އެމްޑީޕީގެ ފަސް ކައުންސިލަރުން ތިބި ތިމަރަފުށީ ކައުންސިލްގެ ރައީސް ޖައުފަރު ރަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރިޔަސް އޭނާ މަގާމުން އިސްތިއުފާ ނުދެއްވި ކަމަށް އެ ކައުންސިލްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ތިމަރަފުށީ ކައުންސިލްގެ މެމްބަރަކު އަދި ކުރީގެ ނައިބު ރައީސް އަހްމަދު ބުންޔާމީން ވިދާޅުވީ އެ ކައުންސިލްގެ ރައީސް ޖައުފަރުގެ އިތުބާރު ނެތް ކަމަށް މިދިޔަ ހަފުތާގައި ފާސްކުރި ނަމަ، އޭނާ އަދިވެސް އިސްތިއުފާ ނުދެއްވާ ކަމަށެވެ.
"ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތުން އިތުބާރު ނެތް ކަމަށް ފާސްކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭ. އެކަމަކު ޖައުފަރު އަދި އިސްތިއުފާ ނުދެއްވާ،" ބުންޔާމީން ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ 121 ވަނަ މާއްދާގައި ބުނެފައިވަނީ ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ކައުންސިލްގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ އެ މީހަކު މަގާމުން އިސްތިއުފާދޭންވާނެ ކަމަށެވެ.
ޖައުރަފުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ އޭނާ މަގާމުގެ ޒިންމާ ފުރިހަމަ އަށް އަދާކުރައްވާ ކަމަށް ކައުންސިލްގެ މެމްބަރުންނަށް ގަބޫލުނުކުރެއްވޭތީ ކަމަށް ބުންޔާމީން ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ޖައުފަރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

3 comments