ވޭސްޓް މެނެޖްމެންޓް

ތިލަފުށީ ފަޅު ތެރޭ ހުރި ކުނިތައް ސާފުކުރަން ފަށައިފި

ފަޒީނާ އަހުމަދު
ހަވީރު ނިއުސް ސާވިސް، 05 ޑިސެމްބަރ 2011 14:09
  • މި ހަފުތާގައި ތިލަފުށި ފަޅު ތެރެ އަށް ކުނި އަޅާފައި: ބައެއް ދޯނިފަހަރުން ފަސޭހައަކަށް ފަޅުތެރެއަށް ކުނިއުކަމުންދާ ކަމަށް ކޯޕަރޭޝަނުން ބުނޭ. --ހަވީރު ކިޔުންތެރިއެއްގެ އެމްއެމްއެސް ފޮޓޯ

ކުނި އުކާލުމަށް އަންނަ ބައެއް ރިސޯޓްތަކުގެ ދޯނިފަހަރުން އަނެއްކާވެސް ތިލަފުށި ފަޅުތެރެ އަށް ކުނިއުކައި ފަޅު ތެރެ ގޮނޑުކޮށްފައިވާތީ، ކުނިތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

އެ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވި ގޮތުގައި ފަޅު ތެރޭގައި އަނެއްކާވެސް ކުނި ގިނަވެފައިވަނީ ރިސޯޓް ދޯނިފަހަރުން ފަޅު ތެރެ އަށް ކުނިއުކާލުމުގެ އިތުރުން ތިލަފުށީގައި ކުނި ސާފުކުރާ އެކްސްކަވޭޓަރަކަށް މައްސަލަ ދިމާވެފައި އޮތުމުންނެވެ. އެހެންވެ އެ ކުނިތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދޯނިތަކުން އަންނަ ބައެއް މީހުން ވެސް ކެތްތެރިކަމެއް ނެތި ފަޅުތެރެ އަށް އުކާލަނީ. އެކްސްކަވޭޓަރު ހަލާކުވެގެން ނުގެންދެވި ހުރި ކުނިތަކުން ވެސް 40 ލޮރީގެ ކުނި ނައްތާލުމަށް ރޭ ގެންގޮސްފައިވަނީ" ރުކުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައިރި ރިސޯޓްތަކުން ކުނި އަޅަމުން ދިޔައިރު ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ ހުރި ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށާއި އެފަދަ ފަރާތްތައް ފާހަގަކޮށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފިޔަވަޅު އަޅާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ތިލަފުށި ކޯޕަރޭޝަނުން އިއްޔެ ބުނި ގޮތުގައި ދޯނިތަކުން ފަޅު ތެރެ އަށް އަޅާލާ ކުނީގެ ސަބަބުން އެ ސަރަހައްދު ތަޣައްޔަރުވުމުގެ އިތުރުން އެ ކުނިތައް ސާފުކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.

ތިލަފުށީ ފަޅު ތެރެ އަށް ކުނިއުކާލުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަޅުތެރެ ކުނިން ފުރި ތަޣައްޔަރުވެ މާކަނޑަށް ވަރަށް ގިނަ އަދަދެއްގެ ކުނިބުނި އޮޔާ ދިޔަ އެވެ. އެ ކުނިތައް ފަޅުން ނަގައި ސާފުކޮށްފައި ވަނީ ތިލަފުށި ކޯޕަރޭޝަނާއި މާލޭ ސިޓީ ކައުންސިލުންނެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި