ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގައި މަސައްކަތް ކުރެއްވި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވެސް އެކަން ކަށަވަރުކޮށްދެއްވައި ވިދާޅުވީ އެކަމާ ގުޅޭ ތަފްސީލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.
ފެބުރުއަރީ 7 ގައި ވެރިކަން ބަދަލުވި ހާދިސާއާ ގުޅިގެން، ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ނެރުއްވި ރިޕޯޓުގައި ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ހިމަނާފައިވާނެ ކަމަށް އެ ދެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ރިޕޯޓުގައި ހިމެނުމަށް މައުލޫމާތު ލީކޮށްލާފައިވާ މައްސަލަ އެ މުއައްސަސާ އިން އަންނަނީ ތަހުގީގުކުރަމުންނެވެ.
ހަމީދު ހައްޔަރުކޮށްފައި ވަނީ މައުލޫމާތު ލީކުކޮށްލި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންތަކެއްގެ ގެތަކެއް ކޯޓު އަމުރެއްގެ ދަށުން ވަނީ އިއްޔެ ފާސްކޮށްފަ އެވެ.
ހަމީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ "މޯލްޑިވްސް ޕޮލިސް ސާވިސް މުވައްޒަފުންތަކެއް ސިޔާސީގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ހިދުމަތް ދޭ ފަރާތްތަކާ މެދު އާއްމު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ގަދަރަށް އުނިކަން ލިބިދޭގޮތަށް، 'ފުލުހުންނާއި ސިފައިންނާއި ހިންގި ބަޣާވާތް' މި ނަމުގައި ހަގީގަތް އޮޅޭގޮތަށް، ރިޕޯޓެއް ތައްޔާރުކުރުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވާނެކަމަށް ފެންނާތީ އާއި އަދި މި މައްސަލާގައި އިތުރު ބަޔަކު ބައިވެރިވާ ކަމަށް ބެލެވޭތީ މައްސަލައިގެ އިތުރު ހެކި ނައްތާލަފާނެ ކަމަށް ފެންނާތީ" ކަމަށެވެ.
ހަމީދު ހައްޔަރުކުރުމަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް" ނަމުގައި އާއްމުކޮށްފައިވާ ރިޕޯޓް ނެރުމުގެ ކުރިން ރިޕޯޓަށް ގެންނަން ފާހަގަކޮށްފައިވާ އިސްލާހުތައް ހިމެނޭ ޑްރާފްޓް ރިޕޯޓެއް މުހައްމަދު ހަމީދުގެ ޖީމެއިލް އެކައުންޓަކަށް ފޮނުވާފައި އޮތްކަން އެނގެން އޮތުމާއި ރިޕޯޓް އާއްމުކުރުމުގެ ކުރިން ރިޕޯޓާ ގުޅޭގޮތުން ހަމީދު މަޝްވަރާކޮށްފައިވާ ކަމަށް ދޭހަވާ މެސެޖްތަކެއް ފެނިފައިވުމެވެ.
94 comments