ބިންހެލުން

ވިލުފުށީ ހުރިހާ ރައްޔިތުން މިސްކިތުގައި

ފަޒީނާ އަހުމަދު
11 އެޕްރީލް 2012 17:18 17 ކޮމެންޓު
  • ވިލުފުށީ ރައްޔިތުން މިސްކިތް ތެރޭގައި: މިއަދުގެ ބިން ހެލުމާ އެކު 2004ގެ ހަނދާންތައް އާވި --ފޮޓޯ: މުއާވިޔަތު މުހައްމަދު

  • ވިލުފުށީ ރައްޔިތުން މިސްކިތް ތެރޭގައި: މިއަދުގެ ބިން ހެލުމާ އެކު 2004ގެ ހަނދާންތައް އާވި --ފޮޓޯ: މުއާވިޔަތު މުހައްމަދު

  • ވިލުފުށީ ރައްޔިތުން މިސްކިތް ތެރޭގައި: މިއަދުގެ ބިން ހެލުމާ އެކު 2004ގެ ހަނދާންތައް އާވި --ފޮޓޯ: މުއާވިޔަތު މުހައްމަދު

އިންޑޮނީޝިއާގެ ސްމަޓްރާ އަށް މިއަދު މެންދުރު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރާއްޖެ އަށް ވެސް ސުނާމީގެ އިންޒާރު ނެރުމާ އެކު އެންމެ ބޮޑު ސިހުމެއް ލިބުނު އެއް ބަޔަކީ ތ. ވިލުފުށީ ރައްޔިތުންނެވެ.

މީގެ އަށް އަހަރު ކުރިން، 2004 ގައި ކުރިމަތިވި ސުނާމީގެ ބިރުވެރިކަން އެންމެ ގާތުން ފެނި، އެންމެ ބޮޑަށް ހަލާކުވި ވިލުފުށީ ރައްޔިތުންނަށް އެ ދުވަހުގެ ހަނދާންތައް މިއަދު އާވި އެވެ.

"ސުނާމީގެ އިންޒާރު ލިބުމާ އެކު އެންމެންގެ މޫނުމަތިން ފެނުނީ މާޔޫސްކަން. ބައެއް މީހުން ތިބީ ގޮތްހުސްވެ ހުއްޓިފައި، އަނެއް ބައި މީހުން ލޮލުން ކަރުނަ ފައިބައިގަތީ. ދެހާސް ހަތަރެއްގެ ގެ ބިރުވެރިކަން ކޮންމެ މީހަކަށް ވެސް ސިފަވެގެން ދިޔައީ،" އެ ރަށުގެ މުހައްމަދު މުއާވިޔަތު ބުންޏެވެ.

ކައުންސިލްގެ މެމްބަރު ހުސެއިން އަބްދުއް ސަލާމް ވިދާޅުވީ ސުނާމީގެ އިންޒާރާ އެކު، އެ ރަށުގެ 21 މީހުން މަރުވެ ރަށް މުޅިން ވީރާނާވެގެން ދިޔަ ހިތާމައިގެ ހަނދާންތައް އަނެއްކާވެސް މިއަދު އާވި ކަމަށެވެ.

ސުނާމީ އިންޒާރުގެ ހަބަރު ލިބުނުތާ ފަސް މިނެޓެއްހާއިރު ތެރޭގައި އެ ރަށުގެ ގިނަ ބަޔަކު އެއްވީ ކައުންސިލް އިދާރާ ކައިރިއަށެވެ. ކައުންސިލްގައި ކުއްލި ބައްދަލުވުމެއް ބާއްވައި އެންމެ ރައްކާތެރި ތަނެއްގެ ގޮތުގައި އެންމެން ވެސް އެއްބަސްވީ މިސްކިތެވެ.

"ކުދި ބޮޑު އެންމެން ޖަމާވީ މިސްކިތަށް، ކުޑަކުދިންނާއި ކޮންމެހެން ބޭނުންވާ ޒަރޫރީ ސާމާނު ހިފައިގެން އެތަނަށް ޖަމާވީ، އެންމެ ރައްކާތެރި ތަނަކީ މިސްކިތް ކަމުގައި ފެންނާތީ. އަސްރު ނަމާދު ވެސް ކުރީ މިސްކިތުގައި،" ސަލާމް ވިދާޅުވި އެވެ. "މިސްކިތް ހުންނާނީ ރަށުގެ ފަސްގަނޑަށް ވުރެ ތިން ފޫޓެއްހާ އުސްކޮށް."

މިސްކިތުގައި ރައްޔިތުން ދުއާކޮށް، އެކަކު އަނެއްކަކަށް ހިތްވަރުދެމުން ގެންދިޔަ އެވެ.

ކައުންސިލަރު ވިދާޅުވި ގޮތުގައި ސުނާމީ ހަބަރާ އެކު އެއް ބަޔަކު ހުއްޓިފައި ތިބި އިރު ރަށުގެ ޒުވާނުންގެ ފަރާތުން ފެނުނީ ކުރީގެ ތަޖުރިބާ އިން ނަމޫނާއެކެވެ. ވަގުތުން ވަގުތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޓާސްކު ފޯހެއް އެކުލަވާލި އެވެ. ރަށުގެ ހުރިހާ ގެތައް ތަޅުލައި، އެންމެން މިސްކިތަށް ޖަމާކޮށް، ރަށުތެރެ އާއި އަތިރިމަތި މޮނިޓާކުރުމަށް ވެސް ވަކި ބަޔަކު ހަމަޖެއްސި އެވެ.

"އަތިރިމަތިން ރާޅުގެ އަސަރު ފެނޭތޯ ބެލުމަށް ވެސް ވަކި ބަޔަކު ހަމަޖައްސާފައި، ރަށު ތެރެއަށް ވެސް ބަޔަކު ނެރެފައި ތިބޭނީ،" ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލުން ބުނިގޮތުގައި ސުނާމީއެއް ނާރާނެ ކަން ނުވަތަ ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަންދެން ރައްޔިތުން ތިބޭނީ މިސްކިތުގަ އެވެ.

އޭނާ ވިދާޅުވީ ރަށުގެ ވަކިވަކި ފަރުދުންނަށް ލިބޭ މައުލޫމާތުތައް ވެސް ގަބޫލުނުކުރުމަށް ކައުންސިލުން ވަނީ އަންގާފައި ކަމަށެވެ. އެއީ ރައްޔިތުން ހާސްވެ ކަންބޮޑުވިޔަ ނުދިނުމަށް ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން ލިބޭ މައުލޫމާތުތައް ރައްޔިތުންނަށް ހާމަކޮށްދެމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait