އަވަސް އިންތިހާބަކަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދާ "ސީދާ ކުއްލި ހަރަކާތް" ގެ ދަށުން ރޭ ބޭއްވި އެއްވުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ ފުލުހުންނަށް ބޮޑެތި ގެއްލުންތައް ދީ އަދި ފުލުހުންގެ ޓޯކީތަކެއް، އެއްވުމުގެ ބައިވެރިންތަކެއް ގެންދިޔަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ، މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ވަނީ ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ހަތް ޓޯކީއެއް ގެންގޮސްފަ އެވެ.
ޗާންދަނީ މަގު ދިރާގުގެ ކަންމަތީގައި އެމްޑީޕީން ބޭއްވި އެއްވުން ރޭ ދަންވަރު ފުލުހުން ރޫޅާލި ފަހުން، ފުލުހުން ދުއްވާފައި ދިޔަ ސައިކަލެއްގައި ވެސް ވަނީ ރޯކޮށްލައިފަ އެވެ. އެ ސައިކަލްގައި ރޯކުރީ މަޖީދީމަގުން ލެކިއުޓް ކުރިމަތިން ފުލުހުންތަކެއް ދުއްވާފައި ދަނިކޮށް އެ ސައިކަލް ހުއްޓުވުމަށް ފަހު އެވެ. އަދި އެ ސައިކަލްގައި އިން ފުލުހެއްގެ ގައިގައި ބަޔަކު ވަނީ ތަޅައިގެންފަ އެވެ. މީގެ އިތުރުން މަޖީދީމަގުގެ ޑިލައިޓް ފިހާރަ ކައިރިން ދުއްވާފައި ދިޔަ ދެ ފުލުހަކަށް ވެސް ރޭ ދަންވަރު ވަނީ ހަމަލާދީފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ ދެ ފުލުހުންނާ ދިމާލަށް ބަޔަކު ވަނީ ގާ އުކައިފަ އެވެ. އަދި ފުލުހުންގެ ސައިކަލް ވައްޓާލުމުގެ ތެރޭގައި ކައިރީ ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހި އެ ބިއްލޫރި ގަނޑު ތަޅައިގެން ދިޔަ އެވެ. އޭގެ އިތުރުން ގަލަކުން ޖަހައި، ޗާންދަނީ މަގާއި ފަރީދީ މަގުގެ ކަންމަތީގައި ހުންނަ ފްރެޝްއެއާ ފިހާރައިގެ ބިއްލޫރި ގަނޑު ތަޅާލި އެވެ.
ރޭގެ ހަމަނުޖެހުންތަކުގައި ނުވަ ފުލުހަކަށް އަނިޔާވި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ބައެއް ފުލުހުންގެ ބޮލުގައި ގަލުން ޖެހި، އެއް ފުލުހެއްގެ ކުރީގެ ހަނދާންތައް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭނާ އަށް ފަރުވާ ދިނުމަށް މިރޭ ރާއްޖެއިން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިއްޔެ އާއި ރޭ އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން 55 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރެއިން 10 މީހަކު ދޫކޮށްލާފައިވާ ކަމަށާއި އިއްޔެ އާއި ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 45 މީހަކު ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޭގެތެރޭގައި ތިން އަންހެނަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ވެސް މީހުން ގެންދިޔައީ ގާނޫނާ ހިލާފު ކަންތައް ކުރި ކަމުގެ ތުހުމަތުގަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުންނަށް ހަމަލާ ދީފައިވާއިރު، އަނެއް ބައި މީހުން ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބުނީ އިއްޔެ އާއި ރޭގެ އެއްވުންތަކުގައި ފުލުހުން އާންމުންނަށް ގޯނާކޮށް، އަނިޔާކޮށްފައިވާ ކަމަށެވެ.
ރޭގެ އެއްވުން ހަމަނުޖެހުމަކަށް ބަދަލުވީ، އެއްވެ ތިބި މީހުން ޗާންދަނީމަގުން އުތުރަށް ދާން ފެށުމުން، އެއްވުން ރޫޅާލުމަށް ހަރަކާތްތެރިވި ފުލުހުންނާ ދިމާލަށް ގާބުރިއެއް އެއްލުމުންނެވެ. ފުލުހުންނަށް އެމްޑީޕީގެ އެއްވުމުގެ ތެރެއިން ބަޔަކު ހަމަލަދިނުމާއެކު ފުލުހުން ވަނީ އެއްވުން ރޫޅާލައިފަ އެވެ. ފުލުހުން އެއްވެތިބި މީހުން ފަހަތަށް ޖައްސަމުން ދިޔައިރު، ފުލުހުންނާ ދިމާލަށް ފަސްއޮށާއި ކަޅުތެލާއި މިރުސް ފެން ކޮތަޅު އަދި ގާ އުކި އެވެ. އަދި ބައެއް ފުލުހުންގެ ލޮލަށް މިރުސް ފެން އެޅިފައިވެ އެވެ. ރޭގެ އެއްވުމުގައި ބިދޭސީ މީހެއްގެ ގައިގައި ތަޅައިގަތުމުން އޭނާ ސަލާމަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން މުޒާހަރާ ރޫޅާލުމުން މާރުކޭޓް ސަރަހައްދަށް ދިޔަ ބަޔަކާ ދިމާލަށް އެތަނުގައި ހުރި ދުވަސްވީ މީހަކު އެއްޗެކޭ ބުނުމާއެކު ބަޔަކު މީހުން ވަނީ އޭނާގެ ގައިގައި ތަޅައިގަނެ މޫދަށް ވައްޓާލައިފަ އެވެ. އެ މީހާ "ހަވީރު" ގެ ނޫސްވެރިން ގާތު ބުނީ ތަޅައިގަނެ މޫދަށް ވައްޓާލީ ފޯނާއި ޖީބުގައި އޮތް 1،500ރ. ފޭރިގަތުމަށް ފަހު ކަމަށެވެ. މޫދަށް ވައްޓާލުމުން ބޯޓަކަށް އެރުމުން ވެސް އެ ބޯޓަށް އަރައި އޭނާއަށް އެ މީހުން އަނިޔާކުރި ކަމަށް ވެސް އެ މީހާ ބުންޏެވެ. އެ މީހާ ސަލާމަތްކުރީ ފުލުހުންނަށް ފެނިގެންނެވެ.
ރޭގެ އެއްވުން ރޫޅާލުމުގައި ބައެއް ފުލުހުންނަށް އަނިޔާވި އިރު، ފުލުހުން އާންމުންގެ ގައިގައި މުގުރުންނާއި ޝީލްޑުން ތެޅިކަމަށް ބައެއް ނޫސްވެރިންނާއި މަންޒަރު ފެނުނު މީހުން ބުންޏެވެ. އަދި "ފުލުހުންނާ ދިމާލަށް "ބާޣީ" ގޮވާ ބައެއް މީހުންނާ ދިމާއަށް ބައެއް ފުލުހުން ހަޑިހުތުރު އެއްޗެހި ގޮވި އެވެ. "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔަކަށް އެކި ކަހަލަ އިންޒާރުތައް ދިން އިރު، އެ ޗެނަލްގެ ފޮޓޯގްރާފަރަކަށް ފުލުހުން ހަމަލާ ދިން ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ލެކިއުޓް ކުރިމަތިން ފުލުހުންގެ ސައިކަލްގައި ރޯކުރުމުން، "ރާއްޖެ ޓީވީ" ގެ ނޫސްވެރިންނަށް ނިސްބަތްކޮށް ފުލުހުން ހުތުރު ބަހުން މުހާތަބުކުރި އަޑު ވެސް ބައެއް ނޫސްވެރިންނަށް އިވުނެވެ.
އަވަސް އިންތިހާބުގެ ތާރީހެއް ނުލިބެނީސް ސީދާ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. މިދިޔަ އާދީއްތަ ދުވަހު ފެށި ސީދާ ހަރަކާތްތަކުގައި މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
42 comments