ސިޔާސީ

ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލާ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް ގައުމީ ޕާޓީން ގޮވާލައިފި

19 ޖޫން 2012 21:08 27 ކޮމެންޓު
  • ޑީއާރުޕީ އާއި ގައުމީ ޕާޓީން ފެބްރުއަރީ ،14 2011 ގައި ސޮއިކުރި ކޯލިޝަން އެގްރީމަންޓް، ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ބަދަލު ކުރައްވަނީ.---ހަވީރު ފައިލް ފޮޓޯ

ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ އިތުބާރު ގެއްލުވާލުމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު ހަރަކާތްތަކެއް ކުރިއަށް ގެންދަވާ ކަމަށާއި އެކަމަށް ހިތްވަރު ލިބޭ ފަދަ އެއްވެސް ކަމެއް ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ނުކުރުމަށް ގައުމީ ޕާޓީން ގޮވާލައިފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަދު މެންބަރުންތަކެއްގެ އެހީތެރިކަމާއެކު، ނަހަމަ ގޮތުގައި މަޖިލިސް ބޭނުން ކުރައްވައިގެން ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ އަގު ވައްޓާލައި ނަފުރަތާއި ބައިބައިވުން އުފެއްދުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. އަދި އެކަންކަމަށް އެއްވެސް ފަރާތަކުން ވާގިވެރިވުމަކީ ރައްޔިތުންގެ ވިންދާ ދެކޮޅަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ސަރުކާރަށް ތާއީދުކުރާ ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.

ސިފައިންނާއި ފުލުހުން ދިފާއުކޮށް ގައުމީ ޕާޓީން ބަޔާން ނެރުނުއިރު ސިފައިންނާއި ފުލުހުން އާންމުންނަށް އަނިޔާ ކުރަމުންދާތީ އާއި ފޭރެމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށްޓަކައި، ގައުމީ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޑީއާރުޕީގެ ބައެއް މެމްބަރުން ވޯޓު ދެއްވި މައްސަލަ ވަނީ ވަރަށް ހޫނުވެފަ އެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑީއާރުޕީއަށް ބަހުގެ ހަމަލާތައް ދެއްވަމުން ގައުމީ ޕާޓީގެ އެއް ނާއިބު ރައީސް އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ "މިހާރު ޑީއާރުޕީ އާއި ގައުމީ ޕާޓީއާ ދެމެދު ކޯލިޝަނެއް ނޯންނާނެ" ކަމަށެވެ.

މަޖިލީހުގައި މިއަދު ހިނގާދިޔަ ކަންތައްކާ ވިއްދައިގެން ގައުމީ ޕާޓީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސް މުހަންމަދު ވަހީދުގެ ސަރުކާރަށް ބައިއަތު ހިފާފައިވާ ކޮންމެ ޕާޓީއަކުން ވެސް ސަރުކާރު ހިންގުމުގައި ބައިވެރިވާ ކަމަށެވެ. އެ ގޮތުން އެ ޕާޓީތަކުގެ ބޭފުޅުން ރައީސް ވަހީދުގެ ސަރުކާރުގެ ކެބިނެޓުގަ އާއި ސަރުކާރުގެ ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި އެބަތިއްބެވި ކަމަށް ވެސް ގައުމީ ޕާޓީން ބުންޏެވެ.

"އެހެންކަމުން ސަރުކާރުގެ އެންމެ ފަހުން ނިންމުންތައް ނިންމެވުމުގައި ފުރިހަމައަށް ބައިވެރިވާ ހާލުގައި، ސަރުކާރުގެ އަގު ވައްޓާލުމަށާއި، ސިފައިންނާއި ފުލުހުންނަށް ފުރައްސާރަ ކުރުމަށް ނަޝީދު ކުރައްވާ މަސައްކަތް ބަލިކަށިކޮށް، ފެއިލް ކޮށްލުމަށް ބާރުއަޅާ މަސައްކަތް ކުރުމަކީ ސަރުކާރު ކޯލިޝަންގެ ހިމެނޭ ކޮންމެ ޕާޓީއަކުން ކުރަންޖެހޭ މަސައްކަތެއް ކަމުގައި މި ޕާޓީން ދެކެމެވެ،" ރައީސް ވަހީދުގެ އެޑްވައިޒަރު ޑރ. ހަސަން ސައީދު އިސްވެ ހުންނަވާ ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ނަޝީދުގެ ވެރިކަމުގައި ފުލުހުންނާއި ސިފައިންގެ މުއައްސަސާ ވެފައި ވަނީ، ޣައިރު ގާނޫނީ އަމުރުތަކުގެ ޝިކާރައަކަށް ކަމަށެވެ. އަދި އޭރު ޣައިރު ގާނޫނީ އަމުރުތައް ސަލާމަތީ ބާރުތަކަށް ކުރި މީހުން މިއަދު ނިވަލުގައި ތިބެގެން ފުލުހުންނާއި ސިފައިންގެ ހީވާގި ޒުވާނުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރަމުން ދިއުމަކީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށާއި ދައުލަތުގެ ހިދުމަތުގައި ތިބި މީހުންނަށް އިހުތިރާމް ނުކުރުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ސިޔާސީ ވާދަވެރިކަން ހުރި ކަމުގައިވީ ނަމަވެސް، މިވަގުތު ދިވެހި ރައްޔިތުން އެދެނީ ގުޅިފައިވާ ޕާޓީތަކުން އެއް ރޫހެއްގައި މަސައްކަތް ކުރުމަށެވެ. ދިވެހި ގައުމަށާއި ރައްޔިތުންނަށްޓަކައި އެތައް ގުރުބާނީއެއް ވެފައިވާ އަދި މިއަދު ވެސް ހީވާގި ކަމާއި ހިތްވަރާއެކު ގައުމާއި ދީނަށްޓަކައި ރެޔާއި ދުވާލު މަސައްކަތްކުރާ ފުލުހުންނާއި ސިފައިންގެ ޝަރަފު ދެމެހެއްޓުމުގައި އެއްބައެއްގެ ގޮތުގައި ބައިވެރިވުމަށެވެ. ދިވެހި ގައުމީ ޕާޓީގެ ރޫހަކީ އަދި ވިންދަކީ ވެސް މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކުރުމެވެ،" ބަޔާނުގައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިގެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ފެށީ، އެކަމަށް ބޭނުންވާ އެންމެ މަދު އަދަދުގެ ވޯޓާއެކުގަ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ އެ ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ ތެރެއިން 23 މެމްބަރެކެވެ. ނުފެންނަ ކަމަށް 22 މެމްބަރަކު އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފެންނަ ކަމަށް  23 މެމްބަރަކު ވޯޓު ދެއްވިއިރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންނެވީ ވަކިކޮޅަކަށް ވޯޓު ނުދެއްވަ އެވެ. އަދި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ޖާބިރު ވޯޓު ދެއްވީ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށެވެ. އާޒިމާއި ޖާބިރު އެ ގޮތަށް އަމަލު ކުރެއްވި ނަމަވެސް އެ ވޯޓުގައި ބައިވެރިވި ޑީއާރުޕީގެ އެހެން މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރާ އެހެން ޕާޓީތަކުގެ މެމްބަރުން ވޯޓު ދެއްވީ އިންތިގެ ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށެވެ. އެ މައްސަލަ ބަލައިގަތުމަށް ފާސްވީ ބައެއް މިނިވަން މެމްބަރުންގެ ވޯޓާއެކު އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދާއި ދުވާފަރު ދާއިރާގެ މުހަންމަދު ޒުބެއިރާއި ވެލިދޫ ދާއިރާގެ އަލީ މުހަންމަދު ހިމެނިވަޑައިގަންނަވަ އެވެ.

27 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait