ރާއްޖެ-އިންޑިއާ

ވިސާ ނެތިގެން އިންޑިއާގައި ހައްޔަރުކުރި ދިވެއްސަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ހުސައިން ފިޔާޒު މޫސާ
ހަވީރު އޮންލައިން، 15 ސެޕްޓެމްބަރ 2011 12:42
  • ޓްރިވެންޑްރަމް މެޑިކަލް ކޮލެޖް ސަރަހައްދުގައި ދިވެހިންގެ ބަޔަކު ހިނގާފައި ދަނީ: ބޭސް ފަރުވާ އަށް ގޮސް އުޅޭއިރު ވިސާއަށް ފަރުވާ ކުޑަ ނުކުރުން މުހިންމު. --ހަވީރު ފޮޓޯ: އިބްރާހިމް ރިލްވާން

ވިސާ ނެތިގެން މި މަހު ކުރީކޮޅު އިންޑިއާގެ ޓްރިވެންޑްރަމްގައި ހައްޔަރުކުރި ހަތަރު ދިވެހިންގެ ތެރެއިން އެކަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފި ކަމަށް ދިވެހި ކޮންސިއުލޭޓް އޮފީހުން މިއަދު ބުނެފި އެވެ.

ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކަފާލާތުގެ ދަށުން ދޫކޮށްލީ ބޭސް ފަރުވާ އަށް ގޮސްހުއްޓައި ހައްޔަރުކުރި ކ. ކާށިދޫ ވިޝާމް ޒާހިރު ކަމަށެވެ.

"އޭނާ ޖަލުން ދޫކޮށްލިތާ ދެތިން ދުވަސް ވެއްޖެ. ނަމަވެސް އޭނަ އަށް ރާއްޖެ ދެވޭނީ ޝަރީއަތުގެ މަރުހަލާ ނިމުމުން،" އޭނާ ވިދާޅުވި އެވެ.

ވިޝާމްގެ އިތުރުން ވިސާގެ މައްސަލައިގައި ހައްޔަރުކުރި އަނެއް ތިން ދިވެހިން ވެސް ކަފާލާތުގެ ދަށުން ޖަލުން ނެރުމަށް އެ މީހުންގެ އާއިލާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮންސިއުލޭޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ވިސާ ނެތިގެން ޓްރިވެންޑްރަމްގެ ޕޮލިހުން ހައްޔަރުކުރި ހަތަރު ދިވެހިންގެ ތެރޭގައި ވިޝާމްގެ އިތުރުން ހިމެނެނީ މުޖުތަމައަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ކަނޑައަޅާފައިވާ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި ހުކުމް ތަންފީޒުކުރަމުން ދިޔަ ސ. ފޭދޫ ފްލޮރިޑާ މުހައްމަދު ފަސީހް އާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ. މި ތިން މީހުން ވެސް ޓްރިވެންޑްރަމަށް ދިޔައީ ބޭސްފަރުވާ އަށެވެ.

އިންޑިއާގައި ދިވެހިންނަށް ވިޒިޓް ވިސާގައި ތިބެވޭނީ 90 ދުވަހު އެވެ. ވިޒިޓް ވިސާގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް ކަމަށް ކޮންސިއުލޭޓް އޮފީހުން ބުނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި