ތެލެސީމިއާ ކޮންޓްރޯލް ބިލް

ތެލެސީމިއާ ބިލާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލް ފާސްކޮށްފި

ހުސައިން ފިޔާޒު މޫސާ
27 ޑިސެމްބަރ 2011 15:53
  • މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ މަޖިލީހުގެ ޖަލްސާއެއްގައި: އޭނާ ހުށަހެޅުއްވި ތެލެސީމިއާ ބިލް ވަނީ ފާސްކޮށްފައި.

ތެލެސީމިއާ ސެންޓަރު އުވާލާނުލާ ގޮތަށް ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

ރައީސް މުހައްމަދު ނަޝީދު ތަސްދީގުނުކުރައްވާ އަނބުރާ ފޮނުވާލެއްވި މި ބިލް މަޖިލީހުން މިފަހަރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ބިލް އަނބުރާ ފޮނުވާލެއްވީ ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް އުފައްދާ އުފެދުމާއެކު، މިހާރު ނޭޝަނަލް ތެލަސީމިއާ ސެންޓަރުގެ ނަމުގައި ހިންގަމުން އަންނަ މަރުކަޒުގެ އެންމެހާ އިހުތިސާސްތަކާއި ވަސީލަތްތަކާއި ބާރުތައް އެ މަރުކަޒުގެ ދަށަށް ބަދަލުވެ ނޭޝަނަލް ތެލަސީމިއާ ސެންޓަރު އުވުނީކަމަށް ބަޔާންކޮށްފައިވާތީ އާއި އެތަނަކީ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް ބަދަލުކުރެވި އެކޯޕަރޭޝަންގެ ދަށުން ހިނގަމުންދާ ތަނަކަށްވާތީ، ބިލު ފާސްވިއިރު އެހެން ކުންފުންޏެއްގެ ދަށުގައި ހުރި ތަނެއް ސަރުކާރަށް އަނބުރާ ނެގުމަކީ ގާނޫނީ ގޮތުން ކުރެއްވިދާނެ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އެޓާނީ ޖެނެރަލް ލަފާދެއްވުމުންނެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ ހުށަހެޅުއްވި މި ބިލްގައި މިފަހަރު ފާސްކުރީ ތެލެސީމިއާ ކުދިންނަށް ފަރުވާ ދޭނެ މަރުކަޒެއް އުފެއްދުމަށް ބުނެފައިވެ އެވެ. ނަމަވެސް އެ މަރުކަޒު ހިންގާނެ އުސޫލެއް ކަނޑައެޅުން ދޫކޮށްލާފައިވަނީ ހެލްތު މިިނިސްޓަރަށެވެ.

މިއަދު ފާސްކުރި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލް ފާސްވީ ވޯޓުގައި ބައިވެރވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި