ވަޅިން ހަމަލާދީ މަރާލާފައިވާ ގ. ވޭރު، އަބްދުލްމުހީތު (ބޮބީ)ގެ ހަނދާނުގައި، އޭނާ މަރުވި ތަނުގައި ސުކޫތުގެ ވަގުތުކޮޅެއް.
07-06-2012 12:37
ދުއާ އަށް ފަހު ސުކޫތު ގެނެސްފި.
07-06-2012 12:35
ދުއާ ކިޔަމުން ދަނީ. އެއްވެ ތިބި މީހުން އަތް މައްޗަށް އުފުލާލައި "އާމީން" ކިޔަމުން ދޭ.
07-06-2012 12:33
މުނީޒާގެ ވާހަކަ އަށް ފަހު އެ ތަނުގައި އިޚުލާސް ސޫރަތް ތިން ފަހަރު ކިޔަވަމުން ދަނީ.
07-06-2012 12:33
ބޮބީގެ ދައްތަ: މިއީ މުޅި ފެމިލީ އަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް. މިއީ އެހެން އެއްވެސް އާއިލާ އަކަށް މިފަދަ ހިތާމައެއް ކުރިމަތިވިޔަ ނުދިނުމަށް އަޅުގަނޑުމެން ނެގި ފުރަތަމަ ފިޔަވަޅު. އަޅުގަނޑުމެންނާ ބައިވެރިވެއްދެއްވާ ހުރިހާ ފަރާތްތަކަކަށް ޝުކުރިއްޔާ.
07-06-2012 12:31
ބޮބީގެ ދައްތަ މުނީޒާ ފާއިޒު ރޮމުން ވާހަކަދައްކަނީ. އޭނާ ވާހަކަ ދައްކާ އިރު، ކުރީ ސަފުގައި ތިބި މީހުން ވެސް ރޮވިފައި.
07-06-2012 12:30
ސުކޫތުގެ ވަގުތުކޮޅަށް މީހުން އެތުރެމުންދަނީ ފިނޭންސް މިނިސްޓްރީ ކައިރީގައި ހުންނަ އޭޓީއެމްއާ ހިސާބުން ފެށިގެން އިރަށް. ސަފުގެ ކުރީގައި ބޮބީގެ އާއިލާގެ މީހުން. އެ މީހުން ތިބީ ޖަސްޓިސް ފޯ ބޮބީ ޖަހާފައިވާ ކަރުދާސް ހިފައިގެން. ވަރަށް ތުއްތު ކުދިން ވެސް މި ސުކޫތުގައި ބައިވެރިވޭ.
07-06-2012 12:25
ބައެއް ދާއިރާތަކުން ފާހަގަކުރެވޭ މީހުން ވެސް މި ސުކުތޫގައި ބައިވެރިވޭ.
07-06-2012 12:22
ސުކޫތުގައި ބައިވެރިވުމަށް އެ ސަރަހައްދަށް މީހުން ޖަމާވަމުން އެބަދޭ. ދެކޮޅުން މަގު އޮތީ ބަންދުކޮށްފައި. ޓްރެފިކް ޕޮލިސް ދަނީ މަގު ބަލަހައްޓަމުން. ބޮބީ އަށް ހެޔޮ އެދޭ މީހުން "ޖަސްޓިސް ފޯ ބޮބީ" ޓީޝާޓްގައި. މީޑިއާގެ މީހުން ވެސް ދަނީ ހަރަކާތްތެރިވަމުން.
07-06-2012 12:13
މިދިޔަ ފެބްރުއަރީ މަހު 12 ވަރަކަށް މީހުންގެ ގްރޫޕަކުން ގޮސް ވަޅިން
ހަމަލާދީ މަރާލާފައިވާ ގ. ވޭރު، އަބްދުލްމުހީތު (ބޮބީ)ގެ ހަނދާނުގައި، އޭނާ
މަރުވި ތަނުގައި މިއަދު ގެންނަ ސުކޫތުގެ ވަގުތުކޮޅަށް އާއިލާ އިން ތައްޔާރުވަމުން އެބަދެ އެވެ.
ސުކޫތު ގެނައުން އޮންނާނީ މިއަދު މެންދުރުފަހު 12:30 އާއި 12:40 އާ
ދެމެދުގެ ވަގުތެއްގައި، ފިނޭންސް މިނިސްޓްރީ ކުރިމަތީގަ އެވެ. ބޮބީ
މަރާލީ ފިނޭންސް ކުރިމަތީގައި އޮންނަ، އޭނާގެ ގެ ހުންނަ، ގޯޅިގަނޑުގަ އެވެ.
ބޮބީގެ ހަނދާނުގައި މިއަދު ސުކޫތެއް ބާއްވާއިރު އޭނާ މަރާލި ކަމަށް
ތުހުމަތު ކުރެވޭ ފަސް މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްސަލަ ވަނީ
ކޯޓަށް ވައްދައިފަ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ.
ގައްދޫ، އަބުލަގީގޭ، މުހުޖަތު އަހުމަދު ނާސިހާއި ޅ. ނައިފަރު، ޒައިތޫނިގޭ،
މުހައްމަދު މައިމޫނާއި ސ. މަރަދޫ، ސަލްޓަން ވިލާ، އަލީ މުޝައްފާއު އާއި 18
އަހަރު ނުފުރޭ ދެ ކުދިންނެވެ.
ބޮބީގެ މަރުގެ މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ ޝަރީއަތް ޖުވެނައިލް
ކޯޓުގައި ފަށައިގެން މިހާރު ކުރިއަށްދެ އެވެ. އަދި އެ ކުދިންގެ މައްޗަށް
"ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލުމުން އެ ދައުވާއަށް
އެމީހުން ވަނީ އިންކާރުކޮށްފަ އެވެ.
ބޮބީ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ 18 އަހަރު ނުފެރޭ ދެ
ކުދިންގެ ތެރެއިން ކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އަކީ
މާރާމާރީގެ އިތުރު ރެކޯޑްތަކެއް ވެސް އޮންނަ ކުއްޖެކެވެ. އެ ގޮތުން މީހަކު
މަރާލެވިދާނެ ފަދަ އެއްޗަކާ އެކު ޣައިރު ގާނޫނީ އެއްވުމެއްގައި
ބައިވެރިވުމުގެ މައްސަލައަކާއި މީހަކު މަރާލެވިދާނެ ފަދަ އެއްޗަކާ އެކު
މާރާމާރީ ހިންގުމުގެ މައްސަލައަކާއި ޓެރަރިޒަމްގެ މައްސަލައެއް ހިމެނެ
އެވެ.
ބޮބީގެ މައްސަލައިގައި ހިމެނޭ 18 އަހަރު ފުރިފައިވާ މީހުންގެ މައްސަލަ
ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ
އެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލައިގެ ޝަރީއަތް ފަށައިފައެއްނުވެ
އެވެ.
25 comments