔުއްވާފައިވަނީ، ސައްޔިދު ކަލޭގެފާނު ދުޢާކުރެއްވި ފަދައިން، މާތްކަލާނގެ ތިމަންނަ އަށް ދިވެހިރާއްޖޭގެ ރަސްކަން އިރާދަކުރައްވައިފި އެވެ. ކަލޭގެފާނުންގެ ފައިވާންފުޅު ދެކިވަޑައިގަތުމަށް ތިމަން މަނިކުފާނު ވަރަށް އެދިވަޑައިގަންނަވަމެވެ. މިތަނަށް ކަލޭގެފާނު ދުރުވަން އެދިވަޑައިގެން ހުންނެވީމެވެ.

އެ އަހަރުގެ ރާއްޖެ އަށް ދަތުރުކުރާ މޫސުމުގެ ކުރީކޮޅުގައި، ސައްޔިދުކަލޭގެފާނު މާލެ ވަޑައިގަތެވެ. މުޙުޔިއްދީނު ރަދުން އެއިރު އޮންނެވީ އާލާސްކަންފުޅާ އެވެ. އަދި ސައްޔިދު ކަލޭގެފާނު ވަޑައިގެންނެވިތާ ތިންވަނަ އަށް ވީ ދުވަހު ރަދުން އަވަހާރަވެއްޖެ އެވެ. އެއީ ހިޖުރައިން 30 ޖުމާދަލްއޫލާ 1103 ގަ އެވެ. މީލާދީ ސަނަތުން އެއީ ފެބްރުއަރީ ،18 1692 އެވެ. މުޙްޔިއްދީނުލް ޢާދިލް ފަސްދާނުލެވުނީ ކުޑަ މުޙައްމަދު ރަސްގެފާނުގެ ޒިޔާރަތް ތެރޭގައި އެރަދުންގެ މަހާނަފުޅު ކައިރީގަ އެވެ.

އެއަށްފަހުގައި ރަސްކަމަށް އިސްކުރީ ސައްޔިދު ކަލޭގެފާނެވެ. ޤުރައިޝް ވަންހައިން ވަޑައިގެންނެވި މާތް ބޭފުޅެއްގެ ގޮތުން އެމަނިކުފާނަށް ތަޚުތު ލިބިވަޑައިގަތުމުގެ ޙައްޤު އޮތް ކަމަށް ވިދާޅުވުމާ އެކު، އެ މަނިކުފާނު ރަސްކަމަށް އިސްކުރީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީގެ ނަންފުޅުގަ އެވެ. މި ރަދުންނަށް ދިވެހީން ޢާއްމުކޮށް ކިޔައިއުޅުނީ ސައްޔިދު ރަސްގެފާނެވެ.

ނޯޓް: މި ލިޔުމުގައިވާ ގިނަ މަޢުލޫމާތު ނަގާފައި މިވަނީ "ދިވެހި ތާރީޚު" 1981 މި ފޮތުންނާއި، އެޗް. ސީ. ޕީ. ބެލް ގެ "މޮނޮގްރާފް" 1940 އިންނެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait