މެމްބަރު އަހުމަދު ސަމީރު

މިނިވަން ތަހުގީގަކަށް ފަހު ނޫނީ ދައުވާ ނުކުރުމަށް ޕީޖީ އަރިހުން ސަމީރު އެދިވަޑައިގެންފި

އަހުމަދު ހަމްދޫން
02 އެޕްރީލް 2012 14:41 16 ކޮމެންޓު
  • ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު ސަމީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު ފެބްރުއަރީ 8 ގައި މާލެ އާއި ރަށްރަށުގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލަތައް، މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ތަހުގީގެއް ކޮށްފައި މެނުވީ ދައުވާނުކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ ކިބައިން ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު އެދިވަޑައިގެންފި އެވެ.

ޕީޖީ އަހުމަދު މުއިޒަށް ފޮނުއްވި ސިޓީއެއްގައި ސަމީރު އެދިވަޑައިގެންފައި ވަނީ މިނިވަން ތަހުގީގަކާ ނުލާ ޝަރީއަތް ކުރިއަށް ގެންގޮސްފި ނަމަ ޝަރީއަތްތައް ނޭދެވޭ ނަތީޖާއެއް ފެނުމަކީ ކައިރި ކަމެއް ކަމަށެވެ.

އެ ސިޓީ ޕީޖީ އަށް ފޮނުއްވުމަށް ފަހު ސަމީރު ވަނީ ޕީޖީއާ ބައްދަލު ވެސް ކުރައްވައިފަ އެވެ.

ޕީޖީއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ޕީޖީގެ ސަމާލުކަމަށް މައްސަލަތައް ގެންނަން ޖެހިވަޑައިގަތީ ފުލުހުންނަށް އިތުބާރު ނުކުރެވޭތީ ކަމަށެވެ.

ޕީޖީ އަށް ފޮނުއްވި ސިޓީގައި ސަމީރު ވިދާޅުވެފައި ވަނީ އޭނާ ނިސްބަތްވާ ދިއްދޫ ދާއިރާގެ ބަޔަކު ފެބްރުއަރީ 8 ގައި ދިއްދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުންދީ އެތަން ބަންދުކުރި ކަމުގެ ތުހުމަތުކޮށް ޝަރީއަތަށް ހުށަހަޅާފައި ވަނީ ކަން ހިނގި ގޮތުގެ އެއްވެސް ތަހުގީގެއްގެ މައްޗަށް ބިނާނުކޮށް ކަމަށެވެ.

"އެ ދުވަހު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ބަންދުކޮށްފައި ވަނީ އެ ދުވަހުގެ ހާލަތަށް ބަލައި ދިއްދޫ ރައްޔިތުންގެ އިމާރާތަކަށް ވާތީވެ. ސައްތަ އިން ސައްތަ އެމްޑީޕީ މެމްބަރުން ހިމެނޭ ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި އަތޮޅު ކައުންސިލް ބައެއް މެމްބަރުން ފުލުހުންނާ ބައްދަލުކޮށް، އެތަނުގައި ތިބި ނަމަ، ހިނގާފާނެ ހަމަނުޖެހުމަކަށާއި އަދި ތަނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި، ފުލުހުންގެ ކިބައިން އެދުމުން އެ ބޭފުޅުން އަމިއްލަފުޅަށް ނިންމެވި ނިންމުމެއް ކަމަށްވާއިރު، ފުލުހުންގެ ތަހުގީގުން އެކަން އެހެން ގޮތަކަށް ބިނާކޮށްފައިވާ ނަމަ، އެކަމާ ނުހަނު ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައި ދެކެމެވެ،" ސަމީރުގެ ސިޓީގައިވެ އެވެ.

އޭނާ ވިދާޅުވީ ފެބްރުއަރީ 8 ގެ ކަންކަން ފުލުހުންގެ ތެރެއިން ތަހުގީގު ކުރަމުން ގެންދަނީ، ފެބްރުއަރީ 7 ގައި "ބަޣާވާތްކޮށްގެން" ސަރުކާރު ވައްޓާލުމުގައި ބައިވެރިވި ފުލުހުން ކަމެއް ނުވަތަ އެ ކަމުގައި ބައިވެރި ނުވާ ފުލުހުންކަން ދެނެގަންނަން ތަހުގީގެއް ހިންގާފައި ނެތް ކަމަށެވެ. އެހެންވެ ރައްޔިތުންގެ މައްޗަށް މޯލްޑިވްސް ޕޮލިސް އިން ތަހުގީގެއް ހިންގަނީ، ގާނޫނާ އެއްގޮތަށްތޯ ޕީޖީ ޔަގީން ކުރައްވާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ސަމީރުގެ ސިޓީގައިވެ އެވެ.

ޕީޖީ އޮފީސް ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ފުލުހުން ކަމަށް ވިޔަސް އަދި އެހެން ބަޔަކަށް ވިޔަސް އެއީ މިނިވަންކަމާ އެކު ހިންގާ ތަހުގީގެއްކަން ޔަގީންކުރުމުގެ ބާރު ޕީޖީ އަށް ލިބޭ ކަމަށެވެ.

"ޕްރޮސެކިއުޓަ ޖެނެރަލް މިއަދު އަޅުގަނޑަށް ޔަގީންކަން ދެއްވި ތިމަންނާ މި މައްސަލަތައް ބަލާއިރު މީގެ ތެރޭގައި އިންސާފުން ބޭރުން ކަމެއް ހިނގާފައިވާ ނަމަ، ތިމަންނަ ޖެހިލުމެއް ނުވާނަމޭ އެ މައްސަލަތައް އަނބުރާ ގެންނާކަށެއް. އެހެންވީމަ އަޅުގަނޑު ޔަގީން ކުރަން މުއިއްޒު އެކަންކަން ކުރައްވާނެ ކަމަށް އެ ގޮތުގެ މަތިން. އެއްގޮތަކަށް ވެސް އަޅުގަނޑު މި މައްސަލަ ހުށަހެޅީތީ ވަކި މައްސަލައެއް ވަކި ގޮތަކަށް ހިނގައިދާނެ ކަމަކަށް ނޫން އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑު މި ދަންނަވަނީ އިންސާފުވެރިކަމާ އެކުގައި، މިނިވަންކަމާ އެކުގައި ތަހުގީގެއް ނުހިންގޭ މައްސަލަތަކެއް ޝަރީއަތަށް ފޮނުއްވުމަކީ ޕްރޮސެކިއުޓަ ޖެނެރަލް ކުރައްވަން ވާނެ ކަމެއް ނޫނޭ. އެކަންކަން ޔަގީން ކުރަންވާ ވާނެއޭ،" ސަމީރު ވިދާޅުވި އެވެ.

16 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait