ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު ނާއިފް ބިން އަބްދުލް އަޒީޒްގެ މައްޗަށް އަންނަ ހުކުރު ދުވަހު ޣައިބުގައި ކަށު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމީ އެފަދަ ލީޑަރުންގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކުރުމަކީ ރާއްޖޭއިން ދަމަހައްޓާ ކަމެއް ކަމަށެވެ. އެހެންވެ އަންނަ ހުކުރު ދުވަހު މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގައި ސައޫދީ ވަލީ އަހުދުގެ މައްޗަށް
ކަށު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ކަމުގައި ގިނަ ބަޔަކު ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ސައޫދީ ވަލީ އަހުދުގެ މައްޗަށް އެ ގައުމުގެ ހުރިހާ މިސްކިތެއްގައި ޣައިބުގައި ކަށު ނަމާދު ކުރުމަށް ސައޫދީން ގަރާރެއް ނެރެފައިވާ ކަމަށާއި އަރަބި އިސްލާމީ ގިނަ ގައުމުތަކެއްގައި ވެސް އެ ނަމާދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ސައޫދީގެ ބޮޑުވަޒީރުގެ ނާއިބު އަދި ދާހިލީ ވަޒީރުކަމުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި ނާއިފް އަވަހާރަވީ އުމުރުފުޅުން 77 އަހަރުގަ އެވެ. ވަލީއަހުދު ނާއިފް މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވެފައި ވަނީ މިދިޔަ މަހުން ފެށިގެން ސްވިޒަލޭންޑްގެ ޖެނީވާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.


7 comments