ބިންހެލުމާއި އޭގެ ފަހުން އައި ލޮޅުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު ހުރިހާ އެލާޓްތަކެއް ވަނީ ކެންސަލްކޮށްފައި.
11-04-2012 19:30
ރާއްޖެ އަށް ސުނާމީގެ ނުރައްކަލެއް އޮތް ކަމަށް ނުބެލެވޭތީ މެޓުން އެލާޓް ކެންސަލްކޮށްފި
11-04-2012 19:28
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނާ ގޮތުގައި ބިންހެލުމާ ގުޅިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަނޑުގެ ލޮނުގަނޑު އެވްރެޖްކޮށް ހުރި މިންވަރު: މާލެ - 0.19 މީޓަރު، ސ. ގަން - 0.03 މީޓަރު، ހދ. ހަނިމާދޫ - 0.25 މީޓަރު
11-04-2012 18:14
މާލޭގެ ހުޅަނގުފަރާތާއި އުތުރުފަރާތު ފަޅުތެރޭގައި އަޅާފައި ހުރި ބޮޑެތި ބައެއް ދޯނި ފަހަރު ފަޅުން ނެރުމަށް ފަހު ބައެއް އެއްޗެހި އަނބުރާ ވައްދަމުން އެބަދޭ.
11-04-2012 18:07
އެހެން ގައުމުތަކާ ޚިލާފަށް ރާއްޖެ އަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއް ކަމަށް ވުމުން، ރައްކާތެރި ގޮތަކީ 7:30 އާ ހަމައަށް ބެލުން ކަމަށް ފެންނާތީ އެ ގޮތަށް އަމަލުކުރަން ނިންމާފައިވާ ކަމަށް މެޓުން ބުނެފި
11-04-2012 18:02
ރައީސް އޮފީހުގެ ބަޔާން: މިއަދު
މެންދުރުފަހު އިންޑޮނީޝިއާ ސަރަހައްދަށް އައި ބިންހެލުމާ ގުޅިގެން،
ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް ރާއްޖޭގެ މިޓިއޮރޮލޮޖިކަލް
ސެންޓަރުން ލިބިފައިވާތީ، މިކަން ބެއްލެވުމުގެ މަސައްކަތް
ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން، ވަޒީރުން ކުރައްވަމުން
އެބަގެންދަވައެވެ.
ރައީސުލްޖުމްހޫރިއްޔާ، މިއަދު މެންދުރުފަހު ވަޒީރުންގެ މަޖިލިސް
އެއްކުރައްވައި، މިފަދަ ހާލަތުތަކާ ގުޅިގެން، ނޭޝަނަލް ޑިޒާސްޓަ
މެނޭޖްމަންޓް ސެންޓަރުންނާއ ނޭޝަނަލް މިޓިއޮރޮލޮޖިކަލް ސެންޓަރުން
ކަންތައްތައް ގެންދެވުމަށް ކަނޑައަޅުއްވާފައިވާ އުސޫލުތައް
ތަންފީޒުވަމުންދާ މިންވަރު ބައްލަވައި، އެކި ފަރާތްތަކަށް ސައްހަ
މައުލޫމާތު ހިއްސާ ކުރެއްވުމުގެ ކަންތައް ހިނގަމުންދާ ގޮތް
އޮޅުންފިލުއްވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މެދުނުކެނޑި
މައުލޫމާތު އެއްކުރައްވަމުންވެސް އެބަގެންދަވައެވެ.
ބިންހެލުމުގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް
ކުރިނަމަވެސް، އެއްވެސް ފަރާތަކަށް އަދި ތަކެއްޗަށް ގެއްލުމެއް
ލިބިފައެއްނުވެއެވެ.
މަޑުކޮށްލައްވާ...
11-04-2012 18:00
ލަންކާ އިން ސުނާމީ ވޮޗް އެލާޓް ކެންސަލްކޮށްފި
11-04-2012 17:55
ލޮޅުންތަކާ ގުޅިގެން ބައެއް ރަށްރަށް ކައިރީގައި އޮއިވަރަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މެޓުން ބުނެފި
11-04-2012 17:55
މެޓުން ބުނީ ރާއްޖެ އަށް އަދިވެސް 7:30 އާ ހަމައަށް އެލާޓް އެބައޮތް ކަމަށް.
11-04-2012 17:53
ކ. އަތޮޅުގައި އޮންނަ އަނަންތާރާ ދިގުރަށް ރިސޯޓުގައި ތިބި ހުރިހާ ޓޫރިސްޓުންނާއި މުވައްޒަފުން ކަނޑުމަތީގައި. އެ މީހުން ތިބީ 18 ދޯންޏަށް އަރާ، ރިސޯޓުގެ ފަޅުން ބޭރުގައި.
11-04-2012 17:51
ބިންހެލުމާއި އޭގެ ފަހުން އައި ލޮޅުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު ހުރިހާ އެލާޓްތަކެއް
ކެންސަލްކޮށްފި
11-04-2012 17:32
ބައެއް ރަށްރަށް ކައިރިން ލޮނުގަނޑު ބޮޑުވާ ކަމުގެ ރިޕޯޓްތައް ހަވީރަށް ލިބެމުންދޭ. ނަމަވެސް މެޓުން ބުނީ އެއްވެސް ރަށެއްގައި ލޮނުގަނޑު އުސްވި ކަމެއްގެ ރިޕޯޓެއް މިހާތަނަށް އަދި އެތަނަށް ލިބިފައިނުވާ ކަމަށާއި އޯޝަންވައިޑް ސުނާމީއެއް އެފެދުނު ކަމުގެ ރިޕޯޓެއް ވެސް ލިބިފައިނުވާ ކަމަށް. ނަމަވެސް ލޮޅުންތަކާ ގުޅިގެން، 7:30 އާ ހަމައަށް ބަލަމުންދާނެ ކަމަށް އެ ތަނުން ބުނި.
11-04-2012 17:24
އިބްރާހީމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އޮތީ ތައްޔާރީ ހާލަތުގައި ކަމަށް ޖީއެމްއާރުން ބުނެފި. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މަތިންދާބޯޓުތައް ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް. އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ފާލަމާ ދުރަށް ގެންގޮސް ތޮށިގަނޑުން ބޭރުގައި އެޅުމަށް އަންގާފައިވާ ކަމަށް ޖީއެމްއާރުން ބުނޭ.
11-04-2012 17:20
ބިންހެލުން އައި ސަރަހައްދަށް ދޭތެރެދޭތެރެ އިން ލޮޅުންތައް އަންނަމުން ދޭ
11-04-2012 17:15
މިހާރު ސުނާމީ އަތުވެދާނެ ކަމުގެ ބިރު އޮތް ގައުމުތަކަކީ އިންޑޮނީޝިއާ، އިންޑިއާ، ސްރީ ލަންކާ އަދި ދިވެހިރާއްޖެ ކަމަށާއި އެހެން ގައުމުތަކަށް ދޫކުރި އެލާޓް އަނބުރާ ގެންގޮސްފައިވާ ކަމަށް ޕެސިފިކް ސުނާމީ ސެންޓަރުން ބުނެފި
11-04-2012 17:09
ބިންހެލުން އައި ހިސާބަށް 5.4 ގެ ލޮޅުމެއް އަތުވެއްޖެ
11-04-2012 17:08
އިންޑޮނީޝިއާ އަށް ދެ ފުޓޫ ބައިގެ ސުނާމީއެއް އަތުވެއްޖެ
11-04-2012 17:03
ރާއްޖެ އަށް ސުނާމީ އެލާޓްގެ ވަގުތު މިރޭ 7:30 އަށް އިތުރުކޮށްފި ކަމަށް މެޓް އޮފީހުން ބުނެފި.
11-04-2012 17:00
ކެބިނެޓްގެ ނުރަސްމީ ބައްދަލުވުމެއް ރައީސް އޮފީހުގައި ކުރިއަށް އެބަގެންދޭ. ރައީސް އޮފީހުން ބުނީ ފުލުހުންނާއި ސިފައިން އެލާޓްގައި ތިބުމުން މައުލޫމާތު އެއްކުރުމުގެ މަަސައްކަތްކުރަމުން ދަނީ ކަމަށް.
11-04-2012 16:51
ތައިލެންޑަށް ހަތަރު އިންޗީގެ ސުނާމީއެއް އަތުވެއްޖެ
11-04-2012 16:47
ޓޫރިޒަމް މިނިސްޓްރީގެ ޑިޒާސްޓަ މެނޭޖްމެންޓް ޕޮލިސީ އަށް 2:15 އިން ފެށިގެން އަމަލުކުރަމުން އަންނަ ކަމަށާއި ހުރިހާ ޓޫރިސްޓުން ރިސޯޓްގައި ތިބުމަށް އަންގައި ޓޫރިސްޓުންގެ އަދަދު ބެލުމަށް ގުނާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ.
11-04-2012 16:40
ވީޑިއޯ: ބިންހެލުމާއި ސުނާމީ އިންޒާރާ ގުޅިގެން މާލެ ތެރެ
11-04-2012 16:11
ހުޅުމާލެ އަށް ލޮޅުން އިހުސާސްކުރެވޭ ކަމަށް އެ ތަނުގައި ތިބި ބައެއް މީހުން ބުނޭ.
11-04-2012 16:08
ޔޫއެސް ޖިއޮލޮޖިކަލް ސާވޭގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނާގޮތުގައި ބިންހެލުމުގައި ބިމުގެ ޕްލޭޓަށް އަސަރުކޮށްފައިވަނީ މަތިން ތިރިއަކަށް ނޫން، ހުރަހަށް. އަދި އެހެންކަމުން ނުރައްކާތެރި ސުނާމީއެއްގެ ބިރެއް ނެތް ކަމަށް އެ އޮފިޝަލް ވިދާޅުވި.
11-04-2012 16:03
ރާއްޖޭގެ މެޓް އޮފީހުގެ އަލީ ޝަރީފް ވިދާޅުވީ ބިންހެލުމާ ވިދިގެން އިންޑޮނީޝިއާ ސަރަހައްދަށް ބޮޑު ލޮޅުމެއް 8.2 ގެ ބާރުމިނުގައި އައި ކަމަށާއި އެހެންކަމުން ރާއްޖެ އަށް ދީފައިވާ ސަމާލުވުމުގެ ވަގުތު 5:30 އަށް ދިގުކޮށްފައިވާ ކަމަށް.
11-04-2012 15:59
ކުރިން 2004 ގެ ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ތ. ވިލުފުށީ އަދިވެސް ތިބީ މިސްކިތުގައި
11-04-2012 15:54
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނިގޮތުގައި އިންޑޮނީޝިއާ ކައިރީގައި އުފެދިފައިވަނީ 14 އިންޗީގެ ސުނާމީއެއް. ނަމަވެސް ސްރީ ލަންކާއާ ހަމައަށް އަންނަ އިރު ގާތްގަނޑަކަށް ތިން ފޫޓުގެ ސުނާމީއަކަށް ވުން އެކަށީގެންވާ ކަމަށާއި ނަމަވެސް ބޮޑު ސުނާމީއެއް އަތުވެދާނެ ކަމަށް ނުބެލެވޭ ކަމަށް އެ އޮފިޝަލާ ހަވާލާދީ އޭއެފްޕީން ބުނޭ.
11-04-2012 15:49
އިންޑިއާ އަށް ސުނާމީއެއް ނާންނާނެ ކަން ގާތްގަނޑަކަށް ޔަގީން ވެއްޖެ ކަމަށް އެ ގައުމުން ބުނެފި. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުން ރަނގަޅު ކަމަށް އެ ގައުމުން ބުނޭ،
11-04-2012 15:48
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނަނީ ލަފާކޮށްފައިވާ ވަގުތަށް ވުރެ ދެ ގަޑި އިރު ފާއިތުވެއްޖެ ނަމަ ސުނާމީއެއް ނާންނާނެ ކަމަށް ބަލަންވީ ކަމަށް.
11-04-2012 15:47
ކަނޑުގެ ލޮނުގަނޑު ހުރި މިންވަރަށް ބަލާއިރު ސުނާމީއެއް އުފެދިއްޖެ ކަމަށް ދައްކާ ކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފި. އެ ސެންޓަރުން ބުނާގޮތުގައި ބައެއް ހިސާބުތަކަށް މިހާރު ގެއްލުންތައް ކުރިމަތިވެފައިވުން އެކަށީގެންވޭ.
11-04-2012 15:45
އިންޑޮނީޝިއާގައި 6.7 އިންޗިއަށް ލޮނުގަނޑު އުފުލިއްޖެ، އެކަމަކު އެއީ ސުނާމީއެއް ކަމަށް ބެލެވޭ މިންވަރެއް ނޫން: އިންޑޮނީޝިއާގެ ސުނާމީ ސެންޓަރު
11-04-2012 15:37
ހުޅުމާލެ އާއި ވިލިމާލޭ ފެރީގެ ޚިދުމަތްތައް 4:45 ގައި މެދުކަނޑާލާނެ ކަމަށް އެމްޓީސީސީން ބުނެފި. އެއީ ރާއްޖެ އަށް ސުނާމީ އަތުވެދާނެ ކަމަށް ލަފާކޮށްފައިވާ ވަގުތު.
11-04-2012 15:32
މާލޭ ވިޔަފާރި ބަނދަރު ބަންދުކޮށްފި
11-04-2012 15:19
އައްޑޫގައި ގޭގެ އިން މީހުން ނުކުތުމަށާއި ބަނދަރުތަކުގައި ހުރި އުޅަނދުތައް ބޭރުކުރުމަށް އެމްއެންޑީއެފުން މެގަފޯނުން އިލްތިމާސްކުރަމުން އެބަގެންދޭ. ސްކޫލްތަކުން ދަރިވަރުން ވަނީ ގެއަށް ފޮނުވާލާފައި.
11-04-2012 15:14
ބިންހެލުމުގެ ބާރުމިން 8.6 އަށް ދަށްކޮށްފި: އޭއެފްޕީ
11-04-2012 15:13
ފުލުހުންގެ އިލްތިމާސް، ޓްވިޓާގައި
11-04-2012 15:12
ބިންހެލުމާ ގުޅިގެން މިހާތަނަށް އިންޑޮނީޝިއާ އަށް ސުނާމީއެއް އައިސްފައިނުވާ ކަމަށް އެ ގައުމުގެ ރައީސްއާ ހަވާލާދީ އޭއެފްޕީން ބުނެފި.
11-04-2012 15:04
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން
ބުނާގޮތުގައި ރާއްޖެ އަށް ސުނާމީ އަރާނަމަ އަރާނެ ކަމަށް ލަފާކުރެވެނީ ސ. ގަމަށް 4:44 ގައި އަދި މާލެ އަށް 4:49 ގައި.
11-04-2012 14:55
ދިރާގާއި ވަތަނިއްޔާ އިން ބުނީ ފޯނުން ގުޅުމަށް މައްސަލަތައް ދިމާވަމުން ދަނީ ގިނަ ބަޔަކު އެއްފަހަރާ ނެޓްވޯކް ބޭނުންކުރުމުގެ ސަބަބުން ޓްރެފިކް ހައިވުމުން ކަމަށް. އަދި މި މައްސަލަ މިހާތަނަށް ފާހަގަކުރެވިފައި ވަނީ ހަމައެކަނި މޮބައިލް ނެޓްވޯކްގައި ކަމަށް ދިރާގުން ބުނި.
11-04-2012 14:54
އެމްއެންޑީއެފްގެ އިލްތިމާސް، ޓްވިޓާގައި.
11-04-2012 14:54
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ސިފައިންގެ ހުރިހާ މަރުކަޒުތަކެއް މިހާރު ވަނީ ފުލް އެލާޓްގައި ކަމަށާއި ފޯން ލައިންތައް ކެނޑުނު ނަމަވެސް ސެޓެލައިޓް ފޯން މެދުވެރިކޮށް ރައްޔިތުންނަށް މެސެޖުތައް ދެމުން ގެންދާނެ ކަމަށް.
11-04-2012 14:52
އެމްއެންޑީއެފް އޮތީ ތައްޔާރީ ހާލަތުގައި ކަމަށް ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވެއްޖެ
11-04-2012 14:47
ޑިޒާސްޓާ މެނެޖްމެންޓް ސެންޓަރުން ބުނީ ރާއްޖޭގެ ހުރިހާ ރަށެއް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައި ކަމަށް. އަދި އެ ސެންޓަރުން ރަށްރަށަށް ގުޅާފައި ހާލު ބަލަމުން އަންނަ ކަމަސް އެ ތަނުން ބުނި.
11-04-2012 14:46
ސްރީ ލަންކާ އަށް ސުނާމީ އަށް އަރާނަމަ އަރާނެ ކަމަށް ލަފާކުރެވެނީ އެ ގައުމުގެ ގަޑިން 3:40 ގައި ކަމަށް ލަންކާ އިން ބުނެފި. އެއީ ރާއްޖެ ގަޑިން 3:10
11-04-2012 14:41
މާލޭގެ ހުރިހާ ސްކޫލްތަކުން ކުދިން ގެއަށް ފޮނުވާލައިފި
11-04-2012 14:31
ލަންކާގައި ވެސް ވަނީ ސުނާމީ އިންޒާރު ދީފައި
11-04-2012 14:28
ދެކުނު އިންޑިއާގެ އަންދްރަޕްރަދޭޝް އާއި ޓެމިލް ނާޑޫ ސަރަހައްދަށް ވަނީ ސުނާމީ އަށް ސަމާލުވާން އަންގާފައި.
11-04-2012 14:21
މާލޭގެ ސްކޫލްތަކުން ދަނީ ދަރިވަރުން ނެރެމުން
11-04-2012 14:17
އިންޑިއާ އިން އެންޑަމަން އެންޑް ނިކޮބާ އައިލެންޑްސް އަށް ސުނާމީ އިންޒާރު ދީފި
11-04-2012 14:16
ފޯނުތަކަށް ނުގުޅޭ މައްސަލަ ދިމާވަމުން އެބަދޭ
11-04-2012 14:13
މާލޭގެ ބޮޑެތި ބައެއް އިމާރާތްތަކުން މީހުން ވަނީ ނުކުމެފައި
11-04-2012 14:12
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ ރާއްޖޭ ގަޑިން މެންދުރު ފަހު 1:39 ގައި ސުމަޓްރާގެ ހުޅަނގު އުތުރު އައްސޭރި ފަށަށް އައިން ބިންހެލުމުގެ ބާރުމިނަކީ 8.7 މެގްނިޓިއުޑް ކަމަށެވެ. އަދި މިއީ އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދަކަށް ނުރައްކާ ވެދާނެ ވަރުގެ ސުނާމީއެއް އުފެދިދާނެ ފަދަ ބިންހެލުމަކަށް ވާތީ ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ނަމަވެސް ސުނާމީއެއް އުފެދުނު ކަމުގެ އެއްވެސް އަލާމާތެއް އަދި ނެތް ކަމަށް ބުނެފައިވެ އެވެ.
އެ ސެންޓަރުން ވަނީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، އޮސްޓްރޭލިއާ، މިއަންމާ، ތައިލެންޑް، އިނގިރޭސި ވިލާތް، މެލޭޝިއާ، މޮރިޝަސް، ރިޔުނިއަން، ސީޝެލްސް، ޕާކިސްތާން، ސޯމާލިއާ، އޯމާން، މަޑަގަސްކަ، އީރާން، ޔޫއޭއީ، ޔަމަން، ކޮމޯރޯސް، ބަންގްލާދޭޝް، ޓެންޒޭނިއާ، މޮޒެމްބީކް، ކެންޔާ، ކްރޮޒެޓް އައިލެންޑް، ކެރްގުއެލެން އައިލެންޑްސް، ސައުތު އެފްރިކާ، ސިންގަޕޫރު އަދި އިންޑޮނީޝިއާ އިން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
11-04-2012 14:09
ސުނާމީ އުފެދުނަސް، ރާއްޖެއާ ހަމައަށް އަންނަން 2 ގަޑިއިރާ ބައި ނަގާނެ: މެޓް
11-04-2012 14:08
ސުނާމީއެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި ރާއްޖެ އަށް ވެސް ސުނާމީ އައިސްދާނެ ކަމަށް ބަލަން ޖެހޭނެ ކަމަށް ޓީވީއެމްގައި މެޓުން ބުނެފި
11-04-2012 14:07
ހަވީރުގެ އޮފީހަށް ވެސް ލޮޅުން އިހުސާސްކުރެވޭ. ބައެއް އޮފީސްތަކަަށް ލޮޅުން އިހުސާސްކުރެވޭތީ އޮފީސްތަކުން ބޭރަށް މީހުން ނުކުމެއްޖެ.
11-04-2012 14:06
މި ބިންހެލުމުގެ ލޮޅުންތައް ރާއްޖޭގައި ވެސް އިހުސާސްކުރެވޭ ކަމަށް ބެލެވޭ. ބައެއް މީހުން ދަނީ ލޮޅުން އިހުސާސްކުރެވޭ ކަމަށް ބުނަމުން.
11-04-2012 14:05
އިންޑޮނީޝިއާގެ ސުމަޓްރާ ކައިރި އަށް 8.9 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ.
މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދުނު ކަމުގެ އެއްވެސް ނިޝާނެއް
މިހާތަނަށް ފެނިފައެއް ނުވޭ. ނަމަވެސް މިއީ ސުނާމީއެއް އުފެދިދާނެ
މިންވަރުގެ ބިންހެލުމެއް ކަމުން މި ސަރަހައްދުގެ ގައުމުތަކުން ސަމާލުވުމަށް
ވަނީ އެލާޓް ނެރެފައި. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ.
ރާއްޖޭގެ މީޓިއޮރޮލޮޖީން ބުނީ މިކަން ބަލަމުންދާ ކަމަށް.
50 comments