މާޗް ،31 1922 ގައި ގުރައިދޫގައި ހުރި އައްސުލްޠާން ޢުޘްމާނު (އެއްވަނަ) ގެ މަހާނަފުޅު ބައްލަވަން ބެލްގެ ޓީމު ވަޑައިގަތެވެ. ބެލް ވިދާޅުވެފައިވާ ގޮތުގައި، މި ރަސްގެފާނަކީ، "ދެ ރަނިކަމަނާގެ ވެރިކަމުގައި އިސްވަޒީރުކަން ކުރެއްވުމަށް ފަހުގައި ތަޚުތު އަތުލެއްވި" ބޭފުޅެކެވެ. އެއަށް ފަހުގައި ޢުޘްމާނު ރަސްގެފާނުގެ ތަޚުތު އަތުލެއްވީ، ހިލާލީ ދަރިކޮޅުގެ ބާނީ ކަމަށްވީ ޙަސަން (އެއްވަނަ) އެވެ.
އެޕްރީލް މަހުގެ 1 ވަނަ ދުވަހު، ކޮޅުމަޑުލު ދޫކޮށް މުލަކު އަތޮޅަށް ދަތުރުކުރައްވައި، 2 އެޕްރީލް ވީ ދުވަހު އެ އަތޮޅުގެ މުލީ ކައިރީގައި މަޑުކުރެއްވިއެވެ. ކަން ދިމާވި ގޮތުން، އެ ދުވަހަކީ އިރުކޭތައެއް ހިފާ ދުވަހަކަށް ވެގެން، އެ ކަން ބެއްލެވުމަށްޓަކައި އެ ރަށަށް ބެލްގެ ޓީމުގެ ބޭފުޅުން ފައިބައިވަޑައިގަތެވެ. އިރުކޭތަ ހިފައި ނިމުމަށް ފަހުގައި، އެ ދުވަހުގެ މެންދުރު ފަހުގެ ވަޤުތެއްގައި އެ ބޭފުޅުން މުލަކު އަތޮޅު ކޮޅުފުށްޓަށް ޒިޔާރަތް ކުރެއްވި އެވެ. އެ ރަށުން އެބޭފުޅުން ވަޑައިގަތީ އެ ރަށުގައި ހުރި އާސާރީ މިސްކިތެއް ކަމުގައިވާ، ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު ސިރީ ސަވާދީއްތަ މަހާރަދުން ބެހެއްޓެވި މިސްކިތް ބައްލަވާލެއްވުމަށެވެ. އެ މިސްކިތުގައި އެ ރަދުންނާ ބެހޭ ބައެއް އާސާރީ ތަކެތި ހުރި ކަމަށް ބެލް ލިޔުއްވާފައި ވެއެވެ. ޣާޒީ ބަންޑާރައިންގެ ހަނދާންތަކާ ގުޅިފައިވާ މި ތަކެތި، ބެލްގެ ޓީމަށް ދައްކާލަން ނެރުމަށް ކަތީބު ވަރަށް ޖެހިލުން ވެވަޑައިގެންނެވި ކަމަށް ވެއެވެ.
އެބޭފުޅުންނަށް ދައްކާލެއްވި ތަކެތީގެ ތެރޭގައި، އެތާނގައި ރައްކާކޮށްފައި އޮތް، "ކަޅުއޮށްފުންމީ"ގެ ފޭސްތާށި ވެސް ހިމެނުނެވެ. މިއީ 3 ފޫޓު 6 އިންޗި ދިގުމިން ހުރި، ލަކުޑިން ހަދާފައިވާ އެއްޗެކެވެ. އެއިރު މި ފޭސްތާށި އޮތީ ވަރަށް ގިނައިން ބޭރުގައި ފޮތިއޮޅާ ރައްކާތެރި ކޮށްފައެވެ. މިއީ މިސްކިތުގައި ހިނގި އަލިފާނުގެ ޙާދިސާގައި، އަނދައިގެން ދިޔަ ކަމަށް ބުނެވޭ އެއްޗެކެވެ. މިހާރު ކޮޅުފުށިން ގެނެސް، ޤައުމީ ދާރުލްއާސާރުގައި ބާއްވާފައި އެވަނީ، އަލިފާނުގައި އަޞްލު ފޭސްތާށި އަނދައިގެން ދިޔުމަށް ފަހުގައި، ސުމުއްވުލް އަމީރު ޙަސަން ފަރީދު ދީދީގެ އަމުރުފުޅަށް ތައްޔާރުކޮށްފައިވާ އޭގެ "ނަމޫނާ" ފޭސްތާށްޓެއް ކަމަށް ބުނެވެއެވެ. ލަފާކުރެވޭ ގޮތުގައި، 1922މ. ވަނަ އަހަރު، ބެލްގެ ޓީމު އެ މިސްކިތަށް ވަޑައިގެންނެވި އިރު، އެ ތާނގައި ހިނގިކަމަށް ބުނާ އަލިފާނުގެ ޙާދިސާ އަދިއެއް ނުހިނގައެވެ. އޭރު އެ ހާދިސާ ހިނގާފައިވާ ނަމަ އެވާހަކަ ބެލްގެ ރިޕޯޓުގައި ލިޔުއްވާނެ ކަމާއި މެދު ޝައްކެއް ނެތެވެ. އަދި އަނދައިގެން ދިޔަ ކަމަށް ބުނެވޭ ފޭސްތާށި ވެސް އޭރު އެތާނގައި އޮތުމާއެކު އެނގެނީ، މި އަލިފާނުގެ ޙާދިސާ ހިނގާނީ 1922 ވަނަ އަހަރުގެ ފަހުން ކަމެވެ.
ކޮޅުފުށީގައި އެއިރު ރައްކާތެރި ކޮށްފައި ހުރި އުތީމު ބަންޑާރައިންގެ އެއްޗެހިކޮޅުގެ ތެރޭގައި، އެ ރަދުންގެ ކަނޑިކޮޅު ކަމަށް ބުނެވޭ ވަރަށް ގިނަ ދުވަސްވީ ކަނޑިކޮޅެއް ވެސް އޮތެވެ. މި ކަނޑިކޮޅު އޮތީ ތިރީހަކަށް ފޮތިކޮޅު އޮޅައި ފޮރުވައިފަ އެވެ. އެއިރު އެ ކަނޑިކޮޅުގެ ދިގުމިނަކީ 2 ފޫޓު 3 އިންޗި އެވެ. ތިލައިގެ ދިގުމިނަކީ 1 އިންޗި އެވެ. ފޭސްތާށްޓާއި ކަނޑިކޮޅުގެ އިތުރަށް، ދެން އޮތީ ވަރަށް މޮޅަށް ތައްޔާރުކޮށްފައިވާ، ރީތި ފަށުވި ބޮލުފޭލިކޮޅެކެވެ. މި ފޭލިކޮޅުގެ މެދުތެރެ ވަނީ ރަތްކުލައިންނެވެ. ފޭލިކޮޅުގެ މަތީ ކޮޅުގައާއި ތިރީ ކޮޅުގައި ޗޮކްލެޓް ކުލައާއި ހުދު ކުލައިގެ ފަށް، ވިޔުމުގައި ހުއްޓެވެ. ބެލްގެ ޓީމުގެ ފަރާތުން މި ހުރިހާ ތަކެތީގެ ފޮޓޯ ނެގިއެވެ.
ކޮޅުފުށީ މިސްކިތުގައި ހިނގިކަމަށް އެ ރަށުގެ ދުވަސްވީ މީހުން ބުނާ އަލިފާނުގެ ޙާދިސާގައި، މިސްކިތުގެ ބައެއް އަނދައިގެންދިޔަ ކަމަށް ބުނާ މީހުން ތިބި ނަމަވެސް، ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މިހާރު ފެންނަން އެހުރީ އަލިފާނުގައި މުޅި މިސްކިތް އަނދައިގެން ދިޔުމަށް ފަހުގައި އޭގެ ފަހުން ބިނާކުރި އާ މިސްކިތެކެވެ. މި ގޮތަށް ބަޙުޘް ކުރެވިފައި އޮއްވައި، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީ ގައި، މި ޝައްކުތައް ފިލައިގެން ދިޔައެވެ. ސުނާމީގެ ރާޅުތައް ކޮޅުފުށްޓަށް އެރިއިރު، މިސްކިތަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. މިސްކިތުގެ ހުޅަނގު ދެކުނު ފަރާތުން ފެންޑާއާއި މިސްކިތާ ގުޅޭ ކަނުން އުވަގަނޑު ވެއްޓި، ފާރުގެ އެތެރޭގައިވާ ލަކުޑީގެ ބައިތައް ފެންނަ ގޮތް ވިއެވެ. އަދި އެ ތަކެއްޗަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަންވެސް ފެންނަން ހުއްޓެވެ. ދޯންޏެއްގެ އިންނަފަތެއްގެ ބައެއް ވެސް އޭގެ ތެރެއިން ފެންނަން ހުރުމާ އެކު، ރަށުގެ މީހުން ކިޔައިދެމުން އައި ވާހަކައަކީ ޙަޤީޤަތް ކަމުގައި ޤަބޫލުކުރެވެއެވެ. އެ މިސްކިތާ ބެހޭ ހަތް ފަތްކޮޅު ބެލްއަށް ކަތީބު ދެއްކެވިއެވެ. މީގެ ތެރެއިން ތިން ފަތްކޮޅު ލިޔެފައި ވަނީ މީލާދީން 18 ވަނަ ޤަރުނުގައި ބޭނުންކުރި ދިވެސް އަކުރުންނެވެ.
އެ އަތޮޅު ދޫކުރައްވައި ފެލިދެ އަތޮޅަށް މިބޭފުޅުންނާއި އެކު "ފަތުޙުލްމަޖީދު" ނައުކޮޅު ދަތުރުކުރީ، އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. ވައި މަޑުކަމާއި އެކު ކަތީބުގެ އެހީތެރިޔާ ރާއްވަވާފައި ވަނީ، އެއިރު މުލަކުއަތޮޅުގެ އެންމެ އުތުރު ދެރަށް ކަމަށް ހަމަޖެހިފައި އޮންނަ ދިއްގަރާއި މަޑުއްވަރީގެ ދޯނިފަހަރު ގެނެސްގެން، އެ ދޯނިފަހަރުގެ އެހީގައި ފަތުޙުލް މަޖީދު ފެލިދެ އަތޮޅަށް ގެންދާށެވެ. މިއީވެސް އެޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ. ފެލިދެ އަތޮޅުގައި އެރޭ މަޑުކުރައްވައިގެން ތިއްބެވުމާއި އެކު، މިބޭފުޅުން ބައްލަވާލެއްވުމަށްޓަކައި ދިއްގަރު މީހުންގެ ގްރޫޕެއް ފަތުޙުލް މަޖީދަށް އައިސް، އެ ނައުކޮޅުގައި "ރާތީބު" ކުޅިވަރު ބާއްވައިދިނެވެ. ބެލް ލިޔުއްވާފައިވަނީ، މިރާތީބުގައި 10 މީހުން ބައިވެރިވި ކަމުގައެވެ. އެ މީހުން ތިބީ ހުދު ލިބާސްލައި، ހުދު ތާކިހާ އަޅާފައި، އުނަގަނޑުގައި ރަތްކުލައިގެ ފޮތީގެ ކަމަރެއް އައްސާފަ އެވެ. މި ރާތީބަށް ބެލް ދެއްވާފައިވާ ނަމަކީ، "އަޙުމަދު ރަފާއިގެފާނުގެ ރާތީބު" މިނަމެވެ. މި ކަމަކީ އެހާ ތަނަށް ބެލް ދެކެވަޑައިގެންފައި ނުވާ ކުޅިވަރެކެވެ. މި ބޭފުޅުންގެ އަރިއަހުގައި މި ދަތުރުގައި ވަޑައިގެންނެވި އަލްފާޟިލް ދޮންމަނިކުގޭ އިސްމާޢީލްދީދީ، ބެލް އަރިހުގައި ވިދާޅުވި ގޮތުގައި، ދިއްގަރު މީހުންގެ ރާތީބު މާ މޮޅެއްނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ކަމަށް އެންމެ މޮޅީ މާލޭގައި މިކުޅިވަރު ކުޅޭ މީހުންނެވެ. ރާތީބުގައި ޒިކުރު ކިޔަވަން ތިބި މީހުންނަށް ދޭތެރެދޭތެރެއިން އަޑު "ރަނގަޅު ކޮށްލުމަށް" އިނގުރާއި ހަކުރު ދީ ހެދި އެވެ. އަދި މި ކަން ނިމުމުން، ނައުކޮޅުގައި ކެއުމާ ޙަވާލުވެ ތިބި މީހުންގެ ފަރާތުން، ރާތީބުގައި ބައިވެރިވީ އެންމެންނަށް ކިރާ ހަކުރާ ބަތާ ހިމެނޭ ކެއުމެއް ދިނެވެ. މި ރާތީބުގައި އެ ރަށުގެ ކަތީބު ވެސް ބައިވެރި ވެވަޑައިގަތެވެ.
ފެލިދެ އަތޮޅުން ބެއްލެވީ ތިނަދޫ (މަސްތިނަދޫ) އާއި ފެލިދޫ އެވެ. އެއަށްފަހުގައި ދަތުރުކުރެއްވީ މާލެ އަތޮޅަށެވެ. މި އަތޮޅު ގުރައިދޫގައި މަޑުކުރައްވައިފައި، 8 އެޕްރީލް ކަމަށްވީ އޭގެ އަނެއް ދުވަހު، އެ ރަށުގައި ހުންނަ އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނު ( 1609؟ - 1620މ )ގެ މަހާނަފުޅު ބެއްލެވި އެވެ. މި ރަދުން އަވަހާރަވީ މީލާދީން 1620 ވަނަ އަހަރު މާލެ އަތޮޅު ގުރައިދޫގައެވެ. މި ރަދުންގެ އަނބިކަނބަލުން ސާސްކަ ފުރަދާނަ ކަނބާ ޢައިޝާ ރަނިކިލެގެފާނު، ފަހުން ބޮޑުރަސްގެފާނުގެ އަނބިކަނބަލުން، އަދި އިސްކަންދަރު ރަސްގެފާނުގެ މަންމާފުޅު، މީލާދީން 17 ވަނަ ޤަރުނުގައި މިރަށުގައި ބިނާކުރެއްވި "ބޮޑު މިސްކިތު"ގެ ހަލާކުވެފައިވާ ބައެއް ތަންތަން މި ބޭފުޅުން ދެކެވަޑައިގަތެވެ. މިތަންތަން ވަނީ ގަސްތައް ހެދި ވަލުން ފޮރުވި، ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މި ޓީމަށް މާލެއަށް ވަޑައިގެންނެވުނީ އެޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ބެލް ހުންނެވީ ހެންވޭރު "އަނބުގަސްދޮށުގޭ" ގައެވެ. މިއީ އަތިރީގޭ ޢަބްދުﷲ ދީދީގެ ގެއެވެ.
ބެލްގެ ޓީމުގެ ބޭފުޅުން ދިވެހިރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުން ރަނގަޅު ނަތީޖާތަކެއް ލިބިވަޑައިގަތެވެ. ވަރަށް މުހިންމު އެއް ކަމަކީ، ރާއްޖެ އިސްލާމްވުމުގެ ކުރީގައި ދިވެހީން ތިބީ ކޮން ދީނެއްގައިކަން އޮޅުންފިލުވުމުގައި ތާރީޚީ ހޯދުންތަކެއް ހޯދުނު ކަމެވެ. ދިވެހި ތާރީޚުގައި، އިސްލާމްވުމުގެ ކުރީގައި ދިވެހިރާއްޖޭގައި އޮތް "ބުދުދީނަ"ކީ، ބުޑިސްޓް ދީން ކަމުގެ ހެކިތައް ވެސް ހޯއްދެވުނެވެ. އަދި ރާއްޖޭގެ ތާރީޚުގެ އިހަށް ނޭނގޭ އެތައް މަޢުލޫމާތެއް، މި ދަތުރުތަކުގައި ކުރެއްވުނު މަސައްކަތުން ހާމަވެގެން ދިޔައެވެ.
ދިވެހިރާއްޖެއަށް ބެލް ކުރެއްވި މި ތިންވަނަ ދަތުރުގައި، ތާރީޚާ ބެހޭ ގޮތުން ދިރާސާ ކުރެއްވުމަށް ހޯއްދެވި ތަކެތީގެ ތެރޭގައި، ދިވެސް އަކުރުން ލިޔެފައިވާ ވަރަށް ގިނަ ދުވަސްވީ ރާދަވަޅިއަކާއި، ތާނައިން ލިޔެފައިވާ ދެ ރާދަވަޅި ހިމެނުނެވެ. އަދި އެހައި ތަނަށް ދިރާސާ ކުރެވިފައިނުވާ ހަތަރު ލޯމާފާނު ވެސް ހިމެނުނެވެ. މީގެ ތެރެއިން އެންމެ ފަހުގެ ތާރީޚެއްގައި ލިޔެފައިވާ ލޯމާފާނަކީ، މީލާދީން 1356 ވަނަ އަހަރު އައްސުލްޠާނާ ރެހެންދި ޚަދީޖާގެ ރަނިކަމުގައި ލިޔެފައިވާ "ބޮޑުގަލު މިސްކިތު ލޯމާފާނެ"ވެ. އިތުރު ލޯމާފާނުތަކަކީ "ދަނބިދޫ ލޯމާފާނާ"އި، "ގަމު ލޯމާފާނާ"އި، އަދި "ހައްދުންމަތީ ލޯމާފާނެ"ވެ. މި ލޯމާފާނުތައް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތް ބެލް ކުރައްވާފައި ވެއެވެ. އެހެންކަމާއި އެކު، ކުރިން އަޅުގަނޑުމެންނަށް އެނގިފައިނުވާ އެތައް ތާރީޚީ މަޢުލޫމާތެއް، އެވޭލާ ޒަމާނުގައި ލިޔެފައިވާ މި ލިޔުންތަކުން ދިވެހި ތާރީޚަށް މިހާރު ވަނީ އިތުރުކުރެވިފައެވެ. އެއާ އެކީގައި، ދިވެހިބަހުގެ އިތުރު މަޢުލޫމާތު ވެސް މި ލިޔުންތަކުން ހޯދިފައިވެއެވެ.
ބެލްގެ މި ދަތުރުފުޅުގައި "އެވޭލާ އަކުރު" މި ނަން އޭނާ އުފެއްދެވި އެވެ. އިހުގައި ހުރިހާ މުސްކުޅި އަކުރަކަށް ދިވެހީން ކިޔައި އުޅުނީ "ދިވެހި" އަކުރެވެ. ބެލް އަށް ފެނިވަޑައިގެންނެވި ގޮތުގައި ދިވެހި އަކުރުގެ މުސްކުޅި ވައްތަރަކާއި ފަހުގެ ވައްތަރެއް ހުއްޓެވެ. މި އަކުރުގެ މުސްކުޅި ވައްތަރަށް އޭނާ ދެއްވި ނަމަކީ "އެވޭލާ" އަކުރެވެ. ފަހުގެ ވައްތަރަކީ "ދިވެސް" ނުވަތަ "ދިވެހި" އަކުރެވެ. ބެލްގެ މިދަތުރުފުޅުގައި އޭނާއާއި އޭނާގެ ޓީމުގެ ފަރާތުން ވަރަށް ގިނަ ފޮޓޯތަކާއި ކުރެހުންތައް ތައްޔާރު ކުރެއްވިއެވެ. އަދި މިއާއެކުގައި، ފެނިވަޑައިގެންނެވި ކަންތައްތަކުގެ މައްޗަށް ރަނގަޅު ދިރާސާތަކެއް ކުރެއްވިއެވެ. މި ދިރާސާތައް ޝާއިޢުކުރެއްވި ފޮތްތަކަކީ އަދިވެސް ވަރަށް ބޭނުންތެރި، މުހިންމު ފޮތްތަކެކެވެ. މީގެ ތެރޭގައި ބެލްގެ މަޝްހޫރު "މޮނޮގްރާފް" އާއި "އެކްސަރޕްޓާ މޯލްޑިވިއާނާ" ހިމެނެއެވެ. އަދި އެކިއެކި ޢިލްމީ މަޖައްލާތަކުގައި ވެސް ރާއްޖެއާ ބެހޭ ލިޔުންތައް އޭނާ ޝާއިޢުކުރެއްވިއެވެ.
ބެލް މާލެއިން ފުރާވަޑައިގަތީ، 17 ސެޕްޓެމްބަރ 1922 މި ދުވަހު، "މޭރީ" ކިޔާ ސަރުކާރުގެ ނަވެއްގައެވެ. އެދުވަހު ހެނދުނުކޮޅުގެ ވަޤުތެއްގައި، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުންނަށް އަލްވަދާޢު ދަންނަވައި ޝުކުރު އަދާކުރެއްވުމަށްޓަކައި، ރަދުންގެ ފައިވާންފުޅު ދެކެވަޑައިގަތުމަށް ބެލް ގަނޑުވަރަށް ވަޑައިގަތެވެ. އޭނާ ރާއްޖެއަށް ކުރެއްވި މިދަތުރުގެ ތެރޭގައި، ރަދުންނާއި ސަރުކާރުގެ ފަރާތްޕުޅުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވި ކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރެއްވި އެވެ.
ބެލް އަވަހާރަވީ 1937މ. ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އޭނާއަކީ، ދިވެހި ތާރީޚަށްޓަކައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތަށްޓަކައި، ކޮންމެ ދިވެއްސެއްގެ ހިތުގައި އަބަދަށްޓަކައި ތަޢުރީފު ޙައްޤުވެގެންވާ ބޭފުޅެކެވެ.
ނޯޓު: މަޢުލޫމާތު ހޯދީ، 1940މ ވަނަ އަހަރު ޗާޕުކުރެވިފައިވާ ބެލްގެ "މޮނޮގްރާފް" އާއި "ފަތްތޫރަ"އިގެ 18 ވަނަ ޢަދަދުގައި ޝާއިޢުކޮށްފައިވާ މަރުޙޫމް ޙަސަން އަޙްމަދު މަނިކުގެ "އެޗް.ސީ.ޕީ. ބެލް" މި މަޒުމޫނުންނެވެ.
ކުށެއްގެ އިޞްލާޙު: މރ. ބެލް ދިވެހިރާއްޖެއަށް ފުރަތަމަ ވަޑައިގަތީ 21 އޯގަސްޓު 1879 ގައެވެ. 30 ޖޫން 2012 ގެ ނޫހުގައިވާ މަޒުމޫނުގައި އޮތް 1897 އަކީ ލިޔުމުގެ ކުށެކެވެ. އޮންނަންވާނީ 1879 އެވެ. ރަނގަޅު ކޮށްލެއްވުން އެދެމެވެ.

0 comment