ޚަބަރު

ކުނި އަޅައިގެން ތިލަފުށި ހިއްކުން ހުއްޓާލަނީ

އަހުމަދު ރިޝާން
06 ފެބުރުއަރީ 2012 15:40 9 ކޮމެންޓު
  • ތިލަފުށީ ފަޅުތެރެ އަށް ކުނި އަޅާފައި: ބައެއް ދޯނިފަހަރުން ފަސޭހައަކަށް ފަޅުތެރެއަށް ކުނިއުކަމުންދާ ކަމަށްވޭ. -- ހަވީރު ފައިލް ފޮޓޯ

ކުނި އަޅައިގެން ހިއްކަމުން އަންނަ ކ. ތިލަފުށި އިތުރަށް ހިއްކާނީ ކުނި ނާޅާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ތިލަފުއްޓަށް ކުނިއެޅުމަށް ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން ފަޅުތެރެއަށް ކުނި އެޅުމުގެ ބަދަލުގައި ކުނިތައް އެންދުމަށް ފަހު ކުނިތައް ނައްތާލަން ނިންމާފައިވާ ކަމަށެވެ. ފަހަކަށް އައިސް ތިލަފުށި ހިއްކާފައި ވަނީ ބިން ހިއްކާ އުސޫލުން ވެލި އަޅައިގެންނެވެ.

"ކުރިން ކުނި ނައްތާލި ގޮތަށް ފަޅުތެރެއަށް ކުނި އަޅައިގެން ތިލަފުށި ހިއްކާކަށެއް އަޅުގަނޑުމެން ވިސްނާފައެއް ނެތް. އެއީ ތިމާވެށީގެ ގޮތުން ބަލާއިރު އެހާ ރަނގަޅު ކަމެއް ވެސް ނޫން. މިހާރު ގެންނަ ހުރިހާ ކުންޏެއް ވެސް އެންދުމަށް ފަހު ނައްތާލަން ވަނީ ނިންމާފައި،" ރުކުމާ ވިދާޅުވި އެވެ.

ކުރިން ތިލަފުށީގައި ކުނި ނައްތާލަމުން އައީ ފަޅުތެރޭގައި ރިންގް ހަދައިގެން ކުނި އަޅައިގެން ބިން ހިއްކާ ގޮތަށެވެ. ތިލަފުށިން ދެ ހެކްޓަރުގެ ބިން ވަނީ ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް ހާއްސަ ކޮށްފަ އެވެ.

ރުކުމާ ވިދާޅުވީ އަލަށް ކަނޑައަޅާފައިވާ އުސޫލުން ތިލަފުށްޓަށް ކުނި ގެންދަން ފެށުމުން ކުނި ނައްތާލަން ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން މި ގޮތަށް ނިންމީ، މިދިޔަ އަހަރުގެ ފަހުކޮޅު އެ ސަރަހައްދަށް ކުނި އުކާލާ އުޅަނދުފަހަރުން ފަޅުތެރެ އަށް ގިނަ އަދަދެއްގެ ކުނި އަޅައި އެ ސަރަހައްދު ތަޣައްޔަރުވުމުގެ މައްސަލަ ދިމާވެފައިވަނިކޮށެވެ. އަދި ތިލަފުށީ ފަޅު ތެރެއަށް ރިސޯޓުތަކުން ކުނި އެޅުމުގެ ސަބަބުން އޮޔާއެކު ކުނިތައް ރިސޯޓުތަކުގެ ގޮނޑުދޮށަށް ވެސް ލައްގާފައިވެ އެވެ.

ތިލަފުއްޓަށް ކަނޑުމަގުން ކުނި އުފުލާ އުޅަނދުފަހަރުން ފީ ނަގަން ފަށާނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެ ރަށަށް ކުނި އުކާލަން ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 00: 8 ން ހަވީރު 00: 4 އަށެވެ.

އަލަށް ކަނޑައެޅި އުސޫލުގެ ދަށުން އެ ރަށަށް ގެންދާ ކުނި އުކާލަންޖެހޭނީ ރިސޯޓް ޖެޓީ އަށެވެ. އެ ރަށަށް ގެންދެވޭ ކުނި ހުންނަން ޖެހެނީ ބަންދުކޮށްފަ އެވެ.

އެ ކައުންސިލުން ނެރުނު އިއުލާނުގައިވާ ގޮތުން ރިސޯޓް ޖެޓީ އަށް ކައިރިކުރާ އުޅަނދުފަހަރުން ކޮންމެ އުޅަނދަކަށް ފުރަތަމަ 30 މިނެޓް އެ ޖެޓީގައި ހިލޭ އޮވެވޭނެ އެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ ގަޑިއަކަށް ކޮންމެ މީޓަރަކަށް ފަސް ރުފިޔާގެ ރޭޓުން އަގު ނަގާނެ އެވެ. އަދި ދެ ގަޑިއިރަށް 10ރ. ޗާޖުކުރާއިރު ތިން ގަޑިއިރަށް 20ރ. އަދި ތިން ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދު ކޮންމެ މީޓަރަކަށް 30ރ. އަދި ފަސް ގަޑިއިރުގެ ފަހުން ގަޑިއަކު 500ރ. ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައިވާ ގޮތުން ކުނި ނައްތާލުމަށް ވެސް އަގު ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ އަގު ނަގާނީ އުޅަނދުފަހަރުގެ ޓަނޭޖުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި އެއް ޓަނުން ފަސް ޓަނާ ހަމައަށް 1،000ރ. ނަގަން ވަނީ ނިންމައިފަ އެވެ. އެގޮތުން 400- 500 ޓަނުގެ އުޅަނދަކުން 42،000ރ. ނަގަން ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ.

9 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait