ސިޔާސީ

އެމްޑީޕީ ދޫކޮށް، ޑީޑީ އާއި އަލްހާން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރަނީ!

ފަޒީނާ އަހުމަދު
30 މެއި 2012 11:49 19 ކޮމެންޓު
  • އެމްޑީޕީގެ ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ޑީޑީ އާއި އަލްހާން. --ހަވީރު ފައިލް ފޮޓޯ

އެމްޑީޕީގެ ގައުމީ މަޖިލީހުން، އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މިދިޔަ އެޕްރީލް މަހު މަގާމުން ވަކިކޮށްފައިވާ އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް އަދި މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރުމަށް ނިންމާފައިވާކަން މުއުތަބަރު ގޮތެއްގައި "ހަވީރަ"ށް ކަށަވަރުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް "ހަވީރަ"ށް ކަށަވަރުކޮށްދެއްވި ގޮތުގައި ޑީޑީ އާއި އަލްހާން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އެކު ޕާޓީ އޮފީހުގައި އިއްޔެ ރޭ ވަނީ މަޝްވަރާކޮށްފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ނިންމާފައިވާ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު އާއި އެމްޑީޕީގެ ދާއިރާތަކުގެ ބައެއް ރައީސުން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރުމަށް ވާހަކަ ދެކެވިފައިވާކަން ވެސް "ހަވީރަ"ށް އެނގިފައިވެ އެވެ.

އަލްހާން ފޯނު ނުނަންގަވާތީ، އެ މަޝްވަރާތަކާ ބެހޭ އޭނާގެ ކޮމެންޓެއް ނުލިބުނު ނަމަވެސް ޑީޑީ އާއި ޝާހު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. ޑީޑީ ވިދާޅުވީ "އެކަހަލަ މަޝްވަރާއެއް ނުކުރަން" ކަމަށެވެ.

ނަމަވެސް ޑީޑީ ވަނީ އެމްޑީޕީ ދޫކޮށްލައްވައި، އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މީޑިއާގައި ވިދާޅުވެފަ އެވެ.

"ހަވީރަ"ށް ކަށަވަރުވެފައިވާ ގޮތުގައި ޑީޑީ އާއި އަލްހާން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ވަނީ ޝަރުތެއް ހުށަހަޅުއްވައިފަ އެވެ. އެއީ އެމްޑީޕީގައި ވެސް އެ ދެ ބޭފުޅުން ތިއްބެވި މަގާމު ޖުމްހޫރީ ޕާޓީން ވެސް އެ ދެބޭފުޅުނަށް ލިބުމެވެ. އެކަމަށް ޖުމްހޫރީ ޕާޓީން އެއްބަސްވެ، ޕާޓީގެ އަސާސީ ގަވާއިދަށް އެ މާއްދާ އިތުރުކުރުމަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ޑީޑީ އާއި އަލްހާން ލީޑަޝިޕުން ވަކިކޮށްފައިވަނީ ޕާޓީގެ ނިންމުންތަކާ ހިލާފަށް އަދި މަސްލަހަތު ގެއްލޭ ކަންތައް ދެ ބޭފުޅުން ވެސް ކުރައްވާތީ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ޑީޑީ އާއި އަލްހާން ވަނީ، އެމްޑީޕީ ހިންގަނީ ޑިމޮކްރެޓިކް އުސޫލުން ބޭރުން، އާސާސީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އަށް ވަރަށް ބޮޑަށް އެ ޕާޓީ އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

19 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait