ގިގްލްސް ކެއާގެ ނަމުގައި މާލޭގައި ޑޭ ކެއާ ސެންޓަރެއް ހުޅުވައިފި އެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ހުޅުވި ޑޭ ކެއާ ސެންޓަރު ހިންގުމުގައި އިސްކޮށް އުޅުއްވާ ނަޒްމާ ނަސީރު ވިދާޅުވީ މިހާރު ވެސް ފަސް މަހާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ގިގްލްސް ކެއާގައި ހިދުމަތް ދެމުން ގެންދާ ކަމަށެވެ.
"ވަރަށް ކޮންފިޑެންސާއެކު އެބަ ނަގަން ވަރަށް ތުއްތު ބޭބީން ފެށިގެން 10 އަހަރާ ހަމައަށް،" މިދިޔަ ހަފުތާގެ ބުދަ ދުވަހު "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ނަޒްމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗާންދަނީމަގުން ރެޑްވޭވް ފިހާރަ ކައިރީގައި ހުންނަ ޑޭ ކެއާ ސެންޓަރުން ވަޒީފާ ދިނުމުގައި އިސްކަން ދެނީ ޓީޗަރުކަން ކިޔަވާފައިވާ ފަރާތްތަކަށް ކަމަށާއި މިހާރު ވެސް އެކަށީގެންވާ އަދަދަށް މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އައިޖީއެމްއެޗުގެ ނަރުހެއްގެ ގޮތުގައި 17 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި ކައުންސިލަރުކަން ވެސް ކިޔަވާ ވިދާޅުވެފައިވާ ނަޒްމާ ވިދާޅުވި ސެންޓަރުން ވަޒީފާ ދެނީ ހިދުމަތް ހޯދާ ކުދިންގެ ނިސްބަތަށް ބެލުމަށް ފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ޑޭ ކެއާ ސެންޓަރުގައި ކުދިން ހޭދަކުރާ ވަގުތުގެ ތެރޭގައި ކުޅިވަރުގެ ތެރެއިން އުނގެނުމުގެ ބައިތައް ދަސްކޮށްދޭނެ ކަމަށެވެ. ޕްރީ ސްކޫލު ނުވަތަ ޕްރައިމަރީ ޓީޗިން ހަދާފައިވާ ޓީޗަރުންނަށް އިސްކަންދެނީ އެހެންވެ ކަމަށް ނަޒްމާ ވިދާޅުވި އެވެ.
ނަޒްމާ ވިދާޅުވި ގޮތުގައި ހެނދުނު 7 އިން ހަވީރު 30: 3 އަށް ޑޭ ކެއާ ސެންޓަރު ރަސްމީކޮށް ހުޅުވާނެ އެވެ. ނަމަވެސް ބެލެނިވެރިން އެދިއްޖެ ނަމަ ރޭގަނޑު 10 ޖަހަންދެން ވެސް ސެންޓަރު ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިގްލްސް ކެއާ އިން ހިދުމަތް ދެނީ ގަޑިއިރަކަށް ޗާޖުކުރާ ގޮތަށެވެ. އެ ގޮތުން ހަތް ގަޑިއިރާއި އަށް ގަޑިއިރާ ދެމެދަށް ހިދުމަތް ހޯދާ ނަމަ ގަޑިއިރަކަށް ނަގަނީ 23ރ. އެވެ. ފަސް ގަޑިއިރާއި ހަ ގަޑިއިރާ ދެމެދަށް ނަގަނީ ގަޑިއިރަކަށް 24ރ. އެވެ. އަދި ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގެ ވަގުތަކަށް ހިދުމަތް ހޯދާ ނަމަ ގަޑިއިރަކަށް ނަގަނީ 25ރ. އެވެ.
"އެއް ގަޑިއިރަށް ޑްރޮޕްކޮށްލަން ބޭނުންވަންޏާ، މިސާލަކަށް ޝޮޕިންއަށް ދަމުން ނޫނިއްޔާ މީޓިންއަކަށް ދަމުން، ކޮފީއަކަށް ދަމުން، އެ ކަހަލަ ވަގުތު ވަގުތު ޑްރޮޕިންއަށް އިންނާނީ ގަޑިއިރަކަށް 40ރ. އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް. ހައެއްގެ ފަހުން ވެއްޖިއްޔާ ރޭޓް ހައި ވާނެ. އޭރުން ގަޑިއިރަކަށް ނަގާނީ 50ރ.،" ނަޒްމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޭ ކެއާ ސެންޓަރަށް ކުދިން ގެނައުމުގެ ކުރިން އެ ކުދިންގެ ހުރިހާ ހިސްޓްރީއަކަށް ބަލާ ކަމަށެވެ. އެ ގޮތުން ކުއްޖާގެ ކެއުމާއި ނިދުމާއި ޕާސަނަލިޓީ ފަދަ ކަންކަން ބަލައި ފޯމެއް ފުރާނެ އެވެ.
"ކޮންމެ ކުއްޖެއް ވެސް ތަފާތުވާނެ އެންވަޔަރަމަންޓް. އެ ކުއްޖާ ބޮޑުވާ އެންވަޔަރަންމަންޓް ވެސް އެނގިގެން އެ ކުއްޖަކަށް ކެއާ ދެވޭނީ. ކުއްޖާގެ ބިހޭވިއާ ވަރަށް ރަނގަޅަށް އެނގިގެން މިތަނަށް ނަގަނީ،" ނަޒްމާ ވިދާޅުވި އެވެ.
އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ފެށި ޑޭ ކެއާ ސެންޓަރުގެ ހިދުމަތް ދެނީ ނަޒްމާގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒްލާ ނަސީރާ ދެ ބޭފުޅުންނެވެ.
ކިޔަވައި ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވާފައިވާ ނަޒްލާ ވިދާޅުވީ ބޮޑަށް ބައްލަވަނީ ހޯމް ބޭސްޑް އެންވަޔަރަމަންޓެއް ގާއިމްކޮށްދިނުމަށް ކަމަށެވެ. އެ ތަނުގައި ނަޒްމާ އާއި ނަޒްލާގެ ކުދިން ވެސް އެހެން ކުދިންތަކާއެކު އުޅެމުން ދާއިރު އެފަދަ މާހައުލެއްގެ ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"އެއީ ވެސް ވަރަށް ބޮޑު ސެޓިސްފެކްޝަނެއް. މިތަނުގައި އުޅޭއިރު އަޅުގަނޑުގެ ދަރިފުޅު ވެސް މިތަނުގައި އެބައުޅޭކަން އެބަ އިނގޭ. އެހެންވީމަ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން [މަސައްކަތް] ނިންމާލާފައި ދަނީ. އެހެން ކުދިން ކާ ގަޑީގައި އެ ކުދިން ވެސް ކާނެކަން އިނގޭ. ނިންދަވަން ބޭނުންވާ ގަޑީގައި ނިންދެވޭނެކަން ވެސް އިނގޭ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިގްލްސް ކެއާގައި ކުދިން ހޭދަކުރާ ވަގުތުގެ ތެރޭގައި ދީނީ ކަންކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އަދި ސްކޫލު މާހައުލުގައި އެ ކުއްޖެއްގެ އުމުރަށް ފެތޭ ގޮތަށް ކިޔެވުމާ ގުޅޭ ކަންކަން ދަސްކޮށްދޭ ގޮތަށް އެ ސެންޓަރުގައި ވެސް އެކަން އެކަންތައް ކުރިއަށް ގެންދާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"ރިޓިން ވޯކްސް އެއްޗެހި ވެސް ދޭނަން. މެނާސް. އަޅުގަނޑުމެން އަބަދުވެސް އެ ކަންކަން ބަލަމުން ގެންދާނަން،" ނަޒްލާ ވިދާޅުވި އެވެ.
ނަޒްމާ ވިދާޅުވީ ޑޭ ކެއާ ސެންޓަރެއް ހިންގުމަކީ ވަރަށް ބޮޑު ޒިންމާއެއް އަދި ބޮޑު ގޮންޖެހުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ވަރަށް ބޮޑަށް ރިސާޗް ކޮށްފައި މިކަން މި ފެށީ. ހަމަ ތިބެފައި، ބައެއްގެ ކުދިން އަހަރެމެންނަށް ބެލޭނެއޭ ކިޔާފައި ފެށީކީ ނޫން. މިއީ ޓަފް ކަމަކަށް ވީމާ ސްކޯޕް ނުކުރެވެނީ ކަމަށް ވެސް ވެދާނެ ވަކި ހިސާބަކަށް ގޮސްފައި. އެކަމަކު އިރާދަކުރެއްވިއްޔާ ގިގްލްސް ކެއާ ކުރިއަށް ދާނެ،" ނަޒްމާ ވިދާޅުވި އެވެ.

10 comments