މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން

އެމްއެންބީސީން ކަނޑާލި މުވައްޒަފުންނާ މެދު ގޮތެއް އަދި ނުނިންމަން: އެމްބީސީ

ހަސަން މުހައްމަދު
17 މާޗް 2012 12:34 5 ކޮމެންޓު
  • އެމްއެންބީސީގެ ބޯޑު ކައިރީގައި މީހަކު މަޑުކޮށްލައިގެން: މުވައްޒަފުން ވަކިކުރިއިރު އެމްބީސީން ދިޔައީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލަމުން -- ހަވީރު ފައިލް ފޮޓޯ

ޓެލެވިޒަމް މޯލްޑިވްސް (ޓީވީއެމް) އާއި ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުންގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ކަނޑާލި މުވައްޒަފުންނަށް އަލުން ފުރުސަތު ދިނުމާ މެދު މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން މިއަދު ބުނެފި އެވެ.

އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ އެމްބީސީ އަށް ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު ނުލިބި ހިނގި މުއްދަތުގައި އެމްއެންބީސީން ކަނޑާލި މުވައްޒަފުން ގެނައުމާ މެދު ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެ މައްސަލައިގައި އެމްބީސީގެ ފަރާތުން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށާއި އެ މުވައްޒަފުންނާ މެދު ނިންމާ ގޮތެއް އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކިކޮށްފައި ތިބި މުވައްޒަފުންނާ މެދު ގޮތެއް ނިންމާފައި އަދި އަޅުގަނޑުމެން އިއުލާނެއް ނުކުރަން. ގާނޫނީ ލަފާ ހޯދުމަށްފަހު ނިންމާ ގޮތެއް އިއުލާން ކުރާނަން،" މަނިކު ވިދާޅުވި އެވެ. "ރުހިގެން ނަމަވެސް ނުރުހި ނަމަވެސް އެހެން ކުންފުންޏަކަށް ބަދަލުކޮށްފައި އެ މުވައްޒަފުން ތިބީ."

އޭގެ އިތުރުން މަނިކު ވިދާޅުވީ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު ލިބުމުގެ ކުރިން އެމްއެންބީސީން އެ ދެ ތަނަށް ވައްދާފައިވާ މުވައްޒަފުން ކަނޑާލާފައިނުވާނެ ކަމަށެވެ.

ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުގެ ބައެއް މުވައްޒަފުން އެމްއެންބީސީން ކަނޑާލުމުން އެކަން ނުކުރެވޭނެ ކަމަށް ބުނެ އެމްބީސީން ދިޔައީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލަމުންނެވެ.

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait