އައުން ސަން ސޫ ޗީ

ތާރީޚީ ދަތުރުފުޅެއްގައި ސޫޗީ ޔޫރަޕަށް

ހަސަން އާމިރު
13 ޖޫން 2012 13:35
  • ސޫޗީ (ކ) މިއަދު ޔޫރަޕަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/އޭއެފްޕީ

ޔަންގޫން (ޖޫން 13) - މިއަންމާގެ ޑިމޮކްރެސީ ލީޑަރު އައުން ސަން ސޫޗީ ތާރީޚީ ދަތުރުފުޅެއްގައި މިއަދު ޔޫރަޕަށް ފުރާވަޑައިގެންފި އެވެ.

މިއީ 1988 ވަނަ އަހަރަށް ފަހު އެކަމަނާ ޔޫރަޕަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި މި ދަތުރުފުޅުގައި، ނޯވޭ އަށް ވަޑައިގެން، 1991 ވަނަ އަހަރު ލިބިވަޑައިގެންނެވި ނޯބެލް ސުލްހައިގެ އިނާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެ އެވެ.

"މި ދަތުރުގައި މިއަންމާގެ ރައްޔިތުންނަށްޓަކައި ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ޔަންގޫން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޫޗީ ވިދާޅުވި އެވެ.

ސޫޗީގެ ދެ ހަފުތާގެ ދަތުރުފުޅުގައި ސްވިޒަލޭންޑް، ނޯވޭ، އިނގިރޭސި ވިލާތް، ފްރާންސް އަދި އަޔަލެންޑަށް ވަޑައިގަންނަވާނެ އެވެ.

ސޫޗީ ގައުމުން ބޭރަށް ވަޑައިގެންނެވި އިރު މިއަންމާގެ ހުޅަނގުގެ ސަރަހައްދުތަކުގައި ވަނީ ބުޑިސްޓުންނާއި މުސްލިމުންގެ ހަމަނުޖެހުންތައް ބޮޑުވެފަ އެވެ. ސޫޗީގެ ޔޫރަޕް ދަތުރުފުޅުގައި މި މައްސަލަ ސަމާލުކަމަށް ގެންނަވާނެ އެވެ.

ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ހޭދަކުރެއްވި އަހަރުތަކަށް ފަހު، މިޔަންމާގެ އިދިކޮޅު ލީޑަރު، 24 އަހަރު ތެރޭގައި ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިދިޔަ މަހު ފަހުކޮޅު ވަނީ ތައިލެންޑަށް ވެސް ވަޑައިގެންފަ އެވެ.

ގޭ ބަންދުގައި 15 އަހަރު ހޭދަކުރެއްވި ސޫޗީ މިޔަންމާ އިން މިނިވަންކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއަށް ފަހު އެކަމަނާ ވަނީ މިދިޔަ އެޕްރީލް މަހު އެ ގައުމުގައި ބޭއްވި އާންމު އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރައްވައިފަ އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ އަށް ވަނަ އަހަރަށް ފަހު ގައުމުން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ތަނަވަސްވެ އެކަމަނާ އަށް މިޔަންމާ އިން ޕާސްޕޯޓް ދީފައި ވަނީ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތުމާ ގުޅިގެންނެވެ. މީގެ ކުރިން ގައުމުން ބޭރަށް ސޫޗީ ވަޑައި ނުގަންނަވަނީ އެނބުރި ގައުމަށް ވަޑައިގަތުމުގެ ހުއްދަ އަސްކަރީ ސަރުކާރުން ނުދީފާނެތީ އެވެ.

އާއިލާއާ އެކު ކުރިން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވި، ސޫޗީ ލަންޑަނަށް ކުރައްވާ ދަތުރުފުޅުގައި ގާނޫނު ހަދާ މަޖިލީހުގައި، ޖޫން 21 ވަނަ ދުވަހު ތަގުރީރުކުރައްވާނެ އެވެ.

ނޮބެލްގެ ސުލްހައިގެ އިނާމް 1991 ވަނަ އަހަރު ހާސިލުކޮށްފައިވާ ސޫޗީގެ މި ދަތުރުފުޅުގައި ނޯވޭގެ ވެރިރަށް އޮސްލޯ އަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސުލްހައިގެ އިނާމާ ހަވާލުވެ ވަޑައިގަތުމުގެ ޝަރަފް ލިބިވަޑައިގެންފައިނުވާތީ އެފަދަ ރަމްޒީ ހަފުލާއެއްގައި ބައިވެރިވެ ވަޑައިގެން ޝުކުރުގެ ތަގުރީރެއް ދެއްވުމަށެވެ.

ސޫޗީގެ ބަދަލުގައި، އެކަމަނާ އަށް ލިބިވަޑައިގެންނެވި ނޮބެލްގެ ސުލްހައިގެ އިނާމާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ދެ ދަރިކަލުންނެވެ. ސޫޗީ އަށް ދެ ދަރިކަލުން ލިބިވަޑައިގެންފައި ވަނީ އިނގިރޭސި ފިރިމީހާ މައިކަލް އޭރިސްއަށެވެ. އޭރިސް 1999 ވަނަ އަހަރު އަވަހާރަވިއިރު ސޫޗީ އިންނެވީ ޖަލުގަ އެވެ. ސޫޗީ މިނިވަންވީ ފަހުން އެކަމަނާގެ އެއް ދަރިކަލުން ކަމަށްވާ ކިމް ވަނީ މިއަންމާ އަށް ވަޑައިގެން މަންމައާ ބައްދަލު ކުރައްވައިފަ އެވެ. އަނެއް ދަރިކަލުން އަލެގްޒަންޑާ ދިރިއުޅުއްވަނީ އެމެރިކާގަ އެވެ. --އޭއެފްޕީ

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި