ޚަބަރު

ކ. އަތޮޅު ކައުންސިލް އޮފީސް ތުލުސްދުއަށް ބަދަލު ކޮށްފިނަމަ ކައުންސިލް ރޫޅާލާނެ ކަމުގެ އިންޒާރު އަފީފް ދެއްވައިފި

އަހުމަދު އަބުދުﷲ ސައީދު
ހަވީރު ޑެއިލީ، 26 ފެބުރުއަރީ 2011 00:00
  • ތުލުސްދޫގައި ކ. އަތޮޅު އޮފީސް ހިންގި އިރު އެ އޮފީހުގައި ހުރި ސާމާނު މާފުއްޓަށް ބަދަލުކުރަން ނޮވެމްބަރު 2009 ގައި ފުލުހުން ދިއުމުން ތުލުސްދޫ މީހުން މުޒާހަރާކުރަނީ.--ހަވީރު ފައިލް ފޮޓޯ

- ކ. އަތޮޅު ކައުންސިލްގެ އިދާރާ ތުލުސްދު އަށް ށ. އަތޮޅުގެ ކައުންސިލް އިދާރާ ފުނަދު އަށް ބަދަލުކޮށްފި

ކ. އަތޮޅު ކައުންސިލްގެ ވެރިކަން އެ އަތޮޅު މާފުށިން ތުލުސްދު އަށް މާދަމާ އިން ފެށިގެން އަނެއްކާ ވެސް ބަދަލުކުރުމަށް، އަތޮޅު ކައުންސިލުން މިއަދު ނިންމުމާ ގުޅިގެން، އެކަން އެގޮތަށް ކޮށްފި ނަމަ އަތޮޅު ކައުންސިލް އުވައިލުމަށް ހައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީގައި ހުންނެވި ހޯމް މިނިސްޓަރު ހަސަން އަފީފު އިންޒާރު ދެއްވައިފި އެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ސައީދު ވިދާޅުވީ ކައުންސިލް ރޫޅައިލުމަށް ހައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ ލޯކަލް ގަވަމެންޓް އޮތޯރިޓީން ހަސަން އަފީފު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި، އަތޮޅު ކައުންސިލްގެ އިދާރާ، މާފުށީގައި މިހާރު ހުރި އަތޮޅު އޮފީހުގެ އިދާރާގައި ހިންގުމަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަފީފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މަރުކަޒީ ރަށް ކަނޑައެޅުމުގައި ބަލަންޖެހޭނެ ކަންތަކުގެ މައްޗަށް ކަމަށްވީ ނަމަވެސް، މަރުކަޒީ ރަށަކީ އަތޮޅު ކައުންސިލްގެ އިދާރާ ގާއިމުކުރާ ރަށްކަމަށް ވުމަށް އެ ގާނޫނު ލާޒިމު ނުކުރާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ އިދާރާއަކީ އަތޮޅު އޮފީސް ކަމުގައި ކަނޑައަޅުއްވާފައިވާތީ އެ ގޮތަށް އަތޮޅު ކައުންސިލް ހިންގުމަށް އަތޮޅު ކައުންސިލްގެ ރައީސަށް އެ އެ އޮތޯރިޓީގެ ފަރާތުން އަންގާ ކަމަށް ވެސް އަފީފްގެ ސިޓީގައިވެ އެވެ.

"... އަދި މި ދެންނެވި ގޮތަށް ކ. މާފުށީގައި ހިންގަމުން ދިޔަ އަތޮޅު އޮފީހަކީ އަތޮޅު ކައުންސިލްގެ އިދާރާ ކަމަށް ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، އެ ގޮތުގެ މަތިން، ކ. މާފުށީގައި އަތޮޅު ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް އަންގަމެވެ. މި ގޮތާ ހިލާފަށް ގެންދަވާ ނަމަ، (ގާނޫން ނަންބަރު 7/ 2010)ގެ 66 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލް ރޫޅައިލުމަށް އެދި ހައި ކޯޓަށް ހުށަހަޅަންޖެހިދާނެ ކަމަށް ދަންނަވަމެވެ،" ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ނަމުގައި ހަސަން އަފީފް ސޮއިކުރައްވައި މިއަދު 30: 2 ހާއިރު، ކ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ސައީދަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައިވެ އެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ސައީދު ވިދާޅުވީ، ހަސަން އަފީފް އެ ގޮތަށް އެންގެވި ނަމަވެސް ކައުންސިލްގެ ކަންތައް ކުރިއަށް ގެންދާނީ މިއަދު ކައުންސިލަރުން ކުރެއްވި ހުވާ އާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ކަމަށެވެ.

"އެ ސިޓިގައި ހަވާލީފައި އެ ވަނީ ލާމަރުކަޒީ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި 155 ގެ (ތ) އަށް. އެ ދެ މާއްދާ އަށް ބަލާއިރު އެ ބުނާ މަރުކަޒީ ރަށަކީ ތުލުސްދޫ ކަމާއި އަތޮޅު އޮފީސް ހިންގި އިމާރާތަކީ ތުލުސްދޫގައި ހުރި އަތޮޅު އޮފީހުގެ އިމާރާތްކަން ވަރަށް ސާފުކޮށް އެނގޭ. އެހެންވީމާ އަޅުގަނޑުމެން ހުވާކޮށް ރަސްމީކޮށް މަގާމާ ހަވާލުވީމާ މަސައްކަތްކުރެވެނީ ގާނޫނުގައި އެ ބުނާ އިދާރާއެއްގައި. އެހެންވީމާ ސަރުކާރުން ވެސް ދެން [ގާނޫނުގެ މާއްދާތައް] އެހެން ގޮތަކަށް މާނަކުރެވޭނީ ކޯޓަށް ގޮސްގެން،" އަހްމަދު ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވެސް މާދަމާ އިން ފެށިގެން ނުކުންނާނީ ތުލުސްދޫގައި ކުރިން އަތޮޅު އޮފީސް ހިންގި އޮފީހަށް ކަމަށެވެ. ނަމަވެސް އެކަން ކުރަނީ ބަޔަކަށް ގޮންޖެހުމުގެ ގޮތުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަޔަކު ބޮޑު ބާރަކާ އެކު އައިސް އެ ކަމަށް ހުރަސް ނާޅާ ނަމަ ގާނޫނާ އެއްގޮތަށް އަޅުގަނޑުމެން ކުރިއަށް ދާން މި ތިބީ. އެއްވެސް ބަޔަކަށް ބާރު ދައްކަން، ނޫނީ ސަރުކާރަށް ގޮންޖަހާކަށް ނޫން މި އުޅެނީ. އަޅުގަނޑުމެން މި ތިބީ ގައުމުގެ ތަރައްގީގައި ސަރުކާރާ އެކުގައި މަސައްކަތްކުރަން. މިއުޅެނީ ގާނޫނާ އެއްގޮތަށް އެކަން ކުރަން. ގާނޫނުގައި ބުނެފައި މި އޮންނަނީ މަރުކަޒީ ރަށުގައޭ ކައުންސިލް އިދާރާ ހުންނާނީ. އަދި މަރުކަޒީ ރަށަކީ މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި އިރު އަތޮޅު ވެރިކަން ކުރަމުން އައި ރަށޭ،" އަހްމަދު ސައީދު ވިދާޅުވި އެވެ.

ކ. އަތޮޅު ކައުންސިލްގެ މެމްބަރުން ހުވާކުރެއްވުމަށް ފަހު މިއަދު ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ، އަތޮޅު ކައުންސިލްގެ އިދާރާ، ކުރިން ވެރިކަންކުރި ތުލުސްދު އަށް ބަދަލުކުރުމަށް ގަރާރެއް ފާސްކޮށްފަ އެވެ. ޑީއާރްޕީގެ ހަތަރު މެމްބަރުންނާއި އެމްޑީޕީގެ ދެ މެމްބަރުން ހިމެނޭ ކައުންސިލްގައި އެ ކަމާ މެދު ބަހުސްކުރުމަށް ފަހު ނެގި ވޯޓުގައި ކައުންސިލް އިދާރާ ތުލުސްދު އަށް ބަދަލުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު ކައުންސިލަރުންނެވެ.

އޭގެ އިތުރުން ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިނގަމުންދާނީ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި އިރު އެ އަތޮޅުގައި ވެރިކަންކުރަމުން އައި ފުނަދޫގައި ހުރި އަތޮޅު އޮފީހުގައި ކަމަށް އެ އަތޮޅު ކައުންސިލުން މިއަދު ވަނީ ގަރާރަކުން ފާސްކޮށްފަ އެވެ. ޑީއާރްޕީގެ ހަ މެމްބަރުންނާއި އެމްޑީޕީގެ ފަސް މެމްބަރުން ހިމެނޭ އެ ކައުންސިލުން އެ ގަރާރު ފާސްކުރީ ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ދެ މެމްބަރުންނެވެ. ކައުންސިލްގެ ރިއާސަތު ބެލެހެއްޓެވި ކައުންސިލްގެ ރައީސް މޫސާ ފަތުހީ އާދަމް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަނެ އެވެ.

މޫސާ ފަތުހީ ވިދާޅުވީ އަތޮޅުގެ ވެރިކަން ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާ މިލަންދޫން ފުނަދު އަށް "ބަދަލުކުރީކީ ނޫން" ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލް އިދާރާގެ މަސައްކަތް ފުނަދޫގައި ކުރިއަށް ގެންދަން ނިންމީ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން އެ ގޮތަށް ނިންމި ނަމަވެސް ލޯކަލް ގަވަރްމެންޓް އޮތޯރިޓީން މިހާތަނަށް އެއްޗެއް އަންގަވާފައިނުވާ ކަމަށެވެ. އަދި ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު، ފުނަދު އަށް ވަޑައިގެން ކުރީގެ އަތޮޅު އޮފީސް، ކައުންސިލް އިދާރާ ހިންގުމަށް ތައްޔާރުކުރަމުން އަންނަ ކަމަށް ވެސް މޫސާ ފަތުހީ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ "މި މާއްދާގެ ބޭނުމަށްޓަކައި އިދާރީ ދާއިރާގެ މަރުކަޒީ ރަށް ކަމަށް ބަލާނީ 7 އޮގަސްޓް 2008 ގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުނު އިރު، އެ އަތޮޅުތަކުގައި އަތޮޅުވެރިކަން ކުރަމުން އައި ރަށްތަކެވެ. ނުވަތަ ގާނޫނަކުން އެ އަތޮޅެއްގެ މަރުކަޒީ ރަށްކަމުގައި ކަނޑައަޅާ ރަށަކަށެވެ." މިހެންނެވެ.

އަދި އެ ގާނޫނުގެ 155 ވަނަ މާއްދާގެ (ތ)ގައި ބުނެފައިވަނީ "އަތޮޅު ކައުންސިލްގެ އިދާރާ ކަމުގައި ބުނެފައި އެވަނީ، 7 އޮގަސްޓް 2008 ގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުނު އިރު އަތޮޅު އޮފީސްތައް ކަމުގައި ބަލަމުން އައި ތަންތަނަށެވެ." މިފދައިންނެވެ.

45: 15 - ށ. އަތޮޅުގެ ވެރިކަން ވެސް މިލަންދު އިން އަނބުރާ ފުނަދު އަށް ބަދަލުކުރަން އެ އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

59: 14 - އަތޮޅުވެރިކަން މާފުށިން ތުލުސްދު އަށް ބަދަލުކޮށްފިނަމަ އަތޮޅު ކައުންސިލް ރޫޅާލާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަފީފް ދެއްވައިފި ކަމަށް ކައުންސިލްގެ ރައީސް އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

- ކ. އަތޮޅުގެ ވެރިކަން މާދަމާ އިން ފެށިގެން އަނެއްކާވެސް ތުލުސްދު އަށް ބަދަލުކުރަން އަތޮޅު ކައުންސިލުން ފާސްކޮށްފި އެވެ.

ސަރުކާރުން އޮކްޓޯބަރު 2009 ގައި އަތޮޅުވެރިކަން މާފުއްޓަށް ބަދަލުކޮށްފައި ވަނިކޮށް ވެރިކަން އަލުން ތުލުސްދު އަށް ގެންދަން އަތޮޅު ކައުންސިލުން ފާސްކުރީ މާފުށީގައި ހިނގަމުންދާ އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

އެ ގަރާރުގައި ވަނީ އަތޮޅު ކައުންސިލްގެ އިދާރާ ހުންނާނީ ތުލުސްދޫގައި ކަމަށެވެ.

(ތަފްސީލް އަންނަނީ)

0 comment