ޑރ. މުހައްމަދު ޖަމީލް

ދާއިމީ ގޮތަކަށް ނަޝީދު ޖަލަށް ދާނެ: ހޯމް މިނިސްޓަރު

އަހުމަދު ހަމްދޫން
15 ޖޫން 2012 14:42 112 ކޮމެންޓު
  • ހޯމް މިނިސްޓަރު ޑރ. ޖަމީލް ނިއުސް ކޮންފަރެންސެއްގައި: އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ނަޝީދުގެ މައްޗަށް ސާބިތުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޑރ. ޖަމީލް ވިދާޅުވޭ.---ހަވީރު ފައިލް ފޮޓޯ

ވެރިކަން ކުރެއްވި ދުވަސްވަރު ކުރީގެ ރައީސް މުހަންމަދު ނަޝީދު ހިންގަވާފައިވާ ކަންތައްތަކަށް ބަލާއިރު ދާއިމީ ގޮތަކަށް އެ މަނިކުފާނަށް ޖަލަށް "ދާނެ" ކަމަށް ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

"ހަވީރަ" ށް ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު މިއަދު ވިދާޅުވީ ނަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ބޮޑެތި ކުށްތަކެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޝަން މަރުހަލާއާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

"އޭގެ ތެރެއިން އެންމެންނަށް އެނގޭ އެއް މައްސަލަ އަކީ ކްރިމިނލް ކޯޓުގެ އިސް ގާޒީ، ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ހައްޔަރުކުރި ކުރުން. އަޅުގަނޑަށް ވަރަށް ޔަގީން އެ މައްސަލަ ޝަރުއީ ކޯޓުން އަންނިގެ މައްޗަށް ސާބިތުވާނެ ކަމަށް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު ކޯޕަރޭޓް ކްރައިމްތަކެއްގެ ތުހުމަތު ވެސް ކުރެވޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ މުދަލާއި ފައިސާތައް ހުރި އެކި ކުންފުނިތައް ނަހަމަ ގޮތުގައި ނަޝީދު ބޭނުން ކުރައްވާފައިވާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި ދައުލަތަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަންތައްތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ތެރެއިން ބައެއް ކަންތައްތައް އޭސީސީ އަށް ހުށަހަޅައި އެބަދޭ ތަހުގީގު ކުރަމުން. މިފަދަ އެތައް ކަމެއް ތަހުގީގުކޮށް ޝަރީއަތް ނިމިގެން އަންނަ ހުކުމްތަކުގެ އަދަބަކީ ޖަލު ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ. އެހެންވީމަ އަންނި ހައްޔަރު ނުކުރެވޭނެއޭ ބުނުމުގެ ޖާގައެއް ނެތް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ޕީޖީ އޮފީހުން ހަފުތާއެއްގެ ތެރޭގައި ޝަރީއަތަށް ފޮނުވޭ ވަރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެކަމަށް ދެން މާގިނަ ދުވަހެއް ވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

112 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait