މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ހިލޭ ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖައްސައިފި އެވެ.
އެ ކައުންސިލުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައި ވަނީ މުހިންމު 10 ދާއިރާއަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް އެންޑް ރޫލް އޮފް ލޯ އާއި އިންވެސްޓިގޭޓިވް ޖާނަލިޒަމް އާއި ލީގަލް އެންޑް ކޯޓް ރިޕޯޓިން ވެސް ހިމެނޭ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
ކައުންސިލުން ބުނެފައި ވަނީ އެ ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ހުޅުވާލުމުން ތިން ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ފޯކަސް އެޑިއުކޭޝަން ސެންޓަރާއި އެމްއެންބީސީ މީޑިއާ ޓްރެއިނިން ސެންޓަރާއި އިތުރު އަމިއްލަ ފަރާތެއް ހިމެނޭ ކަމަށް ކައުންސިލުން ބުނެ އެވެ.
އެ ސާކިއުލާގައި އިތުރަށް ބުނެފައި ވަނީ މި މަހުގެ 10 ގައި އެ ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ހުޅުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މީޑިއާގައި މިހާރު މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

2 comments