ސިފައިންގެ ބަޔަކާއި ފުލުހުންގެ ބަޔަކު ވެސް ބައިވެރިވެގެން ބިދޭސީންތަކެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލާގައި ހަތަރު ފުލުހަކާއި ސިފައިންގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 8 ވަނަ ދުވަހު ފަތިހު 5:30 އެހާއިރު ފޭރުނު މައްސަލާގައި ސިފައިންގެ ދެ މީހަކާއި ހަތަރު ފުލުހުންގެ އިތުރުން ބަންގްލަދޭޝްގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އިތުރު މީހަކު ހޯދަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގިނައަދަދެއްގެ މީހުންތަކެއް ހިމެނޭ ގްރޫޕަކުން ބިދޭސީ މީހުން ދިރިއުޅޭ ތަންތަނަށް ވަދެ ބިރުދައްކައިގެން ފައިސާ އާއި އަގުބޮޑު ތަކެތި ފޭރެމުންދާ ކަމުގެ މައްސަލަތަކެއް ހުށަހެޅުމާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. މި މީހުން އެކިފަހަރު މަތިން ބިދޭސީން އަތުން ގިނައަދަދެއްގެ ފައިސާތަކާއި އަގުބޮޑެތި ސާމާނު ފޭރިފައިވާ ކަމަށް ތަހުގީގުގައި އިއުތިރާފު ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ
ގޯޅިގަނޑެއްގެ ތެރޭގައި ހުންނަ ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ، ގިނަ
އަދަދެއްގެ ފައިސާ ފޭރިގަތް ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ
ތެރޭގައި ފުލުހުންގެ ތަހުގީގު ޓީމުގެ މީހަކާއި ސްޕެޝަލް އޮޕަރޭޝަންސްގެ
މީހަކު ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ ފޭރުމުގައި ފުލުހުން ބައިވެރިވެފައި ވާތީ ވަރަށް ބޮޑު އިސްކަމެއްދީގެން މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި މި ފުލުހުންނާ މެދު ފުލުހުންގެ ގާނޫނުގެ ދަށުން ފިޔަވަޅުތައް އަޅާނެ ކަަމަށް ބުންޏެވެ.
ބިދޭސީ ބަޔަކު ދިރިއުޅޭ ގެއަކަށް ވަދެ ގިނަ އަދަދެއްގެ ފައިސާ އާއި
މޯބައިލް ފޯނުތަކެއް ފޭރިގަތް ދެ ފުލުހަކު މީގެ ކުރިން ވަޒީފާ އިން ވެސް
ވަކިކޮށްފައިވެ އެވެ. އަދި ފުލުހުންގެ ޔުނީފޯމްގައި، ދައުލަތުގެ އަމަން
ބަލަހައްޓާ މީހެއްގެ ގޮތުގައި ހުރެ ފޭރިގަތުމުގެ ކުށް ސާބިތުވެ އޭގެ
ތެރެއިން އެކަކު ނުވަ މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ވެސް
ކުރި އެވެ.
45 comments