މިހާރުގެ ސަރުކާރުގެ އެއް މިނިސްޓްރީ ހުސްކޮށް އޮތް ނަމަވެސް އެއްވެސް މިނިސްޓްރީއަކާ ހަވާލުވެ ވަޑައިގަތުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް ކަމުގެ މަގާމުން ދުރުކޮށްފައިވާ ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުހަންމަދު ވަހީދުއްދީން (ޑީން) ގެ ދައުވަތަކަށް އެ މަނިކުފާނާ ބަނޑޮހުގައި ބައްދަލު ކުރެއްވުމަށް ފަހު މާލެ ވަޑައިގެން މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ ކެބިނެޓަށް ވަޑައިގަތުމަށް މިހާރުގެ ސަރުކާރުން މީގެ ކުރިން ވެސް ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމަކު އެ ފުރުސަތު ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ]ކެބިނެޓުގެ މަގާމެއް[ ގަބޫލުކުރާކަށް ގަސްދެއް ވެސް ނުކުރަން. އެފަދަ އިތުރު ވާހަކަތަކެއް ]ސަރުކާރުގެ އިސް ބޭފުޅުންނާ[ ދެކެވެމުންނެއް ނުދޭ،" ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. ޑީޑީ ވިދާޅުވި އެވެ.
ނާއިބު ރައީސް ދިރިއުޅުއްވާ ބަނޑޮހުގައި ބޭއްވެވި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ގަވަމަންޓުގެ ނިޒާމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި މިހާރުގެ ސަރުކާރުން ގެންގުޅޭ ޕްލޭނާ ބެހޭ ގޮތުން ކަމަށެވެ.
ޑރ. ޑީޑީ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ޑީންގެ ވަރަށް ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށެވެ. އަދި ކުށްވެރިން މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ނަޝީދުގެ ސަރުކާރުން ގެންގުޅުނު ދެވަނަ ފުރުސަތުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ނުގެންދެވުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ޑީން އަށް ދެންނެވި ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
"މާނަ އަކީ މުޖުތަމައަށް އަލުން އަނބުރާ ކުދިން ގެންނަ އިރުގައި، އެ ކުދިންގެ ދިރިއުޅުން އަލުން ބައްޓަން ކުރެވޭނެ ގޮތެއް، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް، ވަޒީފާތަކަށް އަހުލުވެރިކޮށް، ވަޒީފާތައް ތަނަވަސް ކުރެވޭނެ އިންތިޒާމެއް ނެތި އެ ކުދިން އެހެން ދޫކޮށްލުމުން އޭގެ އެންމެ ރަނގަޅު ނަތީޖާ ފެނިގެން ނުދާކަން. އެހެންވީމަ ވަށާ ޖެހޭ ޕްރޮގްރާމެއް ހިންގިގެން މެނުވީ އެފަދަ ކުދިންނަށް އެކަށީގެންވާ ރަނގަޅު ދިރިއުޅުމެއް ފެނުމުގެ މަގު ތަނަވަސް ވެގެން ނުދާނެކަން،" އޭނާ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވި ގޮތުގައި ނާއިބު ރައީސް ނިންމަވާފައި ވަނީ ވަށާޖެހޭ ޕްރޮގްރާމެއްގެ ގޮތުގައި ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދެވުމަށެވެ. އެ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭނެ ތަނެއް ގާއިމްކޮށް، އޭގެ އަވާގައި ޖެހިފައިވާ މީހުންނަށް ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމެއް ހިންގުމަށް ނާއިބު ރައީސް ޕްލޭން ކުރައްވާފައިވާ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. އަދި ވަޒީފާތައް ލިބޭނެ ފެކްޓަރީ ހިންމަފުށީއެއް ގާއިމް ކުރުމުގެ ޕްލޭނެއް މިރޭ ނާއިބު ރައީސް އޭނާއާ ހިއްސާ ކުރެއްވި ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ލޯކަލް ގަވަނަންސްގެ ނިޒާމު ތައާރަފު ކުރުމަށް ޑީން ވަރަށް ކުރިއްސުރެން ފެށިގެން މަސައްކަތްޕުޅު ފެއްޓެވި ކަމަށެވެ. އަދި އެމްޑީޕީގެ ޝެޑޯ ކެބިނެޓުގައި ޑރ. ޑީޑީ ހުންނެވި އިރުއްސުރެ ފެށިގެން އެ ވާހަކަތައް ޑީން ދައްކަވަމުން ގެންދެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން މިރޭ ވެސް ޑީން އަޅުގަނޑު ކައިރިން އަހާ ސުވާލަކީ އަޅުގަނޑުމެން ]އެމްޑީޕީ[ ތެރޭގައި ވެސް އެ ވާހަކަ އެހާ ބޮޑަށް ދެކެވިފައި، އަޅުގަނޑުމެންނަށް ވެރިކަމުގެ ބާރު މި ލިބުނު ތިން އަހަރު ދުވަހުގެ ތެރޭގައި އެފަދަ މަންޒަރުތަކެއް ފެނިގެން ގޮސްފައި ނެތް ކަމީ ކިހިނެއް ވީ ކަމެއްތޯ؟ މިސާލަކަށް އަތޮޅުތަކުގެ ނުވަތަ ރަށްރަށުގެ ތަރައްގީ އަށް އެންމެ ބޮޑަށް ބޭނުން ކުރެވޭނެ އެއް ވަސީލަތަކީ ފަޅު ރަށްރަށް ކަމަށް ވީ ހިނދު އެ ފަޅު ރަށްރަށުގެ އެއްވެސް ކަހަލަ އޯނަޝިޕެއް ރަށު ކައުންސިލްތަކަށް، އަތޮޅު ކައުންސިލްތަކަށް އަޅުގަނޑުމެންގެ ސަރުކާރުގައި ފޯރުކޮށް ނުދީ އޮތީ ކީއްވެގެންތޯ؟ އަދި އަޅުގަނޑަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރުކަން ކުރި މީހެއްގެ ހައިސިއްޔަތުން، ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ ދަށުން ފަޅު ރަށްރަށުގެ ހުރިހާ މެންޑޭޓެއް ހުންނާނީ އެގްރިކަލްޗަރު މިނިސްޓްރީގައި ކަމަށް ވީ ހިނދު އެފަދަ ފުރުސަތުތަކެއް ތަނަސްވެފައި ނެތީ ކީއްވެގެންތޯ؟،" ނާއިބު ރައީސް ޑީން ކުރެއްވި ސުވާލުތައް ކަމަށް ވިދާޅުވެ ޑރ. ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ވެސް ބޭނުންވީ މާލޭގައި ތޮއްޖެހިފައި ހުރި ހުރިހާ ބާރުތައް ރަށްރަށަށް ހިއްސާކުރަން ކަމަށާއި އެކަމަކު އެއަށް އަމަލީ ސިފަ ގެންނަން ޖެހުނު ދަނޑިވަޅުގައި ކަންކަން ދިޔައީ އެއާ ދިމާ އިދިކޮޅަށް ކަމަށެވެ. އެ ގޮތުން ޖެނުއަރީ ،1 2011 އިން ފެށިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލަފާފުޅުގެ މަތިން ހުރިހާ ފަޅު ރަށްރަށް ފިނޭންސް މިނިސްޓްރީގެ ދަށަށް ގެންގޮސް އެ މިނިސްޓްރީގައި އޮންނަ ނެޝަނަލް ޕްލޭނިން ކައުންސިލް (އެންޕީސީ) ން ހުރިހާ ސިޔާސަތުތައް ކަނޑައަޅަން ފެށުމާއެކު ފިޝަރީޒް މިނިސްޓަރުގެ ބާރު ބޭނުންކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.
"އެހެންވީމަ ތެދު ތެދަށް ދަންނަވަންޏާ އަޅުގަނޑުމެން އޭރު ކިތަންމެ ވަރަކަށް މާލޭގައި ތޮއްޖެހިފައި އޮތް ބާރުތައް އަތޮޅުތަކަށް، ރަށު ކައުންސިލްތަކަށް ގެންދިއުމަށް އަޅުގަނޑުމެން އެޑްވޮކޭޓް ކުރި ކަމުގައި ވިޔަސް ވެސް އޭގެ އަމަލީ ސިފަ އެ ގޮތަށް ގޮސްފައި ނެތްކަން ފާހަގަ ކުރެވެނީ،" ޑރ. ޑީޑީ ވިދާޅުވި އެވެ.
ނާއިބު ރައީސް ޑީންގެ ދައުވަތަކަށް އެ މަނިކުފާނާ ޑރ. ޑީޑީ ބައްދަލުކުރެއްވިއިރު މީގެ ކުރިން ރައީސް މުހަންމަދު ވަހީދާ ވެސް އޭނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
15 comments