އުސްފަސްގަނޑުގައި އެމްޑީޕީން ހަދާފައިވާ ތަންތަން ރޫޅާލުމަށް އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައެޅުމާ ގުޅިގެން ފުލުހުން އެ މައްސަލަ އިތުރަށް ދިރާސާކުރަން ފަށައިފި އެވެ.
އެތަން ރޫޅާލައި ފުލުހުންގެ ބާރުގެ ދަށަށް ގެންދިއުމުގެ ވަގުތީ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން އިއްޔެ ކަނޑައަޅާފައި ވަނީ އެ މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން އެނގެން ނެތް ކަމަށެވެ. އެހެންވެ ކޯޓުން ނިންމާފައި ވަނީ އުސް ފަސްގަނޑުގެ މައްސަލާގައި އެ ކޯޓަށް އަމުރެއް ނުނެރެވޭނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ ދިރާސާކުރުމަށް ފަހު، ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އުސްފަސްގަނޑު ހުސްކުރުމުގެ އަމުރަކަށް އެދި އެހެން ކޯޓަކަށް އަދި ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލަ ދިރާސާކުރުމަށް ފަހު މަޝްވަރާކުރާނެ. އެއަށް ފަހު އެކްޝަނެއް ނަގާނީ،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިން ކައުންސިލުން ވަކިކުރުމަށް ފަހު ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އެތަން ހުސްކުރުމުގެ އަމުރަކަށް އެދުނީ، އެ ނިންމުމާ އެއްގޮތަށް ހައުސިން މިނިސްޓްރީއާ ބިން ހަވާލުކޮށްފައިނުވާތީ، ޝަރުއީ އަދި ގާނޫނީ ބާރު ލިބިގެން ކުރާ އަމުރު ތަންފީޒުކޮށްދިނުމަށް އެދުމުން އެކަމެއް ތަންފީޒުކުރުމަކީ އެ މުއައްސަސާގެ މަސްއޫލިއްޔަތަކަށްވާތީ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އާއްމުންނަށް ހުޅުވާލާފައި ބާއްވަން ދޫކޮށްފައިވާ ބިން ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކަށް ދިގު މުއްދަތަކަށް ދޫކުރުމަކީ މަސްލަހަތު ގެއްލޭ އަދި ބިން ދޫކުރި މަގްސަދާއި ގަވާއިދާ ޚިލާފުވުމެވެ. އެހެންކަމުން އެގޮތަށް ބިން ބޭނުން ނުކުރުމަށް ތަކުރާރުކޮށް އެންގުމުން ވެސް ކައުންސިލުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ނަމަވެސް ކައުންސިލުން ބުނެފައި ވަނީ އުސް ފަސްގަނޑު ގާނޫނާއި ގަވާއިދާ ހިލާފަށް ބޭނުންކޮށްފައި ނުވާނެ ކަމަށާއި އުސް ފަސްގަނޑު އެމްޑީޕީ އަށް ދޫކޮށްފައި ވަނީ އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ވެސް ބިންދޫކުރާ އުސޫލުން ވަގުތީ ހުއްދައެއްގެ ދަށުން ކަމަށެވެ.

ފޮޓޯ އިން ހަބަރު
15 comments