ޖުމްހޫރީ ޕާޓީ

މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހޮނިހިރު ދުވަހު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަނީ

އަހުމަދު ރިޝާން
13 ޖޫން 2012 18:45 25 ކޮމެންޓު
  • ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރެޖިސްޓްރާ ޖެނެރަލް މުހަންމަދު އިމްތިޔާޒް ސަލާމް ކުރައްވަނީ: މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ހޮނިހިރު ދުވަހު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އިންތި ވިދާޅުވި.---ހަވީރު ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވަރަށް އަވަހަށް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު 1،000 މީހެއްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރެޖިސްޓްރާ ޖެނެރަލް މުހަންމަދު އިމްތިޔާޒް (އިންތި) ވިދާޅުވީ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އަންނަ ހޮނިހިރު ދުވަހު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނެ ކަމަށެވެ.

"ޖުލައި މަހު ދިވެހި ރާއްޖޭގެ ތާރިހުގައި ވެސް ނުފެންނަވަރުގެ ބޮޑު ޖަލްސާއެއް އާޓިފިޝަލް ބީޗުން ޖުމްހޫރީ ޕާޓީން ދައްކާލަދޭނެ،" އިންތި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު މިހާރު ޖުމްހޫރީ ޕާޓީގައި ތިއްބަވަ އެވެ. އެއީ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އިތުރުން އެންމެ ފަހުން އެ ޕާޓީއަށް ސޮއިކުރެއްވި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެވެ.

އިންތި ވިދާޅުވީ ހޮނިހިރު ދަވަހު އެ ޕާޓީއާ ގުޅޭ މީހުންގެ ތެރޭގައި ފިލްމީ ދާއިރާގެ ގިނަ ބަޔަކު ވެސް ހިމެނޭނެ ކަމަށެވެ. އާޓިފިޝަލް ބީޗުގައި ބާއްވާ އެ ޖަލްސާގައި، މިހާރު ވެސް އެކި ސިޔާސީ ޕާޓީތަކުގައި މަސައްކަތްކުރާ ބަޔަކު ޖުމްހޫރީ ޕާޓީއަށް ވަނުމަށް ނިންމާފައިވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ޑީއާރުޕީ އާއި ޕީޕީއެމްގެ ބޮޑު ސަޕޯޓެއް އޮތް މާލެ އަތޮޅަކީ ޖުމްހޫރީ ޕާޓީގެ މެމްބަރުން ގިނަ ސަރަހައްދަކަށް ހަދާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގައި މިހާރު ތިބީ ގާތްގަނޑަކަށް 6000 މެމްބަރުންނެވެ. ނަމަވެސް އަންނަ ރިޔާސީ އިންތިހާބާ ހަމައަށް އެޕާޓީ އަށް 30،000 މެމްބަރުން ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އިންތި ވިދާޅުވީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތައް އެންޓާކޮށް ނިމޭލެއް ލަސްވުން ކަމަށެވެ. އެގޮތުން މިއަދު ފޮނުވި 1،000 ފޯމުގެ އިތުރަށް ކުރިން ފޮނުވި 500 ފޯމު ވެސް ޕްރޮސެސްވުން ލަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

25 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait