ރައީސް ވަހީދު

2013ގެ ކުރިން އިންތިހާބެއް ނުބާއްވާނެ ކަމަށް އާ ރައީސް ވިދާޅުވެއްޖެ

ހުސައިން ފިޔާޒު މޫސާ
11 ފެބުރުއަރީ 2012 09:57 115 ކޮމެންޓު
  • ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ފުރަތަމަ ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ: އަވަސް އިންތިހާބަކަށް ނުދާނެ ކަމަށް ވަނީ ވިދާޅުވެފައި. -- ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

އެމަނިކުފާނުގެ ސަރުކާރު ވައްޓާލީ ބަޣާވާތަކުން ކަމަށް ވިދާޅުވެ، ވީހާ އަވަހަކަށް އިންތިހާބެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ނަމަވެސް 2013 ގެ ކުރިން އިންތިހާބެއް ނުބާއްވާނެ ކަމަށް އާ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު އިއްޔެ ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ރާއްޖޭގައި މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވޭ ފަދަ މާހައުލެއް ނެތް ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކުން 2013ގެ ރިޔާސީ އިންތިހާބަށް ކެމްޕޭނު ފަށާފައިވާ ކަމަށާއި މިދަނޑިވަޅުގައި މުހިންމީ ގައުމަށް ހަމަޖެހުން ގެނައުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަހަންނަށް ހީވާ ގޮތުގައި މިވަގުތަށް އެންމެ މުހިންމު ކަމަކީ ހަމަނުޖެހުންތައް މައިތިރިކުރުން. އަހަރެން ދައްކުވައިދޭން ޖެހޭ އަހަރެމެން ގާނޫނު އަސާސީ ނަގަހައްޓާކަން އަދި ގާނޫނީ ހުކުމް ހިނގާކަން،" ބީބީސީ އަށް ރައީސް ވިދާޅުވި އެވެ.

ނަޝީދު އަމަލުކުރެއްވީ ހުދުމުހްތާރު ވެރިޔަކު އަމަލުކުރައްވާ އުސޫލުން ކަމަށާއި މިހާރު ވެސް އެމަނިކުފާނު ކަންތައް ކުރައްވަމުން އެ ގެންދަވަނީ އިންޓަނޭޝަނަލް މީޑިއާ އަށް ދެއްކެވުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ސިފައިންނާއި ފުލުހުން ނުކުމެ، ނަޝީދުގެ ވެރިކަން ވައްޓާލި ަބަގާވާތް ތަހްގީގުކުރުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. އަދި ރައީސް ވަހީދު ވެސް އެ ބަގާވާތް ގެންނަން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ނަޝީދު ތުހުމަތުކުރައްވަ އެވެ. ވެރިކަން ވައްޓާލި ނަމަވެސް މަގުމަތިން ވެރިކަން ނުހޯއްދަވާނެ ކަމަށާއި ދެން އަންނަ އިންތިހާބެއްގައި ވާދަކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް، ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގެ ވެރިކަން ފުރަތަމަ ހޯއްދެވި ރައީސް ނަޝީދުގެ ވެރިކަން ތިން އަހަރު ތެރޭގައި ސިފައިންނާއި ފުލުހުން ވައްޓާލުމުން އެކަމާ ހިތްހަމަނުޖެހިގެން މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފައިވެ އެވެ.

މިދިޔަ ބުދަދުވަހު އެމްޑީޕީގެ ސަޕޯޓަރުން މާލޭގައި ބޭއްވި ބޮޑު ހިނގާލުން ފުލުހުން އަނިޔާވެރި ގޮތަކަށް ރޫޅާލުމުން، ބައެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް ބަންދުކޮށް، ބައެއް ސްޓޭޝަންތަކުގައި ހުޅުޖަހައި، ފުލުހުންގެ ވެހިކަލްތައް ރޯކޮށް، ގެއްލުންދިނުމުގެ އިތުރުން ފުލުހުންނަށް ވެސް ވަނީ އަނިޔާކޮށްފަ އެވެ. އަދި ބައެއް ރަށްރަށުގެ ކޯޓުތައް ވެސް ވަނީ އަންދާލައިފަ އެވެ.

އެމްޑީޕީގެ ސަޕޯޓަރުން ހިތްހަމަނުޖެހުނަސް، ސުލުހަވެރިކަމާ އެކު ކަންކަން ކުރުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

115 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait