އެމްޑީޕީގެ އަންހެންގެ ގޮފިން އިސްނަގައިގެން އަންހެނުންގެ ހާއްސަ ޖަގަހައެއް ލޮނުޒިޔާރަތްކޮޅުގައި މިއަދު ހަވީރު ހުޅުވައިފި އެވެ.
ރީނދޫ ފޮތި ދަމައިގެންނާއި އެމްޑީޕީ ދިދަ ބޭނުންކޮށްގެން ހަދާފައިވާ މި ޖަގަހަ ހުޅުއްވައިދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޖަގަހަ ހުޅުވުމަށް ފަހު ލޮނުޒިޔާރަތްކޮޅަށް އެއްވެ ތިބި އެމްޑީޕީގެ ގިނަ އަދަދެއްގެ އަންހެނުންނާ މުހާތަބުކުރައްވައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެންމެ ގިނަ އަންހެނުން ތިބި ޕާޓީއަކީ ޕީޕީއެމް ކަމަށް ބައެއް މީހުން ބުނާ ކަމަށާއި ނަމަވެސް މަޑުމަޑުން ތިބި ނަމަވެސް އެމްޑީޕީގެ އަންހެނުންގެ އަދަދު އެހެން ޕާޓީތަކަށް ވުރެ ގިނަވާނެ ކަމަށެވެ. އަދި މިހާރު ހުރިހާ އަންހެނުން ވެސް އެއްވެ ތިބީ ރައީސް ވަހީދު ބަޣާވާތަކުން ގެނައި ސަރުކާރާއި ކުރީގެ ވެރިކަން "ފޭރިގެން" އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމުގައި އޭނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ސަރުކާރު ބަދަލު ކުރުމަށް ގެނައި "ބަޣާވާތުގައި" ކޮންމެ މީހަކަށް އަނިޔާ ލިބުނު ނަމަވެސް، އެއީ ކޮންމެވެސް މަޔަކާއި ދައްތައެއް އަދި އަންބަކަށް ދެވުނު އަނިޔާއެއް ކަމަށެވެ. އެހެން ކަމުން އެމްޑީޕީގެ އަންހެނުން މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލުކޮށް، އޯގާތެރި އެމްޑީޕީގެ ސަރުކާރެއް ގެނައުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާރިޔާގެ އިތުރުން އެހެން ބައެއް އަންހެނުން ވެސް އެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި އެވެ. މިހާރު މި އޮތް ސަރުކާރު ބަދަލުކުރުމަށް 2013ގެ ކުރިން އިންތިހާބެއް ބޭއްވުމަށް ގޮވާލައި އެމްޑީޕީން މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި ރޭ ވެސް ގިނަ އަދަދެއްގެ އަންހެނުން ފެނިފައިވެ އެވެ.

27 comments