އިސްލާމިކް މިނިސްޓަރު ޝޭހް މުހައްމަދު ޝަހީމް އަލީ ސައީދާއި އިތުރު ތިން އިލްމުވެރިއަކު ފުވައްމުލަކު މާދަޑު އަވަށުގައި ދަރުސްދެއްވުން ކައުންސިލުން މަނާކޮށްފި އެވެ.
މާދަޑުގައި ޝޭހް އިލްޔާސް ހުސެއިންގެ ދަރުސެއް ބޭއްވުމުގެ ހުއްދައަށް އަދާލަތު ޕާޓީން އެދުމުން ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރު ޝަހީމްގެ އިތުން ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި ޝޭހް އިލްޔާސްގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ އެ ރަށުގައި ދަރުސް ދެއްވުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ސިޓީގައި ބުނެފައި ވަނީ އެ ހަތަރު އިލްމުވެރިންނަކީ ސިޔާސީ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާ ސިޔާސީ ބޭފުޅުންނަށް ވުމެވެ.
އެމްޑީޕީގެ ތިން ކައުންސިލަރުން ތިއްބަވާ މާދަޑު ކައުންސިލުން، އަދާލަތު ޕާޓީގެ ފުވައްމުލަކު ގޮފީގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މާދަޑު ރައްޔިތުންނަށް ދީނީ ދަރުސް ދިނުމުގެ ކަންތައް އެ ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދާލަތު ޕާޓީން އެ އަވަށުގައި ދަރުސް ދިނުމަށް ހުށަހެޅުމުން "ނުހަނު ބޮޑަށް ބަލައިގަންނަ" ކަމަށާއި މަރުހަބާ ކިޔާ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
"މި ކައުންސިލުން ނިންމާފައި ވަނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ ސިޔާސީ ބޭފުޅުންނަށް މާދަޑު މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ ނުދޭގޮތަށެވެ" މިއަދުގެ ތާރީހުގައި ލިޔެފައިވާ ސިޓީގައިވެ އެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނާ ބައްދަލުކޮށް، ލިބިފައިވާ ހިޔާލާއި ކުރެވުނު މަޝްވަރާތަކަށް ބަލާއިރު ޝޭހް އިލްޔާސް އެ ރަށުގައި ދަރުސް ދެއްވުމަކީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގަވާއިދުގެ ރޫހާ ހިލާފު ކަމެކެވެ.
"މާދަޑު ކައުންސިލްގެ އިއްތިފާގުން ފާސްވެފައި ވަނީ ޝޭހް އިލްޔާސް ހުސެއިން އަށް މާދަޑު މިސްކިތްތަކުގައި ދަރުސްދިނުމުގެ ހުއްދަ ދޫ ނުކުރުމަށެވެ. ނަމަވެސް ކައުންސިލުން މިސްކިތްތަކުގައި ސިޔާސީ ބޭފުޅުން ފިޔަވައި ހުއްދައަށް އެދޭ ޝޭހުންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ވާހަކަ ވެސް ދަންނަވަމެވެ،" ކައުންސިލުން ސިޓީގައި ބުނެފައިވެ އެވެ.
މާދަޑު ކައުންސިލުގެ އިތުރުން ވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބައެއް އެހެން ކައުންސިލްތަކުން ވެސް ވަނީ ބައެއް އިލްމުވެރިން ދަރުސް ދިނުމަށް ދެކޮޅުހަދައި، ހުއްދަ ނުދީފަ އެވެ. އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އެފަދަ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

30 comments