ދެން ޝަރީއަތް ބާއްވާ ދުވަހު ވަކީލަކު ހަމަޖެހުނަސް ނުވަތަ ނުޖެހުނަސް އިބްރާހިމް ޝަހުމްގެ ޝަރީއަތް ފައްޓަވާނެ ކަމަށް ބުރާސްފަތިދުވަހު ކްރިމިނަލް ކޯޓުގެ ގާޒީއަކު ވިދާޅުވެއްޖެ އެވެ.
ޖުލައި ،30 2010 ގައި މާޒިޔާ ދަނޑު ކައިރީގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީ ފްލާވާ މުހައްމަދު ހުސެއިން، ،17 މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރާ ޝަހުމަށް ވަކީލަކު ހަމަޖައްސަން ފުރުސަތު ދިންތާ މިހާރު އަށް މަސް ދުވަސް ވެއްޖެ އެވެ.
ބުރާސްފަތިދުވަހު އޮތް އަޑުއެހުމުގައި ވަކީލު ކޮބައިތޯ ގާޒީ ސުވާލުކުރެއްވުމުން ޝަހުމް ބުނީ ވަކީލަކު ހަމަޖެއްސޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށެވެ.
އެގޮތަށް ބުނުމުން ގާޒީ ވިދާޅުވީ ދެން އަޑުއެހުން އޮންނަ ދުވަހު ވަކީލަކު ހަމަނުޖެހުނަސް ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޝަހުމްގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މާއްދާގައި ވަނީ ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، އެ ކުށް ކުރި މީހާގެ އަދަބަކީ މެރުން ކަމަށެވެ. ނުވަތަ އުމުރަށް ޖަލަށް ލުމެވެ. ނުވަތަ އުމުރަށް އަރުވާލުމެވެ. އަދި އެ ކުށްކުރުމަށް އެހީތެރިވެދިން މީހާގެ އަދަބަކީ ވެސް އެއީ ކަމަށް އެ މާއްދާގައިވެ އެވެ.
މި ދައުވާގެ އިތުރުން އެހެން ދެ މީހަކު މަރާލި ދެ މައްސަލައެއްގައި ވެސް ޝަހުމްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

4 comments