ސިފައިންގެ ސިފަވަންތަ ކަމުގެ އަސާސްތަކުގެ ތެރޭގައި ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، އެހީތެރިވެދިނުން ހިމެނޭ ކަމަށާއި އެގޮތުގެ މަތިން ދިވެހި ގައުމަށް ހިދުމަތް ކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
ސިފައިންގެއާ އަލަށް ގުޅުނު ސިފައިން ހުވާ ކުރުމަށާއި ބަޑި ހަވާލުކުރުމަށް މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ސިފައިންގެ ސިފަވަންތަކަމާއި އަސްކަރީ އަހްލާގާއި ސުލޫކު އަދި އަގުކުރުންތައް ބިނާވެފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ގާނޫނީ ވެރިކަމަށް ކިޔަމަންވެ، އެހީތެރިކަން ފޯރުކޮށްދިނުމާއި އަމިއްލަ ނަފްސަށްވުރެ ދިވެހި ގައުމު އިސްކުރުމާއި އިސްލާމީ އަގީދާގައި ސާބިތުވެ ދެމިހުރުން ހިމެނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުންގެ އަޒުމަކަށް ވާން ޖެހޭނީ މި މުއައްސަސާގައި ހުރި ހަރުދަނާ އުސޫލުތައް ދެމެހެއްޓުމާއެކު ޒަމާނީ ތަރައްގީގެ އާ ވިސްނުންތަކާއި އާ އުސްމިންތަކަށް މި މުއައްސަސާ އުފުލައިދިނުން،" ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ހަތަރު އޭރިޔާ ކޮމާންޑެއް ގާއިމް ކޮށްފައިވާކަން އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެކަމަކު ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ދިނުމަށް، މަސައްކަތްތައް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމުގެ ސަލާމަތްތެރިކަން ފޫދުއްވާލަން އުޅޭ ކޮންމެ ބައެއްގެ އެންމެ ބޮޑު އެދުމަކަށް ވާނީ ސިފައިންގެ ސަފުތަކުގެ ބަދަހިކަން ނެތިކޮށްލުން. ދިވެހި ސިފައިންނަކީ މި ގައުމަށްޓަކައި އެހެން އެއްވެސް ބަޔަކު ނުވާ ފަދަ މަތިވެރި ގުރުބާންތަކެއް ވެފައިވާ ބައެއް."
ސިފައިންގެ ގާނޫނީ ހުވާގެ މަތީގައި ސާބިތުވެ ތިބުމަށް ގޮވާލައި، އެ މަނިކުފާނު ވިދާޅުވީ ހިތްހަމަނުޖެހޭ ބަސްތަކާއި އަމަލުތަކުގެ ކުރިމަތީގައި ސިފައިންގެ ޖަޒުބާތަށް ބާރު ފޯރުވުމަށެވެ. އަދި އެކަމަށް ދީފައިވާ ތަމްރީނުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވެސް އެ މަނިކުފާނު ގޮވާލެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް، މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ މި ގައުމު، ގައުމެއްގެ ގޮތުގައި ދެމެހެއްޓޭނެ ހަމައެކަނި ބާރަކީ ސިފައިން ކަމަށާއި، ގައުމު ދެމެހެއްޓުމަށް ސިފައިން އެކަތިގަނޑަކަށް ވާން ޖެހޭނެ ކަމަށެވެ.
"ވިސްނާވިސްނުމާއި ފިކުރު ސިފައިންގެ ތެރޭގައި ތަފާތު ވެދާނެ. ނަމަވެސް ސިފައިންގެ ޔުނީފޯމު އަޅައިގެން ތިބެ އެއްވެސް މީހަކު މުއައްސަސާ ބަދުނާމުކޮށް ބައިބައި ކުރުމަށް ފުރުސަތު ދީގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ވަކި އުސޫލުތަކަކާއެކު މަސައްކަތް ކުރަމުން އައި ގަދީމީ އަދި ޝަރަފްވެރި މުއައްސަސާގެ ތެރޭގައި މިފަދަ ބައިބައިވުން އުފެދޭ ކަންކަން އާލާކުރަން އެއްވެސް މީހަކަށް ޖާގަ ދީގެން ވެސް ނުވާނެ ކަމަށެވެ.
އަސާސީ ތަމްރީނު ކޯހުގެ 57 ވަނަ ބެޗުގެ މި ސިފައިންނަށް ހުވާލައިދެއްވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.


14 comments