އެމްއެންޑީއެފް

ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކުރި ސިފައިންގެ ދެ މީހަކު ވަޒީފާގައި

ފަޒީނާ އަހުމަދު
19 ޖޫން 2012 15:37 21 ކޮމެންޓު
  • ފޭރުމުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެ މީހުން، ފޭރުނު ގެއިން ނެރެގެން ގެންދަނީ--ހަވީރު ފައިލް ފޮޓޯ

ސިފައިންގެ ޔުނިފޯމުގައި މާލޭ ގެއަކަށް ވަދެ، އެ ގޭގައި ދިރިއުޅޭ ބިދޭސީ ބަޔަކަށް ބިރުދައްކައި ފައިސާ ފޭރެމުން ދިޔަ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ހައްޔަރުކުރި ސިފައިންގެ ދެ މީހުން މަސައްކަތަށް ނުކުންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފުގެ ސްޕޯކްސް ޕާސަން، ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ ފޭރުމުގެ މައްސަލާގައި ހިމެނުނު ސިފައިންގެ ދެ މީހުން ވަޒީފާ އަށް ނުކުންނަން ފެށީ އެ މައްސަލައިގެ ތަހުގީގު މަރުހަލާ ފުލުހުން ނިންމައި، މައްސަލަ ޝަރީއަތަށް ފޮނުވުމާ ގުޅިގެން ކަމަށެވެ. މައްސަލަ ޝަރީއަތަށް ހުށަހަޅަންދެން އެ ދެ މީހުން ތިބީ ސަސްޕެންޝަނުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޭރުމުގެ އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު އާރާމުގޭ ލާންސް ކޯޕްރަލް އަލީ އިބްރާހީމް، ،26 އާއި ލ. މުންޑޫ ފިނިފެންމާގޭ ޕްރައިވެޓް ހުސައިން މާހިރު، ،32 އެވެ.

"އެއީ [ވަޒީފާ އަށް ނެރުނީ] އެއްގޮތަކަށް ވެސް އެ މީހުންނަށް ލުޔެއް ދިނުމަކަށެއް ނޫން. އެ މައްސަލަ ޝަރީއަތުން ސާބިތުވެއްޖިއްޔާ ދެ މީހުންނާ ދޭތެރޭ ވެސް ހަރުކަށި ފިޔަވަޅުއަޅާނެ. ކޯޓުގައި މައްސަލަ އޮއްވައި އެ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާނީ ޝަރުއީ މަރުހަލާގައި ކަމަށް ވުމުން އެ މަރުހަލާ ނިމެންދެން ސަސްޕެންޝަން އަނބުރާ ގެނައީ ކަމަށެވެ. އެ މީހުން މިހާރު ތިބީ ކުރިން މަސައްކަތް ކުރި ޔުނިޓްތަކުން އެހެން ޔުނިޓަކަށް ބަދަލުކޮށްފައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭގެ ތެރެއިން އެކަކު ކުރިން ކޯސްޓް ގާޑް އޮޕަރޭޝަންސްގައި މަސައްކަތްކުރިއިރު އަނެކަކު މަސައްކަތްކުރީ ކޯސްޓް ގާޑް ބިލްޑިންގެ ސެކިއުރިޓީގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސިފައިންގެ މައްޗަށް މައްސަލައެއް ސާބިތުވެއްޖެ ނަމަ ހަރުކަށި ފިޔަވަޅު ނާޅައި އެ މުއައްސަސާއެއް ނޯންނާނެ އެވެ.

ފުލުހުންގެ ހަތަރު މީހަކާއި ސިފައިންގެ ދެ މީހަކު ފޭރުނު މައްސަލައެއް މީގެ ހަފުތާއެއްހާ ދުވަސްކުރިން ފަޅާއެރުމާ ގުޅިގެން ފުލުހުން އަންނަނީ އެކަން ތަހުގީގުކުރަމުންނެވެ.

21 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait