މެމްބަރު ހަސަން އާދިލް

އާދިލް ޖުމްހޫރީ ޕާޓީއަށް ސޮއިިކުރައްވަނީ

އަހުމަދު ހަމްދޫން
21 ޖޫން 2012 20:47 28 ކޮމެންޓު
  • އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އާދިލް (ވ) ބައިވެރިވެ ވަޑައިގަންނަވަނީ: އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުން ގެންގުޅުއްވާ. --ހަވީރު ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ސ. މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ހަވީރަށް އެނގިއްޖެ އެވެ.

ގައުމީ ޕާޓީގައި އުޅުއްވުމަށް ފަހު މިހާރު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އާދިލް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނީ އަންނަ ހަފުތާ ތެރޭގައި ކަމަށް އެނގިފައިވެ އެވެ.

މިކަމާ ގުޅިގެން "ހަވީރު" ން ސުވާލުކުރުމަށް އާދިލް ވިދާޅުވީ އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އަންނަ ހަފުތާގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާދިލް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ ގައުމީ ޕާޓީގެ ޓިކެޓްގަ އެވެ. ދާދި ފަހުން ވަނީ، އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު އެމްޑީޕީ ދޫކުރައްވައި ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ. އަދި ޑީއާރްޕީގެ ޓިކެޓްގައި ފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަލްހާން ފަހުމީ އެމްޑީޕީގައި ހުންނެވުމަށް ފަހު މިހާރު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

އާދިލް އެމްޑީޕީން ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 25 އަށް ދަށް ވާނެ އެވެ. މިހާރު އެމްޑީޕީގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ 26 މެމްބަރެކެވެ.

އާދިލް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި ނަމަ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ފަހަކަށް އަރާނެ އެވެ. މިހާރު ޖުމްހޫރީ ޕާޓީގެ ހަތަރު މެމްބަރަކު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަ އެވެ. އެއީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ އާއި ޕާޓީގެ ޑެޕިއުޓީ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަދި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އެވެ.

އާދިލް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމުގެ ވާހަކަތައް މީޑިއާގައި ފެތުރިފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީއަށް ސޮއިކުރާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ފަހުން ޖުމްހޫރީ ޕާޓީން ބުނީ އެ ރަސްމިއްޔާތު ނުބޭއްވުނީ އޭގެ ތެރެއިން ގިނަ ބޭފުޅުންތަކެއް ރަށުގައި ނޫޅުއްވާތީ ކަމަށެވެ. އަދި ވީހާ ވެސް ގިނަ މެމްބަރުންނާއެކު އެ ރަސްމިއްޔާތު ބޭއްވުމަށްޓަކައި ފަސްކުރީ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

28 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait