ޚަބަރު

އޮންލައިން ނޫހެއްގެ ގޮތުގައި "ދިއިސްލާމް" ރަޖިސްޓްރީކޮށްފި

އިސްމާއިލް ނަސީރު
ހަވީރު ޑެއިލީ، 07 އެޕްރީލް 2011 00:00
  • "ދިއިސްލާމް" ވެބްސައިޓްގެ ސްކްރީން ޝޮޓެއް

"ދިއިސްލާމް" ނަމުގައި ހިންގަމުން އަންނަ ވެބްސައިޓް، އޮންލައިން ދުވަހު ނޫހެއްގެ ގޮތުގައި ޑިޕާޓްމެންޓް އޮފް އިންފޮމޭޝަންގައި ރަޖިސްޓްރީ ކޮށްފި އެވެ.

އެ ނޫހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނޫހުގެ މައިގަނޑު އަމާޒަކީ އިސްލާމީ ދުނިޔެ އާއި ދީނާ ގުޅުން ހުރި މައިގަނޑު އިޝޫތަކާއި ހަބަރުތައް އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރަޖިސްޓްރީ ނުކޮށް ވެސް ދެ އަހަރެއްހާ ދުވަހު ވެބްސައިޓް ހިންގާފައިވާތީ އާންމުންގެ އިތުބާރު މިހާރު ވެސް ލިބިފައިވާ ކަމަށާއި އެ ނޫހުގެ ނިއުސް ޓީމުގައި ވެސް ގާބިލް މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިޖުތިމާއީ ތަފާތު މައުލޫތަކަށް ވެސް އަޅުގަނޑުމެންގެ ގަލަންތައް ހިނގާނެ. މިއީ ސިޔާސީ ނޫހެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ދިއިސްލާމް" ނޫހުގެ މަސްއޫލުވެރިޔަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހަންމަދު ނަޒީފެވެ. އެޑިޓަރަކީ ހދ. ވައިކަރަދޫ ބްލޫ ހައުސް އަހުމަދު ހަލީލެވެ. މި ނޫހުގައި 15 ލިޔުންތެރިން މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ނޫހުގައި މިހާތަނަށް 1،600 އަށް ވުރެ ގިނަ ލިޔުން ހިމަނާފައިވާނެ ކަމަށް އެ ނޫހުގެ ވެބްސައިޓްގައި ވެ އެވެ. އަދި އެ ނޫހުން ބުނެފައި ވަނީ މިއީ، އިސްލާމީ ހަބަރުތައް ގެނެސްދިނުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ނޫސް ކަމަށެވެ. "ދިއިސްލާމް" ނޫހުގެ ވެބްސައިޓް އެޑްރެހަކީ؛ ދިއިސްލާމްޑޮޓްކޮމް އެވެ.

0 comment