ރާއްޖޭގެ ރަސްރަސްކަލުން

މުޙައްމަދު އިބްނު އަލްޙާއްޖަ ޢަލީތުއްކަލާ ސިރީ ކުލަރަންމަނި މަހާރަދުން: ދެއްވަދޫ ރަސްގެފާނު

ނަސީމާ މުހައްމަދު
05 މެއި 2012 10:06 5 ކޮމެންޓު

އައްސުލްޠާން މުޙައްމަދު އިބްނު އަލްޙާއްޖަ ޢަލީ ތުއްކަލާ ސިރީ ކުލަރަންމަނި މަހާރަދުންނަކީ، އައްޑޫ މީދޫ މުޙައްމަދު ބޮޑުފަނޑިޔާރު ތަކުރުފާނުންގެ އަލްޙާއްޖަ ޢަލީ ތުއްކަލާ މާފަތްކިލެގެގެ ދަރިކަލެކެވެ. މި ރަދުންގެ މަންމާފުޅަކީ ކަކުނިދިޔޯ ކިޔުނު ބޭފުޅެކެވެ. ދިވެހީން މި ރަދުންނަށް ޢާންމުކޮށް ނިސްބަތްކޮށް އުޅެނީ "ދެއްވަދޫ ރަސްގެފާނު"ގެ ނަންފުޅުންނެވެ. ދެއްވަދޫ ރަސްގެފާނު މިރަސްކަންކުރެއްވީ މީލާދީން 1692 އިން 1701 ވަނަ އަހަރަށެވެ.

ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގައި، ހަތަރު ރަސްކަލުންގެ ރަސްކަމުގައި މި މަނިކުފާނު ފަނޑިޔާރުކަން ކުރެއްވި އެވެ. މި ދެންނެވި ރަސްރަސްކަލުންނަކީ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ)، އައްސުލްޠާން ކުޑަ މުޙައްމަދު، އައްސުލްޠާން މުޙައްމަދު މުޙްޔިއްދީން، އަދި އައްސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީއެވެ.

އައްސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީ ( 20 ޖަނަވަރީ 1692 އިން 10 ޖުލައި 1692 އަށް) ފުރައުއްތަ ވުމުން، ބޮޑުންގެ ގިނަ މީހުން ބޭނުންވީ، ފޮނަދޫ ޚަޠީބު ތަކުރުފާނަށް ރަސްކަން އެރުވުމަށެވެ. ނަމަވެސް އެކަލެގެފާނު މިކަން ބޭނުންފުޅު ނުވާތީ، ހަމަ އެރޭމެ އަނބިކަނބަލުންނާއި ބޭފުޅުން ގޮވައިގެން، ހައްދުންމަތީ ފޮނަދުއަށް ފުރާ ވަޑައިގެންފި އެވެ. އެއަށް ފަހުގައި، ވަޒީރުންގެ ބައެއް މީހުން ދެއްވަދޫ ފަނޑިޔާރުކަލޭގެފާނުންގެ އަރިއަހަށް ރޭގަނޑު އައިސް ސިއްރުން ރަސްކަމުގެ ބައިޢަތު ހިފައިފި އެވެ. ނަމަވެސް އެކަންތައް ހަތަރު މަސްދުވަސް ވަންދެން އެ މީހުން ފޮރުވައިގެން ތިއްބެވެ. އެއީ އެ މީހުންނާ އެއްބައިވާނޭ މީހުން ގިނަވަންދެނެވެ. އެކަލޭގެފާނު ރަސްކަމަށް އިސްކުރުމުގައި ވެރީންނަށް ތިބި މީހުންނަކީ، އަލްވަޒީރު މުލީ މުޙައްމަދު އަމާނު ވަޒީރާއި، ބިލެތްފަހީ އިބްރާހީމު ރަނަހަމައިދި ކަލޭގެފާނާއި، ގަމު މޫސާގެ ޢަލީ ދަހަރާތަކުރުފާނާއި، ފަނޑިޔާރު ކަލޭގެފާނުގެ އަނބިކަނބަލުންނާ އެއްބަނޑު އެއްބަފައި ޢަލީ ވަޒީރެވެ.

މި މީހުން ފަނޑިޔާރުކަލޭގެފާނު ގޮވައިގެން ގަނޑުވަރަށް ވަދެ، ކުރީގެ ރަދުން އަވަހާރަވީ އިރު އަނބިކަނބަލަކަށް އިންނެވި މަރިޔަމް ކަނބާފާނުގެ ބައްޕަ، ފެންފުށީ ވެލާނާ ތަކުރުފާނާއި އޭނާގެ އެކުވެރީންނާ، މި މީސްމީހުން ބަނދެފައި ރަސްކަން ހިފީ އެވެ. އަދި ފަނޑިޔާރުކަލޭގެފާނު ތަޚުތުގައި ވެޑުވީ އެވެ. މި ކަން ހިނގީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުން އަވަހާރަވީތާ ހަތަރު މަސްދުވަސް ފަހުންނެވެ. ބުނެވެނީ، ފަނޑިޔާރު މަނިކުފާނު ރަސްކަމަށް އިސްކުރެވުނީ، "ނުސާފުކަމާއި ރިޝްވަތުގެ ބާރާއި" ވެސް ލައިގެން ކަމަށެވެ.

ރަސްކަމަށް އިސްވެވަޑައިގަތުމާ އެކު، އައްސުލްޠާން މުޙައްމަދު ކައިވެނިބައްލަވައިގެންނެވީ، އޭނާއާއި ޖެހިގެން ކުރީގައި ތަޚުތުގައި ތިއްބެވި ދެ ރަސްކަލުން ވެސް ކާވެނިބައްލަވައިގެންނެވި މަރިޔަމް ކަނބާފާނާ އެވެ. ބުނެވޭ ގޮތުގައި ފަނޑިޔާރުކަލޭފާނަކީ ދުވަސްވެފައި ހުންނެވި ބޭކަލަކަށް ވުމާއެކު، މަރިޔަމް ކަނބާފާނު މިކަމާ ޤަބޫލުފުޅު ނުވީމާ، މި ކައިވެނިފުޅު ކުރެވުނީ، ގަދަކަމުން މަޖުބޫރު ކުރުވައިގެންނެވެ. ނަމަވެސް އޭނާގެ މަޤާމު ހަރުދަނާ ކުރެއްވުމުގެ ގޮތުން ރަސްގެފާނު މި ކައިވެނިފުޅު ކުރެއްވީ އެވެ. (މި ކައިވެނިފުޅު ކުރެއްވުމުން، މި މަރިޔަމް ކަނބަފާނަށް ވެސް ތިން ރަސްކަލުންނާ ކައިވެނިފުޅު ކުރެއްވުނީ އެވެ.) މި ރަދުންގެ ފުރަތަމަ އަނބިކަނބަލުންނަކީ އިސްދޫ އިބްރާހީމް ވެލާނާމަނިކުފާނުގެ ދަރިކަނބަލުން ކަނބާ ޚަދީޖާ އެވެ. މި ކަމަނާ އަވަހާރަވުމަށް ފަހު، ރަދުން ކައިވެނިފުޅުކުރެއްވި އަނބިކަނބަލުންނަކީ، ކަނބާ ޚަދީޖާއަށް ބޮޑުދައިތާ ވިދާޅުވާ ސަންފާ ކަނބާއާ އެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވީ އިރު މިކަމަނާ އިންނެވީ އާލާސްވެއެވެ. މި ކަމަނާ ރައްކައު ނުވެ އަވަހާރަވީ، އާލާސްވެ އިންނަވަނިކޮށް ޒަހަރެއް އަރުވައިގެންނެވެ.

މި މަނިކުފާނު ރަސްކަމަށް އިސްކުރުމަށް ވާހަކަދެކެވުމުން، ޙަސަން ތާޖުއްދީން މީނާގެ އަރިހަށް ވަޑައިގެން ބައިޢަތު ހިއްޕަވައި، ޢަދުލަށް ރަސްކަން ކުރެއްވުމަށް އެތައް ޢަހުދެއް ހިއްޕެވި އެވެ. މި ރަދުން ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން މުޙައްމަދު އިބްނު އަލްޙާޖީ ޢަލީތުއްކަލާގެ ނަންފުޅުގަ އެވެ. ރަސްކަން ލިބިވަޑައިގަތުމާ އެކުގައި، މި ރަދުންނަށް އެ މަޤާމު ހޯއްދެވުމަށް އެހީތެރިވެދިން ފަރާތްތަކަށް އިނާމުގެ ގޮތުން މަތީ ދަރަޖަތައް ދެއްވި އެވެ. ބޮޑުބަނޑޭރިކަން ދެއްވީ، މުލީ ވަޒީރު މުޙައްމަދު ތަކުރުފާނަށެވެ. މީނާ އަށް ފާށަނާތަކުރުފާނު ކަމަށް ކޮލިލެއްވިއެވެ. މި ރަދުންގެ އަނބިކަނބަލުން ޚަދީޖާ ކަނބާއާއި އެއްބަފައި އިސްދޫ ޢަލީ ތަކުރުފާނަށް ވެލާނާކަން ދެއްވިއެވެ. އަދި، އެ ރަދުންގެ ބޮޑުދައިތާފުޅުގެ އަންހެންބޭފުޅެއްގެ ދަރިކަލުންނަށް ފާމުދޭރިކަމާއި، ލޮންސި ކޮށްޓެއްގެ އެދުރުކަން ދެއްވިއެވެ. އަދި، ލަސްކަރީންނަށް ދެލައްކަ ލާރި ބެއްސެވި އެވެ.

އައްސުލްޠާން މުޙައްމަދު އިބްނު ޙާޖީ ޢަލީ ތުއްކަލާ ރަސްކަމަށް އިސްވެވަޑައިގަތީ، ފަނޑިޔާރުކަމުގައި، 14 އަހަރު ވަންދެން ހުންނެވުމަށް ފަހުގައެވެ. އައްސުލްޠާން މުޙައްމަދަކީ ބުއްދިވެރި ޢިލްމުވެރި ރަސްކަލެކެވެ. ފަޤީރުންނަށާއި ނިކަމެތިންނަށް އެހީތެރި ވެވަޑައިގެންނެވިއެވެ. ދައުލަތުގެ ޚަޒާނާއިން ޢިލްމުވެރިންނަށާއި، ނިކަމެތީންނާއި، އެހީވެދެއްވިއެވެ. ކޮންމެ ޢާޝޫރަ ދުވަހަކު، ގިނަގިނައިން ލާރިއާއި އަސްރަފީ ނެރުއްވައި ބައްސަވާ ކަމަށާއި، އަދި ދަރަނިވެރީންގެ ދަރަނި ފުއްދަވައިދެއްވާ ކަމަށާއި، މި ސަބަބަށްޓަކައި، "ހިންދު ކަރައާއި މަލާބާރީ ކަރައިން ދަރަނިވެރިން އަންނަ ކަމަށާއި، އެމީހުންނަށް ދަރަނި ފުދޭވަރަށް ދެއްވީމާ" އެ މީހުން އުފަލުން ދާ ކަމަށް ތާރީޚުގައި ލިޔެފައި ވެއެވެ. ތާރީޚު ބުނާ ގޮތުގައި މި ރަދުންގެ ރަސްކަމުގައި "ރާއްޖޭގެ އެތަންމިތާނގައި މިސްކިތް ބަހައްޓަވައި، މިސްމިސްކިތުގެ ވަޤުފުން އިހަށް ހިފިފައި ހުރި ތަކެތި ދެއްވައި، ރައްޔިތުންގެ ވާރުން އެތައް އެއްޗެއް ކަނޑުއްވައި މި ކަންތައްތައް ކުރެއްވި އެވެ. އެ ޒަމާނުގައި ރައްޔިތުން ހެއުތިޔާގި ކަމުގައި ތިބެތެވެ."

ރަދުން ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު ހަތް ވަނަ އަށް ވީ ދުވަހު، ފަނޑިޔާރު ކަމުގެ މަޤާމަށް، އަލްޙާޖީ ޙަސަން ތާޖުއްދީން އިސްކުރައްވައި ކޮލިލައްވައިފި އެވެ. މިއީ 2 ރަބީޢުލްއައްވަލު 1104 ( 11 ނޮވެމްބަރު 1692 ) އެވެ. މިއީ ހައްދުންމަތީ ގަމު، މަޙްމޫދު ކިޔުނު ބޭކަލެއްގެ ދަރިކަލުން ކަމަށްވާ، ވަރަށް ޢިލްމުވެރި ބޭކަލެކެވެ. އެތަކެއް އަހަރުވަންދެން މައްކާގައި ޢިލްމު އުނގެނިވަޑައިގެންނެވި ބޭފުޅެއް ވެސް މެއެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުލް ޙަމަވީގެ އަރިއަހުން ވެސް ޙަސަން ތާޖުއްދީން އުނގެނިވަޑައިގަތެވެ. މީނާއަކީ އައްސުލްޠާން ކުޑަ މުޙައްމަދުގެ ރަސްކަމުގައި، އެ ރަދުންގެ މަންމާފުޅުގެ ސަބަބުން ކޮއިލުތެރޭގައި ހިނގަމުންދިޔަ ނޭދެވޭ ކަންތައްތަކާ ނުޤަބޫލުވެވަޑައިގެން، ރާއްޖެ ދޫކުރެއްވި ޢިލްމުވެރިންގެ ތެރޭގައި ހިމެނުނު ބޭފުޅެކެވެ.

ތާޖުއްދީން އެނބުރި މާލެވަޑައިގަތީ 16 ޖަނަވަރީ 1691 ގައި ކުޑަމުޙައްމަދު ރަދުންގެ ރަސްކަމުގަ އެވެ. ނަމަވެސް ރަދުންގެ މަންމާފުޅު އޭނާ ހައްދުންމަތީ ގަމަށް އަރުވައިލެއްވީ އެވެ. މީގެ ފަހުން ޙަސަން ތާޖުއްދީން މާލެގެންނަވައި، 50 ލާރީގެ މުސާރަފުޅެއް ދެއްވައި، އެންމެ އިސް އެއް މުޝީރުކަމުގައި ބެހެއްޓެވީ އައްސުލްޠާން މުޙައްމަދު މުޙްޔިއްދީން އެވެ.

ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގައި، ފަނޑިޔާރު މަނިކުފާނުގެ ޙައިޞިއްޔަތުން، ޙަސަން ތާޖުއްދީން ގިނަ ކަންތައްތަކެއް ކުރެއްވި އެވެ. ނަމަވެސް 16 ޖަނަވަރީ 1701 ގައި މި ރަދުން އަވަހާރަވުމުން، ދެތިން ދުވަހެއްގެ ތެރޭގައި، "ހުވަފެނެއްގައި ފެނުނު، އިލްހާމެއްގެ ނަތީޖާއެއްގެ ގޮތުން" ޙަސަން ތާޖުއްދީން މާލެ ދޫކުރައްވައި، މައްކާއަށް ވަޑައިގަތުމަށް ދަތުރުފަށްޓަވައިފި އެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެއްވަދޫ ރަސްގެފާނު އެތައް މިސްކިތެއް ބިނާކުރެއްވި އެވެ. އަދި، ވީރާނާވެ ހަލާކުވެފައިވާ އެތައް މިސްކިތެއް މަރާމާތުކުރެއްވި މެ އެވެ. ރިވާވެގެން އައިސްފައިވާ ވާހަކައެއްގައި، ލަންކާގެ ބޭރުވެލާގައި ދިވެހި ރަސްކަލަކު ބެހެއްޓެވި މިސްކިތެއް ކަމަށް ބުނެވޭ ޢިމާރާތެއް ހުއްޓެވެ. މި މިސްކިތް ބިނާކުރެއްވި ކަމަށް ބުނާ ދުވަސްވަރަށް ބަލާއިރު، އެ ދުވަސްވަރު ދިމާވަނީ މި ރަދުންގެ ރަސްކަމުގެ ދުވަސްވަރާ ދިމާވުމާ އެކު، ލަފާކުރެވިފައިވަނީ އެ މިސްކިތަކީ މި ރަދުން ބެހެއްޓެވި މިސްކިތެއް ކަމަށެވެ. މާތް މަޤްޞަދުތަކަށް ވަޤުފުކުރެވިފައިވާ ބިންތަކުގެ މައްޗަށް މިރަދުން ޙުރުމަތްތެރިކަން ބެހެއްޓެވި އެވެ. އިހުގެ ރަސްރަސްކަލުން ހެއްދެވި މިސްކިތް ބަހައްޓަވައި، މިސްމިސްކިތުގެ ވަޤުފަށް އިހަށް ހިފައިފައި ހުރި ތަކެތި ދެއްވައި، ރައްޔިތުންގެ ވާރުން އެތައް ބައެއް ކެނޑުއްވި އެވެ. މިހާރު ފެންނަން ހުރި ވަރަށް ގިނަ މިސްކިތްތަކަށް ބަލާއިރު، މި މިސްކިތްތަކުގައި ހުންނަ ލިޔުންތަކުން އެނގެނީ، އެ ތަންތަން މިހާރު އެހުރީ މިރަދުންގެ ރަސްކަމުގެ ތެރޭގައި އާބާތުރަ ފިލުއްވައި ރީތި ކުރައްވާފައި ކަމެވެ.

އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި ހުންނަ ރީތި ފުރިހަމަ ހުކުރު މިސްކިތް މިހާރު ހުރި ގޮތަށް ބިނާ ކުރައްވައި، ހިރިގަލުގައި ކުރެހުން އަޅައި، ލާފެންކޮށް ފުރިހަމަކުރައްވައި ހެއްދެވީ މި ރަދުންނެވެ. މި ކަން އެނގެނީ މިސްކިތަށް ވަންނަ ދޮރުގެ ދެ ފަރާތުގައި ހުންނަ އަށްކަން ސިއްކައަކީ ދެއްވަދޫ ރަސްގެފާނުގެ ސިއްކަފުޅު ކަމަށް ވާތީ އެވެ.

އެ ޒަމާނުގައި ރާއްޖޭގައި ބޭރުގެ ވިޔަފާރިއާއި މި ކަންތައްތައް ބެލެހެއްޓެވުމުގައި ރަދުން ގެންގުޅުއްވި ސިޔާސަތު ރަނގަޅުކަމުން، ޤައުމުގައި ތިޔާގިކަން އޮތް ކަމަށް ތާރީޚު ހެކިދެ އެވެ. ވިޔަފާރި ނައުތައް ސޫރަތުންނާއި އިންޑިޔާގެ އެހެނިހެން ރަށްރަށުންނާއި އަސޭކަރައިން އައިސް އުޅުނެވެ. ނަމަވެސް ބޭރުން އަންނަ މީހުންނަށް ބޮއްޔާއި މަހާއި ރޯނާއި ވިއްކުން މަނާކުރައްވައި، މި ކަންތައް ބޭތަލްމާލަށް ބައްލަވައިގެންފައި، ބޭރުން އަންނަ މީހުންނަށް ސަރުކާރުން ވިއްކެވިއެވެ. އަދި ސަރުކާރަށް މައިމޫލައަށް ނެގޭ ހަނޑޫ ގަންނަ އަގުގައި ވެލާނާ ބޭކަލަކަށާއި ބޮޑުބަނޑޭރި ބޭކަލަކަށާއި ކޮންމެ މީހަކަށް 50 ކަނޑި ހަނޑޫ ބޭރުން އަންނަ ކޮންމެ ނަވަކުން ނެގުމުގެ ހުއްދަ ދެއްވިއެވެ. މި ކަމުން ބައެއް ދަތިތަށް ޢާއްމުންނަށް އެއިރު ދިމާވި ނަމަވެސް، ރައްޔިތުން އުޅުނީ ނިޢުމަތުގައި ކަމަށް ތާރީޚުގައި ވެއެވެ.

މި ރަދުން އަވަހާރަވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާފަ އެވެ. މި އާލާސްކަންފުޅުގެ އަޞްލާ ބެހޭ ގޮތުން ޝައްކުތަކެއް އުފެދިފައި ވެއެވެ. ރަދުން އަވަހާރަވުމުގެ އާލާސްކަންފުޅު ބޮޑުވާން ފެށުމުން، ރަދުންގެ އަނބިކަނބަލުންގެ ބޮޑުބޭބެއެއް ކަމުގައިވާ، ޢަލީ ޝާހުބަންދަރު އާއި، ކުރެންދޫ ޢަލީ ޚަޠީބުތަކުރުފާނާއި، ދެކަލުންގެ އެއްބަސްވުމުން، ރަދުންގެ ގާތްތިމާގެ ބޭފުޅުން ރަދުންނާ ބައްދަލުވެވަޑައިގަތުމަށް، އެ މަނިކުފާނު އޮންނެވި ތަނަށް ވެދެވަޑައިގަތުން މަނާކުރެއްވި އެވެ. މިހެން ހެއްދެވީ، ރަދުންގެ ދައިތާފުޅުގެ ދަރިކަލުން ރަސްކަމަށް އިސްކުރެއްވުމަށް ޤަޞްދުކުރައްވައިފައިވާ ކަން އެނގިގެން، އެކަން ވިޔަނުދިނުމަށް ކަމަށް ބުނެވެއެވެ. އަދި ރަދުންގެ އަމުރުފުޅަކީ، އެ މަނިކުފާނު އަވަހާރަވުމަށް ފަހު، ރަދުންގެ ދައިތާފުޅާއި، އޭނާގެ ބޭފުޅުން ހުވަދުއަތޮޅު ދެއްވަދުއަށް އަރުވާލުން ކަމަށް ހަދައިގެން، އެފަދައިން އެ ކަން ކުރި ވެސް މެއެވެ.

އައްސުލްޠާން މުޙައްމަދު އިބްނު ޢަލީތުއްކަލާ އަވަހާރަވީ 6 ޝައުބާން 1112 ( 16 ޖަނަވަރީ 1701 ) ވީ ހޯމަ ވިލޭރެ އެވެ. މި ރަދުން އަވަހާރަވުމުން، ޙަސަން ތާޖުއްދީން ފަނޑިޔާރުކަލޭގެފާނު ވަޑައިގެން ހިނަވައި ކަފުންކުރައްވައި، އަނެއް ދުވަހު އެ ރަދުންނާއި އެރަދުންގެ އަނބިކަނބަލުން ޚަދީޖާ ކަނބާފަނާއި ފަސްދާނުލެއްވުމަށް ހުކުރު މިސްކިތުގެ ހުޅަނގު ފަރާތުގައި ހަދައިފައި ހުރި "ޤުއްބު" ގައި ވަޅުފުޅުލެއްވި އެވެ. ދެއްވަދޫ ރަސްގެފާނު ރަސްކަން ކުރެއްވީ ގާތްގަނޑަކަށް 8 އަހަރާއި 5 މަސް ދުވަހު އެވެ.

ނޯޓު: މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތު ހޯދާފައި މިވަނީ: .1 "ދިވެހި ތާރީޚު" 1993 . ، .2 މުޙައްމަދު އަމީން ލިޔުއްވި "ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު"، .3 އަޅުގަނޑު ލިޔެފައިވާ "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" 2010 މ. ، މި ފޮތްފޮތުންނެވެ.

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait