ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ޑޮކްޓަރަކު ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ކުރީގެ ސަރުކާރުން ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަން (އެސްއެޗްއެސްސީ) އާ ހަވާލުކޮށްގެން ހިންގަމުން ދިޔަ ހޮސްޕިޓަލް މިހާރު ހިންގަމުން އަންނަނީ އެ ކުންފުނި މިހާރުގެ ސަރުކާރުން އުވާލައި، އެ ހޮސްޕިޓަލް ކުރިން ހިންގެވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަބްދުﷲ ސައީދުއާ ހަވާލުކޮށްގެންނެވެ.
ސައީދު މިއަދު ވިދާޅުވީ 50 އެނދުގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުޑަ ކުދިންގެ ޑޮކްޓަރަކު ނެތި އެހާ ގިނަ ދުވަސްތަކެއްވުމާ ގުޅިގެން ބޮޑެތި ދަތިތަކެއް ވެސް ދިމާވެފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ޑޮކްޓަރަކު ނެތުމުން ހިތާމަވެރި ބައެއް ހާދިސާތައް ވެސް ހިނގާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ސައީދު ވިދާޅުވީ ކުޑަކުދިންގެ ޑޮކްޓަރަކު ނެތި އެހާ ގިނަ ދުވަސްވުމުން، އާންމުންގެ ޝަކުވާތައް ވެސް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރަކު ނެތުމުން ފަރުވާ އަށް މާލެ ފޮނުވާލަން ޖެހުން ފަދަ ކަންތައްތަކާ ގުޅިގެން ސަރުކާރުން ބޮޑު ހަރަދެއް ވެސް ކުރަން ޖެހިފައިވާ ކަމަށެވެ.
"ވަރަށް ދަތި ކުޑަކުދިންގެ ޑޮކްޓަރަކު ނެތުމުން. އަނެއްކާ ޑޮކްޓަރަކު ނެތިގެން ފަރުވާ ނުދެވިގެން ހިތާމަވެރި ބައެއް ހާދިސާތައް ވެސް މި ހޮސްޕިޓަލުގައި ހިނގާފައި އެބަހުރި. އަޅުގަނޑުމެން ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ކަންބޮޑުވޭ މި ހޮސްޕިޓަލުގައި ކުޑަކުދިންގެ ޑޮކްޓަރަކު ނެތި އެހާ ގިނަ ދުވަސްތަކެއްވެފައި ވާތީ،" ސައީދު ވިދާޅުވި އެވެ. "ޑޮކްޓަރަކު ހޯދަން މަސައްކަތް ކުރަމުން އަންނަތާ ވެސް ދުވަސްތަކެއް ވެއްޖެ. އެހެން ނަމަވެސް ޑޮކްޓަރުން ހޯދުމުގައި ވެސް ދަތިތަކެއް އެބަހުރި."
އޭނާ ވިދާޅުވީ ކުޑަކުދިންގެ ޑޮކްޓަރަކު މި މަހުގެ ތެރޭގައި ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު އަންގާފައިވާ ކަމަށެވެ. އެހެންވެ މާ ލަސްތަކެއް ނުވެ ކުޑަކުދިންގެ ޑޮކްޓަރަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހުންނާނެ ކަމަށް އުންމީދު ކުރެއްވޭ ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މި ދޭތެރެ އިން އެ ހޮސްޕިޓަލުގައި އަންހެނުންގެ ޑޮކްޓަރަކު ނެތް ނަމަވެސް މިހާރު ޑޮކްޓަރަކު އެބަހުރި ކަމަށެވެ.
"ކުރިން ހުރި ޑޮކްޓަރަކު ބަލިވެގެން ފަރުވާ އަށް ދިޔަ ފަހުން ޑޮކްޓަރަކު ނެތި ދިޔަ ނަމަވެސް ހިތަދޫގައި ހުންނަ އައިއެމްޑީސީ ހޮސްޕިޓަލުންނާއި ފުވައްމުލަކުން ވެސް އަންހެނުންގެ ޑޮކްޓަރަކު ގެނެސްގެން މި ތަނުން ފަރުވާ ދެމުން ގެންދިޔަ،" ސައީދު ވިދާޅުވި އެވެ. "އެހެން ނަމަވެސް މިހާރު ހޮސްޕިޓަލުގައި އަންހެނުންގެ ޑޮކްޓަރަކު އެބަހުރި."
މީގެ ކުރިން ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އައްޑު އަށް ޑޮކްޓަރުން ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވެ އެވެ. އެގޮތުން ޑޮކްޓަރުންނަށް ސެކިއުރިޓީއާ މެދު ޝައްކު އުފެދުމާއި ލިބޭ މުސާރަ ކުޑަވުން ފަދަ މައްސަލަތަކާ ހެދި އައްޑު އަށް ޑޮކްޓަރުން އައުމަށް ޖެހިލުންވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
3 comments