ހިންދީ ފިލްމުތައް ބަލައި، ހިންދީ ފިލްމުގެ ވިޔަފާރި ރާއްޖޭގައި މެކުހަށް ޖަހާފައި އޮންނަތާ އެތައް ދުވަހެއް ވީއިރު ވެސް ދިވެހިންނަށް ނުލިބޭ ވަރުގެ ނަސީބެއް ލިބިއްޖެ އެވެ. ސީދާ ހިންދީ ފިލްމަކަށް ފުރަތަމަ ފަހަރަށް ދިވެއްސަކު މިއުޒިކް ހަދައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ބުދަ ދުވަހުގެ ރޭ ވަނީ ލަވައެއް ރެކޯޑުކޮށްފަ އެވެ.
"ރޭ ލަވަ ރެކޯޑްކޮށް ނިންމައިފިން. މިހާރު މާސްޓަ ހަދަމުން ދަނީ،" އުނޫޝާގެ ފިރިމީހާ، އިބްރާހިމް ހަމީޝް ބުންޏެވެ.
އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރު ޕޫޖާ ބަޓް އުފައްދަމުން ގެންދާ "ޖިސްމް 2" އަށް ހަދާފައިވާ ލަވައިގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ ދިވެހިންނެވެ. އަދި ރެކޯޑުކޮށްފައި ވަނީ ވެސް ރާއްޖޭގަ އެވެ. އެ ފުރުސަތު ޕޫޖާ ބަޓް، އުނޫޝާ އަށް ދިނީ މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އުނޫޝާ އާ ދިމާވެ، އޭނާގެ ހުނަރު ފެނިގެން ކަމަށް ޕޫޖާ ބަޓް ވަނީ ބުނެފަ އެވެ.
"ޖިސްމް 2" އަށް އުނޫޝާ ކިޔައިދީފައިވާ ލަވައިގެ މިއުޒިކް ހަދާފައި ވަނީ އޭނާގެ ގާތް އެކުވެރިޔާ، އަދި ޒުވާން މިއުޒީޝަން އަބްދުލް ބާސިތު (ބާޗި) އެވެ. މި ލަވައިގައި "ދިވެހިވަންތަ ފީލެއް ހުންނާނެ" ކަމަށް ހަމީޝް ބުންޏެވެ.
މި ލަވަ ރެކޯޑު ކުރުމާ ގުޅިގެން ޕޫޖާ ބަޓް ވަނީ އުނޫޝާ އަށް މަރުހަބާ ކިޔައި ޓްވީޓްކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ އުނޫޝާގެ ލަވަ އަޑުއަހާލަން ކެތް މަދުވެފައި ހުރި ކަމަށެވެ. އަދި ޕޫޖާ ބަޓް ބުނެފައި ވަނީ "ޖިސްމް 2" އަކީ ވަރަށް ތަފާތު މިއުޒިކްތަކެއް ހުންނާނެ ފިލްމެއް ކަމަށާއި އެއީ ހަމައެކަނި މެލޮޑީތައް ރީތިވުން އެކަނި ނޫން ކަމަށް އޭނާ ބުނެފައި ވެ އެވެ.
"މި ފިލްމުގައި އިންޑިއާ އާއި ދިވެހިރާއްޖެ އަދި ޕާކިސްތާނުގެ މިއުޒިކްތައް ހިމެނޭނެ،" ޕޫޖާ ބަޓް ބުނެފައި ވެ އެވެ.
އޮގަސްޓް 3 ގައި ނެރެން ނިންމާފައިވާ ފިލްމަށް ރާއްޖެއިން ތައްޔާރުކޮށްފައިވާ ލަވަ، އިންޑިއާގައި ހިނގައިފި ނަމަ، އެއީ އުނޫޝާ އަށް ހުޅުވިގެންދާނެ ވަރަށް މުހިންމު ދޮރެކެވެ.
"އުނޫޝާ ހުރީ ވަރަށް އުފާވެފައި. މިއީ އުނޫޝާ އާއި ބާޗިގެ ވެސް ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް ވުން،" ހަމީޝް ބުންޏެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
18 comments