މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ ފުލުސް އޮފީހަށް ހާޒިރުކޮށްފި
20-06-2012 17:17
ފުލުސް އޮފީސް ބޭރުގައި މާރިޔާ ނޫސްވެރިންނަށް ވިދާޅުވީ އޭނާ ޕޮލިހަށް ހާޒިރުކުރީ އުސްފަސްގަނޑު ފާސްކޮށް އެ ތަން ރޫޅާލި ދުވަހު ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި މީހުން އެއްކުރުމުގަ އާއި ފުލުހުންގެ ތަކެއްޗަށް ގެއްލުންދިނުމުގައި އޭނާ ބައިވެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށް ކަމަށް. ނަމަވެސް އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކުރައްވައި ފުލުހުންނަށް ބަޔާނެއް ދެއްވާފައިވާނެ ކަމަށް މާރިޔާ ވިދާޅުވި. އޭނާ އިތުރަށް ވިދާޅުވީ ފުލުހުން އޭނާއާ މެދު އެ ގޮތަށް އަމަލުކުރަމުން ދަނީ ނަޝީދުގެ ސަރުކާރާ ދެކޮޅަށް ފުލުހުން ބަޣާވާތްކޮށްފައިވާ ކަމަށް އޭނާ ގަބޫލުކުރައްވާތީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ލޯބި އޭނާ އަށް ލިބިވަޑައިގެންފައިވާތީ ރައްޔިތުންގެ ހިތްތަކުގައި އޭނާއާ މެދު ނަފްރަތު އުފެއްދުމަށް ކަމަށް.
20-06-2012 17:07
މާރިޔާ ފުލުސް އޮފީހުން ނުކުމެވަޑައިގެންފި
20-06-2012 15:59
ނަޝީދު ކާރުގައި ފުލުސް އޮފީސް ދޮށުން ވަޑައިގެންފި
20-06-2012 15:46
ރައީސް އޮފީސް ކައިރީގައި ހުރި ޕޮލިސް ބެރިކޭޑުން ބޭރަށް އާއްމުން ނެރެފި. ފުލުސް އޮފީސް ކައިރީގައި މި ވަގުތު ތިއްބެވީ ނަޝީދާއި އެމްޑީޕީގެ އެހެން ބައެއް އިސް ބޭފުޅުން.
20-06-2012 15:26
ފުލުހުން ދަނީ އެއްވެ ތިބި މީހުން މަޑުމަޑުން ދުރަށް ޖައްސަމުން. ހެލްމެޓް އަޅައި މުގުރު ހިފައިގެން ތިބި ރަޔަޓް ފުލުހުން ހަރަކާތްތެރިވަމުން އެބަދޭ.
20-06-2012 15:21
އެއްވެ ތިބި މީހުން އެ ސަރަހައްދުން ދިއުމަށް ފުލުހުން އިންޒާރު ދީފި
20-06-2012 15:16
މާރިޔާއާ އެކު ވަޑައިގެން ނަޝީދު ފުލުސް އޮފީސް ބޭރުގައި
20-06-2012 15:14
މާރިޔާ ހާޒިރުކުރުމުން ފުލުސް އޮފީސް ދޮށަށް މީހުން އެއްވެފައި
20-06-2012 15:12
އެ ތަނުން ހައްޔަރުކޮށްފައިވަނީ ތ. އަތޮޅު ކައުންސިލް މެމްބަރު މައުމޫން ސުލައިމާން.
20-06-2012 15:11
އެމްޑީޕީގެ މަޖިލިސް މެމްބަރު މާރިޔާ އަހުމަދު ދީދީ ފުލުސް އޮފީހަށް
ހާޒިރުވެވަޑައިގެންފި. އޭނާ ހާޒިރުވެވަޑައިގަތުމަށް ޗިޓު ފޮނުވުމާ ގުޅިގެން
މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ ފުލުސް އޮފީހަށް ވަޑައިގަތީ ކުރީގެ
ރައީސް މުހައްމަދު ނަޝީދު އަރިހުގައި އަދި ސަޕޯޓަރުންނާ އެކު މަޖިލީހުގެ
އިދާރާ އިން ފެށިގެން ހިންގަވާފައި.
މާރިޔާ އާއި ނަޝީދާއި ސަޕޯޓަރުން ބަންޑާރަކޮއްޓާ އަރާހަމަވިއިރު އެ
ތަނުގައި ހަ ފުލުހަކު ސަފު ހަދައިގެން ތިބި. ނަމަވެސް އެ މީހުން ވަނީ ސަފު
ފޫއަޅުވާލާފައި އެތެރެއަށް ވަދެފައި. އޭގެ ތެރެއިން އެކަކު މިހާރު ވަނީ
ހައްޔަރުކޮށްފައި. މާރިޔާ ފުލުސް އޮފީހަށް ވަދެވަޑައިގެންފައިވާ އިރު
ފުލުސް އޮފީހުގެ މައި ދޮރު ކުރިމަތިން މީހުން ދުރަށް ޖައްސަން ފުލުހުން
ދަނީ މަސައްކަތްކުރަމުން. އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ފުލުސް އޮފީސް ކައިރީގައި ތިބެގެން ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ އިސްތިއުފާ އަށް ގޮވަމުން.
27 comments