ބަދުއަހުލާގީ

ކުޑަކުދިންތަކެއްގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އާއްމުކުރި މީހަކު ހައްޔަރުކޮށްފި

ފަޒީނާ އަހުމަދު
05 ޖެނުއަރީ 2012 11:44 7 ކޮމެންޓު

ނ. މަނަދޫގައި 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އާއްމުކުރި މީހަކު ރޭ ދަންވަރު ހައްޔަރުކޮށްފި އެވެ.

މަނަދޫ ކައުންސިލުން މިއަދު ބުނި ގޮތުގައި އެ ރަށު ސްކޫލްގައި ކިޔަވާ ދެ ކުއްޖަކާއި މިދިޔަ އަހަރު އޭލެވެލް ނިންމި ކުއްޖެއްގެ ބަރަހަނާ ވީޑިއޯތަކެއް އާއްމުކޮށްގެން ހައްޔަރުކޮށްފައި ވަނީ އެ ރަށު، ނޫރުވާދީ އަހްމަދު އާތިފް ، ،20 އެވެ.

ކައުންސިލްގެ ރައީސްގެ އިބްރާހިމް ނަސީރު ވިދާޅުވީ އެ ތިން ކުދިންގެ ވީޑީއޯ އާތިފް ނަގާފައި ވަނީ ފާހާނާގެ ފެންލައިޓުން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކި ދުވަސް މަތިން ނަގާފައިވާ ވީޑިއޯތައް އާއްމުވެފައި ވަނީ އާތިފްގެ ކޮމްޕިއުޓަރުގައި ހުއްޓައި އޭނާގެ ކޮއްކޮއަކު އެހެން މީހަކަށް ދިނުމުން ކަމަށް މަނަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ.

ފުލުހުން ބުނާ ގޮތުގައި އެކި މީސްމީހުންގެ ބަރަހަނާ ވީޑިއޯކޮށް އެ އެއްޗެހި އެހެން މީހުންނަށް އާތިފު ވެސް ދައްކާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.

މަނަދޫ ކައުންސިލުން ބުނީ އާތިފަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުކުރެވި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށެވެ.

އޭނާ ނަގާފައި ވަނިކޮށް އާއްމުވެފައި ވަނީ އެއް ގެއެއްގެ ތިން ކުދިންގެ ވީޑިއޯ ކަމަށް، ވާހަކަ ދެކެވޭ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"ވީޑިއޯކޮށްފައި ވަނީ 18 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ދެ ކުދިން. މީނަ [އާތިފް] ވީޑިއޯ މިކުރަނީ އެ ކުދިން ފެންވަރާ ގަޑީގައި ފާހާނާ ފެންލައިޓުން ކަމަށް ވަނީ،" ނަސީރު ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ބައެއް މީހުންނަށް އެ ވީޑިއޯ ދައްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއާ ފުލުހުން އަންނަނީ އިތުރަށް ސުވާލުކުރަމުންނެވެ. އޭނާ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން، ވީޑިއޯކޮށް، ބައެއް މީހުންނަށް އެ ވީޑިއޯ ދައްކާފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ތިން ކުދިންގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ އާތިފް އެކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އާއްމުކޮށްފައިވާކަން އެނގުމުން ނަފްސާނީ ގޮތުން އެ ކުދިންނަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ.

"ވަރަށް ރޮއި ހެދި. ކާއެއްޗެއް ވެސް ނުކައި. އެ މައްސަލާގައި އެކުދިންނަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވަނީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ ކުދިންގެ ވީޑިއޯތައް އާއްމުވުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ އެ ރަށުގެ ބައެއް ގެތައް ވެސް ފާސްކޮށްފަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހއ. ފިއްލަދޫ ގޭގޭގެ ގިފިލިތަކާއި ފާޚާނާތަކުގައި ކެމެރާ ހަރުކޮށްގެން، އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތައް ރެކޯޑްކުރި މައްސަލައެއް ވެސް ފެންމަތިވެ، ފުލުހުން ތަހްގީގްކޮށްފައިވެ އެވެ. އެ މައްސަލާގައި ހައްޔަރުކުރި މީހުން ވަނީ ދޫކޮށްލާފަ އެވެ.

7 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait