އެމްޑީޕީ

ރައީސާ ދެކޮޅަށް ތިމަރަފުށީގައި މުޒަހަރާ ނުކުރަން ނިންމައިފި

ތ. ތިމަރަފުށިން ހުސައިން ފިޔާޒު މޫސާ
13 އެޕްރީލް 2012 08:28 30 ކޮމެންޓު
  • މާދަމާ ބާއްވާ ތިމަރަފުށި ދާއިރާގެ މަޖިލިސް ބައި އިލެކްޝަނަށް ތިމަރަފުށީގައި ކެމްޕެއިންކުރަން ތައްޔާރުކުރަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • މާދަމާ ބާއްވާ ތިމަރަފުށި ދާއިރާގެ މަޖިލިސް ބައި އިލެކްޝަނަށް ތ. ގާދިއްފުށި ތައްޔާރުކޮށްފައި.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • މާދަމާ ބާއްވާ ތިމަރަފުށި ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގެ ކެމްޕެއިނަށް ތ. ގުރައިދޫ ތައްޔާރުކޮށްފައި.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • މާދަމާ ބާއްވާ ތިމަރަފުށި ދާއިރާގެ މަޖިލިސް ބައި އިލެކްޝަނަށް ތިމަރަފުއްޓަށް އިލެކްޝަންސް އޮފިޝަލުން ގޮސް.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • މާދަމާ ބާއްވާ ތިމަރަފުށި ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގެ ކެމްޕެއިނަށް ތ. ގާދިއްފުށި ތައްޔާރުކޮށްފައި.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާގެ ސަޕޯޓަރުންތަކެއް ހައްޔަރުކޮށްފާނެތީވެ، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާ ދެކޮޅަށް މިރަށުގައި މިއަދު މުޒާހަރާ ނުކުރާ ގޮތަށް ނިންމާފައިވާ ކަމުގައި މުސްތަފާ ވިދާޅުވެއްޖެ އެވެ.

މި ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ މެމްބަރު ވިދާޅުވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރުން ކުރިން ނިންމާފައި އޮތީ ރައީސް ވަހީދު މިރަށަށް އަރާވަޑައިގަތަ ނުދިނުމަށް "ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް" ކަމަށެވެ. އަދި ރައީސް ވަހީދާ ދެކޮޅަށް މުޒާހަރާކުރުމަށް ވެސް ނިންމާފައި އޮތް ކަމަށް މުސްތަފާ ވިދާޅުވި އެވެ. މުޒާހަރާ ކެންސަލްކުރީ އިންތިހާބު ކުރިމަތީގައި އޮއްވައި އޭނާގެ ސަޕޯޓަރުންތަކެއް ހައްޔަރުކުރިޔަ ނުދިނުމަށް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"މުޒާހަރާ ނުކުރާ ގޮތަށް ނިންމީ އަޅުގަނޑު މިކޮޅަށް އައިސް މެމްބަރުންނާ ވާހަކަ ދައްކައިގެން. އެއީ އަޅުގަނޑަށް ލިބިދާނެ ވޯޓެއް ގެއްލިގެން ނުދިއުމަށް. ކުރީ ރެޔަކު ވެސް އެމްޑީޕީގެ މެމްބަރުންތަކެއް ހައްޔަރުކުރި. އެ މީހުން [ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުން] ބޭނުންވާނެ އަޅުގަނޑަށް ލިބޭ ވޯޓު މަދުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް. އެ ފުރުސަތު ނުދޭނަން،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރަށުގެ ބައި އިލެކްޝަން މާދަމާ ބާއްވާ އިރު "އެއާޕޯޓުގެ މަސައްކަތް ފެއްޓެވުމަށްޓަކައި [ރައީސް ވަހީދު] މިއަދު ވަޑައިގަންނަވަނީ ހައިޖާނު އުފެއްދުމަށް" ކަމަށެވެ. އަދި ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް މުސްތަފާ ތުހުމަތުކުރެއްވި އެވެ.

"ޑރ. ވަހީދަކީ އެ ޕާޓީގެ [ޕީޕީއެމް] ގެ ބޭފުޅެއް ވެސް ނޫން. ދެން ކީއްކުރައްވަންތޯ ކެމްޕޭނުގެ އެންމެ ފަހު ވަގުތު މިރަށަށް އެ ވަޑައިގަންނަވަނީ. އެއީ ނުފޫޒު ފޯރުވުމަށް. ހައިޖާނު އުފެއްދުމަށް،" މުސްތަފާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ރައީސް ވަހީދު ތ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވީ ރަސްމީ ދަތުރުފުޅެއްގައި ކަމަށާއި ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ސިޔާސީ ކެމްޕޭނުތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ މައްސަލައެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވާ ކަމަށެވެ.

"ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީއަކަށް [ރައީސް ވަހީދު] ކެމްޕޭނު ކޮށްދެއްވުމަކީ މައްސައެއް ނޫން،" އައްބާސް ވިދާޅުވި އެވެ.

އެއްވެސް ރަށެއްގައި ހައިޖާނު އުފެއްދުމަށް ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ މައްސަލަތައް ހޫނުކުރުމަށްޓަކައި ޕީޕީއެމް އިން މަސައްކަތްކުރާ ކަމަށާއި އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން ޖަލްސާ ބޭއްވުމަށް އެ ޕާޓީން ހުރަސް އެޅި ކަމަށެވެ.

"އެ މީހުން ކައިރީ އަޅުގަނޑުމެން އެދުނިން ހުރަސް ނޭޅުމަށް. އެކަމަކު އެ މީހުން އެކަމެއް ނުހުއްޓި. އަޑެއް މަޑެއް ނުކުރި. އެންމެ ފަހުން މަސްލަހަތަށްޓަކައި އަޅުގަނޑުމެންގެ ޖަލްސާ އެހެން ސަރަހައްދަކަށް ބަދަލުކުރީ،" މުސްތަފާ ވިދާޅުވި އެވެ.

މިރަށުގެ ބަނދަރު މަތީގައި ހުންނަ މުސްތަފާގެ ކެމްޕޭނު ޖަގަހަ އާއި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ޝަރީފުގެ ކެމްޕޭނު ޖަގަހައިގެ ދުރުމިނުގައި ހުންނަނީ ސަތޭކަ ވަރަކަށް ފޫޓެވެ.

ރައީސް ވަހީދު ތ. އަތޮޅަށް ވަޑައިގެންނެވީ އިއްޔެ އެވެ. އިއްޔެ ގުރައިދު އަށް ވަޑައިގެން އެރަށުގައި ރޭ ޖަލްސާއެއް ބޭއްވެވި އެވެ. އެ މަނިކުފާނު މިއަދު ގާދިއްފުއްޓާއި ތިމަރަފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖައްސަވައިފަ އެވެ.

މި އަހަރުގެ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވި ފަހުން، ރައީސް ވަހީދާ ދެކޮޅަށް މާލޭގައި ދަނީ މުޒާހަރާކުރަމުންނެވެ. އަދި ރައީސް ވަޑައިގަންނަވާ ބައެއް ރަށްރަށުގައި އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނާ ދޮޅަށް މުޒާހަރާކުރެ އެވެ.

30 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait