ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ކުރައްވާފައިވާ ގާނޫނާ ހިލާފު ކަންތައްތައް ބަލައި ފިޔަވަޅު އެޅުމުގެ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ޖާބިރުގެ މި ގަރާރުގެ ބަހުސް ފެށުމާއެކު އިދިކޮޅު އެމްޑީޕީ މެމްބަރުން ވަރަށް ބޮޑަށް ހޫނުވެ ނިޒާމީ މައްސަލަތައް ނަންގަވަން ފެއްޓެވި އެވެ. އެމްޑީޕީގެ މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން ގަރާރު ހުށަހެޅުއްވުމަށް ޖާބިރަށް ދަތިވެގެން ކޮންމެވެސް ވަރަކަށް މަޑުޖައްސަވާލެއްވި އެވެ. ނަމަވެސް ގާތްގަނޑަކަށް ވިއްސަކަށް މިނިޓަށް ފަހު މަޖިލިސް ހަމަޔަކަށް އެޅި ގަރާރު ހުށަހަޅުއްވައި ބަހުސާއިގެން ކުރިއަށް ދެވޭ ވަރުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރު ކުރެއްވި ގާނޫނާ ހިލާފު ކަންތައްތަކަށް ފިޔަވަޅު އެޅުއްވި ފަހުން މިހާތަނަށް ރާއްޖޭގެ ރައީސަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅުއްވި މި ގަރާރުގައި ޖާބިރު ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ނަޝީދު ކުރެއްވި ބައެއް ކަންތައްތައް ފާހަގަކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓު ބަންދުކޮށް ތަޅު އެޅުވުމާއި ޝަރުއީ ކޯޓުތަކުން ކޮށްފައިވާ އަމުރުތަކާ ހިލާފަށް އަމަލުކުރުމަށް ޣައިރު ގާނޫނީ އަމުރުކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އިތުރުން ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް ފަނޑިޔާރުންނާ މެދު އަމަލުކުރުމަށް ޣައިރު ގާނޫނީ އަމުރުކުރުމެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދައުލަތުގެ މުދަލާއި ފައިސާ ގާނޫނާ ހިލާފަށް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ރާއްޖޭގެ އިގުތިސާދަށާއި މުހިންމު ސިޔާސަތުތަކަށް ގެއްލުން ލިބޭ ގޮތަށް ގަސްދުގައި ގާނޫނާ ހިލާފަށް ނަޝީދު އަމަލު ކުރައްވާފައިވާ ކަމަށް ވެސް ޖާބިރުގެ ގަރާރުގައިވެ އެވެ.
"އިސްވެ ދެންނެވި ކަންތައްތައް ބަލައި، ތަހުގީގުކޮށް، އެ ގޮތުން ލިބޭ މައުލޫމާތުގެ އަލީގައި ވަގުތީ ގޮތުން ކޮމެޓީން އެކުލަވާލާ ރިޕޯޓުގައިވާ ކަންތައްތަކާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކޮށް، އަދި ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކާ އެ މައުލޫމާތު ހިއްސާކުރުން،" ގަރާރު ނިންމަވާލައްވަމުން ޖާބިރު ވިދާޅުވެފައިވެ އެވެ.
ގަރާރަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫތަކާ އެއްގޮތަށް ކަމަށާއި އެއާ ހިލާފަށް ކަމެއްކޮށްފިނަމަ ބަލަންޖެހޭ ކަމަށެވެ. އަދި މިހާރުގެ ގާނޫނު އަސާސީން ވެސް އެ ޖާގަ ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑު ހިތާމަކުރަނީ އަޅުގަނޑުމެން މިތާނގައި ތިބެގެން ބަޣާވާތޭ، އަނެކައްޗެކޭ ކިޔަމުންދާއިރުގައި އިއްޒަތްތެރި މަޖިލީހުން ޒިންމާއެއް އޮންނަންވާނެ. އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ތަމްސީލުކުރާ، 77 މެމްބަރުން އެ މައްޗަށް އެކުލެވޭ އަދި މި 77 މެމްބަރުން ބޭނުން ކަމަށް ވަންޏާ ގާނޫނު އަސާސީ އަށް ވެސް ބަދަލުކުރެވޭ ގޮތަށް ގާނޫނު އަސާސީން ލިބިފައި އޮތް މަޖިލިސްއެއް. މިއަދު އަޅުގަނޑުމެން މި ރާއްޖެ އަށް ރައީސުލްޖުމްހޫރިއްޔާއަކު ފަސް އަހަރު ދުވަހަށް އިންތިހާބުކޮށްފައި އޭނާ އަމިއްލަ އަށް ވަޒީފާ އިން، މަގާމުން އަމިއްލަ އަށް އިސްތިއުފާ ދެއްވައި، އަމިއްލަފުޅަށް އަމަލުކުރުމަށް ފަހުގައި، ތިމަންނާގެ ވެރިކަން ވައްޓާލީ ބަޣާވާތަކުންނޭ ކިޔައި އަދި އެ ޕާޓީ އަށް ނިސްބަތްވާ މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުން ވެސް ވާހަކަ ދައްކަމުންދާއިރުގައި، ޝަރުއީ ކޯޓުތަކުގެ ދޮރުގައި ތަޅު ޖެހުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ކޮންމެ މައްސަލައެއްގައި އޮންނާނެ،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ނަޝީދު ކަންތައްކުރެއްވި ކަމަށް ތުހުމަތުކުރާއިރު އެ ކަންކަން ބެލުމުގައި މަޖިލީހުގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި މިއަދު ނަޝީދުގެ ވާހަކަ ދައްކާއިރު މާދަމާ އެހެން ރައީސަކު ވެސް ގައުމު "ފޭރިގަނެ" އޭނާގެ މައްޗަށް ގައުމު ރަޖިސްޓްރީކޮށްފިނަމަ ދިވެހިން ވާނީ "އަޅުންނަށް" ކަމަށެވެ.
ޖާބިރު ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމާއި ބީލަމަށް ނުލައި 400 އެއްހާ ރަށް ދޫކުރުމުން އޭގެ ބަދަލުގައި ނަޝީދުގެ އަތްޕުޅުގައި ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރު އެ މަނިކުފާނުގެ އަތްޕުޅުގައި ހުންނާނެ ކަމަށެވެ. ޖާބިރު ތުހުމަތުކުރެއްވި ގޮތުގައި އެއީ ނަޝީދު "ވަގަށް" ނެންގެވި ފައިސާ އެވެ.
"އެ ފައިސާ އޭނާ މި ދައުލަތަށް ދިނީމާ މިހާރު ރުފިޔާ ދަރަންޏަށް ނަގައިގެން މުސާރަ ދޭންޖެހޭ މައްސަލަ ހައްލުވެގެން އެ ދިޔައީ. އެ ލާރިކޮޅު ދިނީމާ އަލުން އިންތިހާބެއް ބާއްވަންޖެހޭ ކަމަށް ވަންޏާ އިންތިހާބު ވެސް ބޭއްވޭނެ،" ޖާބިރު ވިދާޅުވި އެވެ.
ނަޝީދާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ސުޕްރީމް ކޯޓާއި ޖުޑީޝަލް ސާވިސް ކޮމިޝަން ބަންދުކުރި މައްސަލަ އާއި އަބްދުﷲ ޔާމީނާއި ގާސިމް އިބްރާހީމާއި އަހުމަދު ނާޒިމްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކުރި މައްސަލައިގެ އިތުރުން 16 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައްޔަންކުރެއްވި އަށް މެމްބަރުން ބޭރު ކުރެއްވި މައްސަލަ އެވެ.
ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ނަޝީދާއި އެ މަނިކުފާނުގެ ގާތް ބޭފުޅުންނަކީ ގައުމުގެ ސަލާމަތާއި ކުރިމަގާއި ވަހުދަތަށްޓަކައި، ކުދިކުދި ގޮޅިތަކުގައި "ޗޭނު ޖަހައި" ބައިތިއްބަވަން ޖެހޭ ބައެއް ކަމަށެވެ.
"ހަތަރު ސަތޭކަ ރަށް ކޮބައިތޯ؟ އަޅުގަނޑުމެން ހުށަހަޅާ އަޅުގަނޑުމެން މި ދައްކާ ވާހަކަ އަކީ ރައްޔިތުންނަށް އޮޅުން ހުރި ކަމެއް ނޫން. މިއީކީ ބޯދާ ޒަމާނެއް ނޫން. ދިވެހި ރައްޔިތުން ކުރިމަތީގައި މިކަމެއް ހިނގީ. ދިވެހި ރައްޔިތުންނަށް އެބަ އިނގޭ ކިތަކެއް ރަށްތައް މި މީހުންނަށް ދީ، ވިއްކާލީ،" ނިހާން ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަށް މެމްބަރުންނާ ގުޅޭ ކަންތައްތައް ނަޝީދު އަމަލުކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށާއި އެކަމާ އިތުރަށް ސުވާލު ނުއުފެދޭ ކަމަށެވެ. މީގެ އިތުރުން ލާމަރުކަޒީ ގާނޫނާ ހިލާފަށް ނަޝީދާއި އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު އަޑީގައި ތިއްބަވައިގެން ތުލުސްދު އާއި ފުނަދު އަށް ސިފައިންނާއި ފުލުހުން އަރައި ހިންގި ކަންތައްތައް އެ ރަށްރަށުގެ މީހުންގެ ހަނދާނުން ނުނެތޭ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"ހަމަ ސީދާ ގާނޫނާ ހިލާފަށް އެ ކަންތައްތައް ކުރެއްވީމާ އޭރުގައި ހުންނެވި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ވެސް ކުރެއްވި އަމުރުތަކަށް ކިޔަމަން ނުވުމުގެ ގޮތުން ދެންނެވީމަ ސަސްޕެންޑް ވެސް ކުރައްވާފައި ހުންނެވީ. އެ ހިސާބަށް ކަންތައް ދުއްވާލީ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް،" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫން ކުރެއްވި ކަންތައްތަކާ ނަޝީދު ކުރެއްވި ކަންތައްތަކާ އެއްވެސް ތަފާތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ނަޝީދާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަތަކަށް ރައްދު ދެއްވި އެމްޑީޕީގެ މެމްބަރުން ބޮޑަށް އަމާޒުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަކީ "ބާޣީ" ސަރުކާރެއް ކަމާއި ވެރިކަން ބަދަލުވި ގޮތް ބެލުމުގެ މައްޗަށެވެ. ނަޝީދު ކުރެއްވި ކަމަށް ބުނާ ގާނޫނާ ހިލާފު ކަންތައްތަކުގެ ވާހަކަތަކަށް، އެމްޑީޕީގެ މެމްބަރުން ޖަވާބެއް ނުދެއްވަ އެވެ.
ރައީސް ވަހީދުގެ ސަރުކާރުގެ އިސް ބޭފުޅުންނަށް އަމާޒުކުރައްވައި "އެއީ ބޮޑު ފަލަ ބާޣީން" ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ވާހަކަ ފައްޓަވަމުން ވިދާޅުވި އެވެ. އަދި ބަސްތައް ތަކުރާރުކުރައްވާނެ ކަމަށް ވިދާޅުވެ އޭނާގެ ވާހަކަ ބޮޑަށް ބިނާކުރެއްވީ ޖާބިރަށް ރައްދު ދިނުމަށެވެ.
"އެ އިއްޒަތްތެރި މެމްބަރު، އެކެއް، ދޭއް، ތިނެއް، ހަތަރެއް، ހަތަރު ސިޔާސީ ޕާޓީ. އެންމެ ފަހުން އުޅުއްވީ ކޮން ޕާޓީއެއްގައި ތޯ؟ އަޅުގަނޑުމެންގެ މި އެމްޑީޕީގައި. މިހާރު އެހެން ޕާޓީއެއްގައި. މިއަދު އިރުއޮއްސޭއިރުގައި އަޅުގަނޑަށް ހީވަނީ ފަހަރުގައި އަޅުގަނޑުމެން ޕާޓީ އަށް ވެސް ވަޑައިގެންފާނެ ކަމަށް. އެހެންވީމާ މިފަދަ ބޭފުޅުންގެ ވާހަކަ އަޅުގަނޑުމެން އަބަދުވެސް މި ދައްކަމުން ގެންދަނީ،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ދުވަހަކު ވެސް މަހުޖަނެއްގެ ވިޔަފާރީގެ މަސްލަހަތަށްޓަކައި އެއްކަމެއް ވެސް ނުކުރާނެ ކަމަށެވެ.
"އެހެންވީމާ ކިތަންމެ ޕާޓީއަކަށް ވަޑައިގެން ކިތަންމެ ވަރަކަށް ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހެޅިޔަސް އަޅުގަނޑުމެންގެ ފަރުވާލެއް ނެތް. އަޅުގަނޑުމެންނަށް އެނގޭ ވެގެން މިއުޅޭ ކަން،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކުން ގޮވަމުން ގެންދަނީ އަވަސް އިންތިހާބަކަށް ކަމަށާއި މިއީ "ބަޣާވާތަކުން" ގެނައި ވެރިކަމެއް ކަމަށެވެ. އަދި މިހާރު އޮތީ "ޖަންގަލީގެ" ވެރިކަން ކަމަށް އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ދޫކޮށްފައި ވަނީ "ލެގަސީތައް" ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އިންތި ފާހަގަކުރެއްވީ އައިޑީ ކާޑު ދެއްކުމާއެކު ހިލޭ ބޭސްފަރުވާގެ ނިޒާމާއި ޓެކްސްގެ ނިޒާމެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަމުގައި ކޮށްދީފައި ހުންނަ ކަންތައްތައް މި ހުންނަނީ. އިހުސާންތެރިކަން، އެ ލެގަސީ އަޅުގަނޑުމެން މި ދޫކުރަނީ،" އިންތި ވިދާޅުވި އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ގައުމު ދެކެ ލޯބިވާ ވެރިއަކު 30 އަހަރު ވަންދެން ރާއްޖޭގައި ވެރިކަން ކުރެއްވި ނަމަ އިންސާނީ ކަރާމަތާއި އިންސާނީ ގަދަރުވެރިކަން އޮތީސް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ ބޭފުޅުންނަށް ވެރިކަމަށް ވަޑައިގެންނެވެން އޮތީ ނަޝީދަށް "ކޮންމެވެސް ގޮތަކުން" ގާނޫނާ ހިލާފު އަދަބެއް ދީގެން ނުވަތަ އެ މަނިކުފާނު "މަރާލައި ނުވަތަ ނައްތާލައިގެން" ކަމަށެވެ.
"މި ނޫން އެއްވެސް ގޮތަކަށް އިދިކޮޅު ވާދަވެރި އިއްތިހާދުގެ ތެރޭގައި މި ތިއްބެވި އެއްވެސް ބޭފުޅަކަށް ވެރިކަން ލިބޭނެ ގޮތެއް ނެތް. މި ބޭފުޅުން މި ގައުމުގެ ވެރިކަން ފޭރިގަތީއްސުރެ، ދައުލަތުގެ މީޑިއާ އިން ވެސް އަދި މި ގައުމުގައި ހުރި މިނިވަން މީޑިއާތަކުން ވެސް އަދި މި ގައުމުގެ ހުރިހާ މިނިވަން މުއައްސަސާތަކުން ވެސް އަދި ވެރިކަމާ ހަވާލުވެގެން މި ތިބަ ބޮޑެތި ބާޣީން ވެސް ކުރާ ހުރިހާ ކަމަކީ ރައީސް ނަޝީދަށް ބެވުމާއި އެއްޗެހި ކިއުމާ،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ކަނޑައަޅާފައިވާ ވަރަށް ބަހުސް ކުރިއަށް ގެންދިޔަ ނަމަވެސް އަދި ބަހުސް ނުނިމެ އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
11 comments